ޤުރްއާނަކީ މީސްތަކުންނަށް ހުރި ޝިފާއެކެވެ. އެއީ ހަމައެކަނި ރޫޙާނީ ބަލިތަކަށް އެކަންޏެއް ނޫނެވެ. ކީރިތި ޤުރްއާނުގައި ޖިސްމާނީ ބަލިތަކުގެ ޝިފާ ވެސް ވަނީ ލައްވައިފައެވެ.
މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاء وَرَحْمَةٌ لِّلْمُؤْمِنِينَ﴾ (الإسراء: ٨٢) “ތިމަން ރަސްކަލާނގެ ޤުރްއާނުން މުއުމިނުންނަށް ރަޙްމަތާއި، ޝިފާއެއް ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ.”
މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ އަމިއްލަ ހަށިކޮޅުގެ ފަރުވާއަށާއި، އެކަލޭގެފާނުގެ އަނބިދަރީންނަށް ފަރުވާއެއްގެ ގޮތުގައި ކީރިތި ޤުރްއާން ކިޔަވައިވިދާޅުވެ، ހަށިކޮޅުގައި އަތްޕުޅު ބީއްސަވައި ހެއްދެވިކަން ޞައްޙަ މަގުން ސާބިތުވެއެވެ.
ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. “މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންފިއްޔާ، މުޢައްވިޛާތު ކިޔަވައިވިދާޅުވެ ހަށިކޮޅަށް ފުމެހައްދަވައެވެ. އެކަލޭގެފާނު އާލާސްކަންފުޅު ބޮޑުވުމުން ތިމަންކަމަނާ އެކަލޭގެފާނަށް އެ ސޫރަތްތައް ވިދާޅުވެދެއްވަމެވެ. އަދި އެއަށް ފަހު (ތިމަންކަމަނާ، އެކަލޭގެފާނުގެ އަތްޕުޅަށް ފުމެލައި) އެ އަތްޕުޅުގެ ބަރަކާތް ހޯދުމަށް އެދި، އަތްޕުޅު އިތުރު އެކަލޭގެފާނުގެ ހަށިކޮޅުގައި ބީއްސަވަމެވެ.” (ޞަޙީޙު މުސްލިމް 2192)ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. “މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންފިއްޔާ، މުޢައްވިޛާތު ކިޔަވައިވިދާޅުވެ ހަށިކޮޅަށް ފުމެހައްދަވައެވެ. އެކަލޭގެފާނު އާލާސްކަންފުޅު ބޮޑުވުމުން ތިމަންކަމަނާ އެކަލޭގެފާނަށް އެ ސޫރަތްތައް ވިދާޅުވެދެއްވަމެވެ. އަދި އެއަށް ފަހު (ތިމަންކަމަނާ، އެކަލޭގެފާނުގެ އަތްޕުޅަށް ފުމެލައި) އެ އަތްޕުޅުގެ ބަރަކާތް ހޯދުމަށް އެދި، އަތްޕުޅު އިތުރު އެކަލޭގެފާނުގެ ހަށިކޮޅުގައި ބީއްސަވަމެވެ.” (ޞަޙީޙު މުސްލިމް 2192)
މުޢައްވިޛާތަކީ، قُلْ أَعُوذُ بِرَبِّ الفَلَقِ އާއި قُلْ أَعُوذُ بِرَبِّ النَّاسِ މި ދެ ސޫރަތެވެ. ޝިފާއަށް އެދިގެން އިޚްލާޞް، ފަލަޤް އަދި ނާސް މި ތިން ސޫރަތް ކިޔެވުމުން ވެސް ފުދޭނެއެވެ.
އިސްވެ ބަޔާންކުރެވުނު އާޔަތާ ބެހޭގޮތުން އިބްނުލް ޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ. “ކީރިތި ޤުރްއާނަކީ، ހިތުގެ އެންމެހާ ބަލިތަކަށާއި، ހަށިގަނޑުގެ ބަލިތަކަށް ހުރި ފަރުވާއެކެވެ. އަދި ދުނިޔެއާއި އާޚިރަތަށް ޓަކައި އޮތް ފަރުވާ އެއްވެސް މެއެވެ. ވީމާ، ފަރުވާ ކުރުމުގައި ބަލިމީހާ ހެޔޮގޮތް އިޚްތިޔާރުކޮށް، ތެދުވެރިކަމާއި އީމާންކަންމަތީ ހުރެ، އެ ފަރުވާއަށް ރުހި، އެއިން މަންފާކުރާނޭކަން ޝައްކެއްނެތި ޤަބޫލުކުރާ ޙާލު، ފަރުވާކުރުމުގެ ޝަރުޠުތައް ފުރިހަމަކޮށް (ކީރިތި ޤުރްއާނުން ޝިފާ ލިބިގެންފިއްޔާ) އެއްވެސް ބަޔަކަށް އެއާ ދެކޮޅަށް ކުރިމަތި ނުލެވޭނެއެވެ. އުޑުތަކާއި ބިމުގެ ވެރިރައްބުގެ ބަސްފުޅުތަކުގެ ކުރިމަތީގައި އެ ބަލިތަކަށް އޮންނާނީ ކޮން ބާރެއް ހެއްޔެވެ! އެ ބަސްފުޅުތައް ފަރުބަދައަކަށް ބާވައިލެއްވުނު ނަމަ އެ ފަރުބަދަ ކުނޑިކުނޑިވެގެން ތިރިވެދާހުށްޓެވެ.
ވީމާ، “ހިތުގެ ބައްޔެއް ވިޔަސް، ޖިސްމާނީ ބައްޔެއް ވިޔަސް، ކީރިތި ޤުރްއާނުގައި އެ ބަލީގެ ސަބަބުތައް ދެނެގަނެވޭނޭ ދަލީލުތަކާއި، އެއިން ރައްކާތެރިވާނޭ މަގުވަނީ ލައްވައިފައެވެ. މި ކަންކަން މި ގޮތަށް ހުރީ އެ އިލާހުގެ ފޮތް ފަހުމުވެ ދެނެގަތުމުގެ ހެޔޮ ތައުފީޤު ދެއްވައިފައިވާ މީހަކަށެވެ.”
މައުލޫމާތު: الشَّيْخ حَسَن مُوسَى فِكْرِي ދީނުގެމަގު

