މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ލ އަތޮޅު ގާދޫގައި މެރިޓައިމް ހަބެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ލ ގާދޫގައި ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްގީކޮށް ހިދުމަތް ދިނުމަކީ ރައީސުލް ޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ލ ފޮނަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ރައީސް ޑރ މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމުގެ މަޤްޞަދުގައި ލާމު ސަރަޙައްދުގައި މަޝްރޫޢުތައް ހިންގުމަކީ މުހިންމުކަމެއް ކަމަށެވެ. އެގޮތުން ޒަރޫރީ ޚިދުމަތްތައް ހިމެނޭ ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށް އެރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

" ގާދޫ އަކީ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި ބަންކަރިން ފެސިލިޓީސް ހުރި ތަނަކަށް ހަދާނަން،" ރައީސް ޑރ މުއިއްޒު
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ސަރުކާރުގެ ބޮޑު އެއްކުންފުނި އެމްޕީއެލުން ވަނީ އެމަސައްކަތް ފެށުމައް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން މެރިޓައިމް ދާއިރާގެ ހިދުމަތްތައް ދެވޭ ގޮތަށް އޮފްޝޯ ބަންކަރިންގެ ހިދުމަތާއި، ކުރޫޒް ޓާމިނަލްގެ އިތުރުން ޔޮޓް ފަހަރު ޕާކިން ޒޯނެއް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން މެރިޓައިމް ދާއިރާއާއި ގުޅުން ހުރި އިތުރު ހިދުމަތްތައް ފުޅާވެގެންދާނެ އެވެ.
މިހިދުމަތްތައް ދެވެން ފެށުމުގާއި އެކު އެ ސަރަހައްދުގެ ޒުވާނުންނާއި، އެކިއެކި ފަންތީގެ ބޭފުޅުންނަށް ގިނަ ވަޒީފާތަކެއް ހުޅުވިގެންދާނެއެވެ. އަދި މަސައްކަތް ފެށުމުގެ ކުރިންވެސް ގިނައަދަދެއްގެ ވަޒީފާގެ ފުރުސަތުތައް މި ސަރަހައްދުގައި ހުޅުވިގެން ދާނެއެވެ.

އެމްޕީއެލްގެ ހިދުމަތްތައް ފުޅާކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މެރިޓައިމް ދާއިރާގެ އެކިއެކި ހިދުމަތްތައް ދިނުމަށް އެމްޕީއެލުން އަމާޒު ހިފާފައިވާ އިރު ވެރިކަން ބަދަލުވެ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އައްޔަން ކުރެވުނު ހިސާބުން އެމްޕީއެލް ހިންގުމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އަދި އެޅި މުހިންމު ފިޔަވަޅުތަކުން ރާއްޖޭގެ އިގްތިސާދުގެ މުހިންމު ބައިވެރިއަކަށް އެމްޕީއެލް ވަނީ ވެފައެވެ.

ދާދި ފަހުން އެކުންފުނިން ވަނީ ރާއްޖެ އަށް މުދާ އެތެރެކުރާ ޝިޕް އެޖެންޓުން، ދިވެހި ވިޔަފާރިވެރިން އަތުން ޑޮލަރުން ފައިސާ ނަގާ އިރު، އެ ޝިޕްއެޖެންޓުން އެމްޕީއެލް އަށް ފައިސާ ދެއްކުމުގައި ޑޮލަރުން ދެއްކުމަށް ނިންމާފައެވެ.
މިކަމާއި ގުޅިގެން ސީއީއޯ ވަޖީހު ވިދާޅުވީ، މިއީ އިންސާފެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއާޕޯޓުން ވެސް ބޯޓުތަކުން ނަގާ ފީތައް ދައްކަނީ ޑޮލަރު ކަމަށެވެ. އެހެންވެ، އެމްޕީއެލް އިން ވެސް އެޖެންޓުންނާއި ކަނޑު ބޯޓުތަކުން ޑޮލަރުން ފީ ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

