ދިވެހިރާއްޖޭގެ އަޑުން ޚަބަރު ކިޔަންބޭނުންވި ޒަމްޢަތު އަޙްމަދު ވަޙީދަކީ މިއަދުވެސް ޚަބަރު ފެތުރުމާއި ޚަބަރު ފޯރުކޮށްދިނުމުގެ މުހިންމު ރޯލެއް އަދާކުރައްވާ ފަރާތެކެވެ. މިއީ ޒަމްޢަތުގެ އެންމެ ކުޑައިރުގެ ހުވަފެނެއްވެސްމެއެވެ. އެނާ ވަނީ އެ ހުވަފެން ހާސިލް ކުރައްވާފައެވެ.
އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރެއްގެ މަގާމުގައި މިހާރު ހުންނެވި ޒަމްޢަތު އަޙްމަދު ވަޙީދު ނޫސްވެރިކަމުގެ ދާއިރާއަށް ވަދެވުނުގޮތާއި އެ ދާއިރާގެ ހޭދަވި ދަތުރުގައި ހިނގާފައިވާ މުހިންމު ކަންކަމާއި، ތަޖުރިބާތައް "ހުވަދޫ ނޫހަށް" ވަނީ ހިއްސާ ކުރައްވާފައެވެ.
ޒަމްޢަތު ވިދާޅުވީ 2003 ވަނަ އަހަރު ގދ. ތިނަދޫ އަތޮޅު ތައުލީމީ މަރުކަޒުން ތައުލީމީ މަރުހަލާ ނިންމާ މާލެ ބަދަލުވީ ކުޑައިރުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކަމަށެވެ. ޒަމްޢަތުގެ ނަސީބު ވަރަށްވެސް ރަނގަޅެވެ. އޭރު އިމްފޮމޭޝަން މިނިސްޓަރު ކަމުގައި ހުންނެވި މުޙައްމަދު ނަޝީދު (ކުއްޓި ނަޝީދު)ގެ އިސްނެންގެވުމުގެ މަތިން އިއުލާން ކުރެއްވި ޖަރނަލިޒަމް ކޯހުން ފުރުސަތު ވެސް އޭނާއަށް ލިބުނެވެ.

އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޒަމްޢަތު އަޙްމަދު ވަޙީދު
ޒުވާން ނޫސްވެރިން ބިނާކުރުމަށް އޭރުގެ އިންފޮމޭޝަން މިނިސްޓަރ ފެއްޓެވި މި މަސައްކަތުގެ މައުލޫމާތު ޒަމްޢަތަށް ލިބުނީ އޭނާ އޭރު މަސައްކަތް ކުރަމުންދިޔަ ކެފޭގައި ހުއްޓައެވެ.
ޢާއިލާގެ އެ ވިޔަފާރީގެ މަސައްކަތުގައި ކޭޝިއަރެއްގެ ގޮތުގައި ޒަމްޢަތު ބައިވެރިވީ އޭރު ސްކޫލު ނިންމައި ރިސަލްޓް ލިބެންދެނެވެ. އޭނާގެ އޭރުވެސް ހުވަފެނަކީ މާލެ އައިސް ދިވެހިރާއްޖެގެ އަޑުގައި ޚަބަރު ކިޔުމެވެ.

ވީޓީވީގެ ހަބަރުގަ
"އެއްދުވަހަކު އަހަރެން ރެސްޓޯރެންޓްގައި ހުއްޓާ އެތަނަށް އައީ ދިވެހި ރާއްޖޭގެ އަޑުގެ ޓެކްނިކަލް ޓީމުގެ ބޭފުޅުންތަކެއް. އެތަނުން ބޭފުޅެއް ވިދާޅުވީ ކުރިން ދިމާވެފައި ދޯއޭ ހުރީ. އަޅުގަނޑު ނޫނެކޭ ބުނީމާ ވިދާޅުވީ ކޮންމެވެސް ތަނަކުން ދިމާވި ހަނދާން ވެއޭ. ދެން އެހީ މާލެ ދިޔައިން ހެއްޔޭ. އަޅުގަނޑު ދެންނެވިން ލަވަ މުބާރާތްތަކުގައި ދިޔައީމޭ. ދެން ވިދާޅުވީ މިއީ އިންތިއޭ. އިންތި މަސައްކަތް ކުރައްވަނީ އަޑުގެ ޓެކްނިކަލް ބައިގައޭ. އޮލިމްޕަހުގެ ސައުންޑް މަސައްކަތްތަކުގައި ވެސް އުޅޭނީ އަޑުގެ ބޭފުޅުންނޭ. އެހެންވީމާ ލަވަމުބާރާތުގެ ތެރެއިންނޭ މި ދިމާވީ. އެހިސާބުން އެއްސެވީ ދެން މާލެ ނުދަންހޭ. ކޮން ކަމެއްހޭ ކުރަން ބޭނުންވަނީ. ދެން އަޅުގަނޑުގެ ކުޑައިރުގެ ހުވަފެނުގެ ވާހަކަ ދެންނެވީމަ ވިދާޅުވީ މިހާރު އެބަ އޮތޭ ޚަބަރު ކިޔާ ކޯހެއްް އިއުލާންކޮށްފައި. އޭގައި ބައިވެރިވާންވީ ނޫންހޭ. ތިމަންނަ އެހީތެރިވެދެއްވާނަމޭ."
އެއީ އެންމެ ފުރަތަމަ އެ ކޯހުގެ ވާހަކަ އަޑުއިވުނު ގޮތަކީ" ދިވެހިރާއްޖެގެ އަޑަށް ވަދެވުނު ގޮތް ކިޔައިދެއްވަމުން ޒަމްޢަތު ވިދާޅުވިއެވެ.
ޒަމްޢަތު ފާހަގަ ކުރައްވާގޮތުން އަޑުގެ ޓެކްނިކަލް ޓީމުގެ ފަރާތުން އިންތިގެ ވަރަށް ބޮޑު އެހީތެރިކަމެއް މިކަމުގައި ލިބިގެން ދިޔައިރު ކޯހަށް އެޕްލައިކުރުމާއި މިފަދަ ކަންކަން ކުރުމުގައި ޒަމްޢަތު މެންނަށް ސްކޫލު ދައުރުގައި ލަވަ ދަސްކޮށްދެއްވި ކޯޗް، ހުސައިން ރަމީޒުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔައެވެ.
އެއީ އޭނާ އަބަދުވެސް އެކަމެއް ޝުކުރުވެރިކަމާއެކު ފާހަގަކުރާނެ ކަމެކެވެ.
އަޑުން ޚަބަރުކިޔަން ހުރި ޝައުގާއިއެކު 2005ގައި މާލެ ބަދަލުވެ، ނޫސްވެރިކަމުގައި ޒަމްޢަތު ފިޔަޖަހައިގަތީ އަމިއްލަ ހިތްވަރާއި އޭނާގެ އަޒުމާއި ޔަގީންކަމާއި، އުއްމީދާއެކުގައެވެ.

ޓިވީއެމުން ކުރިއަށް ގެންދިޔަ އީދު ޕްރޮގުރާމެއްގެ ތެރެއިން، އަދި ދިވެހި ރާއްޖޭގެ އަޑުގެ ޕްރޮގުރާމެއް ރެކޯޑިންއެއްގެ ތެރެއިން/ ޒަމްއަތު
ޒަމްޢަތު ވިދާޅުވީ އޭނާއަަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނުކަމަށެވެ. ވަޒީފާގެ ކުރިއެރުމެއް ނުލިބޭކަން ފާހަގަކޮށް، ދިވެހިރާއްޖެގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްގައި ހޭދަކުރި 14 އަހަރުގެ ތަޖުރިބާ ހިއްސާކުރައްވަމުން ޒަމްޢަތު ވިދާޅުވީ އެންމެ މަސައްކަތް ކުރަން ބޭނުންވި ތަން ދޫކޮށް ނުކުންނަން ޖެހުނީ އެތަނުން އޭނާގެ މަސައްކަތް ބަލާއި ނުގަނެ، އޭނާ " ވެލިއު" ނުކުރުމުން ކަމަށެވެ.
" އަޅުގަނޑާއިއެކު ކޯސް ނިންމި ކުދިންނަށް ވަޒީފާގެ ކުރިއެރުން ދެމުން ދިޔައީ. އޭގެ ފަހުން އަޑަށް ވަން ބެޗްގެ ކުދިންވެސް ކުރި އަރުވަމުން ދިޔައީ. އިންޗާޖްކަމާއި އެޑިޓަރކަމާއި، ޕްރައިމްޓައިމްގެ ޕްރޮގްރާމްތައް ހުށަހެޅުން ފަދަ މަސައްކަތް ހަވާލުކުރަމުން ދިޔައީ. އަޅުގަނޑާ ކަމެއް ހަވާލު ކުރުމުގެ ކުރިން އެންމެ ތެރޭ ލަދުގަންނަވާ ފާހަގަކުރާ ސްޓޯރީތަކަށް ހީނ، މަލާމާތްކޮށްހެދި އޭރުގެ ސީނިއަރ ބޭފުޅުން. އެންމެ ހިތުގައި ޖެހުނީ އޭނާއަކަށް ނުވާނެ، އޭނާއަކަށް ނުކުރެވޭނޭ، އޭނާއަކަށް ނޭނގޭނޭ ބުނެ ޕީކް ނޫން ޑިއުޓީތަކަށް ލާފައި ބަހައްޓާތީ. އިވެންޓަކަށް ފޮނުވިޔަސް ހަމަ އެހެން ކަންތައް ކުރީ. 14 އަހަރު ވީއިރު އަޅުގަނޑު ހުރި ވުރެ މާ ފަހުން ވަން ކުދިންނަށް ވަޒީފާގެ ކުރިއެރުންދީ އެކުދިން ތިބީ އެޑިޓަރުންގެ ލެވެލްގައި. މީހުން މީހުންނަށްވާނީ މީހުން މީހުންނަށް ހެދީމައޭ ބުނާ ބަހުގައި އޮންނަހެން އޭރު ތިއްބެވި ބޭފުޅުން ގެންގުޅުއްވީ އެމީހުން ބޭނުން ބަޔަކު މީހުންނަށް ހެދުމުގެ އުސޫލެއް." ޒަމްއަތު
ޒަމްޢަތު އަޑުގެ ނިއުސްރޫމްގައި މަސައްކަތްކުރައްވަމުން ދަނިކޮށް މާބަނޑުވުމާ ގުޅިގެން ވަޒީފާ އެހެން ޑިޕާޓްމަންޓަކަށް ބަދަލު ކުރިއެވެ. ނަމަވެސް އެތަނުންވެސް ހަމަ ކުރިން ޑިޕާޓްމަންޓުން ދިމާވިފަދަ ތަފާތުކުރުންތައް ދިމާވިކަން އޭނާ ފާހަގަކުރެއްވިއެވެ.
" އޭރު އުޅެނީ ހިނގާފައި. ހެންވޭރުގައި ގެ ހުންނަނީ. މާފަންނު އަޑަށް ވަޒީފާއަށް ދާން ޖެހެނީ. 3 މަހުގެ ދަރިފުޅަށް ފީޑްކުރަން ލިބެނީ މެންދުރު ގަޑި. އެގަޑިއަކީ މާލޭގެ މަގުތައް އެންމެ ކާރުބާރުބޮޑު ވަގުތު. ޓެކްސީއެއް ނުލިބިގެން އެތައް އިރަކު ހުންނަންޖެހޭ. ދަރިފުޅަށް ފީޑް ކޮށްފައި އޮފީހަށް އާދެވޭއިރު 1 ގައިއިރަށްވުރެ ގިނަ ވަގުތު ހޭދަވޭ. އެކަމާ ކަންބޮޑުވާތީ ގިނަ ވަގުތު އޮފީހުގައި ހޭދަކުރިން މަސައްކަތް ނިންމަން. އެކަމަށް ހައްލެއް ލިބޭތޯ ވެސް އެދުނިން. އެކަމަކު ފެނުނީ ހަމަ ތަފާތުކުރުންތައް. އެހިސާބުން ނިންމީ ކިތަންމެ ލޯބިވާ ވަޒީފާއަކަސް ދޫކޮށްލާފައި އެހެން ގޮތެއް ހޯދަން"
ޒަމްޢަތު އޭރު ކުރި ތަޖުރިބާ ހިއްސާކުރެއްވިއެވެ.ޒަމްއަތު އޭނާގެ ދަރިފުޅު އަދި ލޯބިވާ މަންމަ އާއި އެކު
ނޫސްވެރިކަމުގައި ހޭދަ ކުރެއްވި މުއްދަތުގައި ޒަމްއަތުވަނީ އޭނާގެ ހިތްވަރާއި އަޒުމް ދައްކާފައެވެ. ނޫސްވެރިކަމަކީ އަބަދުވެސް އެންމެ ކުރާ ހިތްވާކަމަކަށްވާތީ ދަރިއަކު ލިބުމުގެ ކުރިންވެސް އަދި އޭގެ ފަހުން ވެސް ޒަމްޢަތަކީ މަސައްކަތަށް ފަރުވާތެރި މީހެކެވެ.
ޚާއްސަކޮށް އޭނާ ނިއުސްރޫމްގައި މަސައްކަތް ކުރިއިރު ގިނަ ޚަބަރުތަކާއި ޑޮކިއުމެންޓްރީތައް ވަނީ ހަދާފައެވެ. އެ މަސައްކަތްތައް ކޮށްފައި ވަނީ ލިބޭ ހަމައެކަނި އޮފް ދުވަހު އެކި ރަށްރަށަށް ދަތުރުކޮށްގެންނާއި ރެއެއް ދުވާލެއް ނެތި އޮފީހުގައި އެވަގުތުތައް ހޭދަކޮށްގެން ކަމަށްވެސް ޒަމްއަތު ކިޔައިދިނެވެ.

ވީޓީވީގެ ފަސް މަންޒރު ޕްރޮގުރާމް އަދި ސާދަ ބާބު ޕްރޮގުރާމެގެ ތެރެއިން
އެހެންނަމަވެސް ކުރިއެރުމެއް ނުލިބުމުން ދެން އޭނާ ވިސްނީ ކިޔަވައިގެން މިދާއިރާއި ކުރިއަށް ދެވޭނޭ ގޮތެކެވެ. އެކަމަށްވެސް އެތައް ގޮންޖެހުންތަކަކާ ހުރަސްތަކެއް އޭރު އިސްވެރިންނަށް ތިއްބެވި ބޭފުޅުންގެ ފަރާތުން ކުރިމަތިވިއެވެ. ނަމަވެސް ހިތްވަރާއެކު ޑިޕްލޮމާ ނިންމައި ޑިގްރީ ފެށިއެވެ.
" މީހަކު ފްރަސްޓްރޭޓެޑް ވެގެން ކެނޑިގެން ދަންޏާ އެވަރު އޭރު އޮފީހުން ކުރި. އެހުރިހާ ޕްރެޝަރަކާއެކު އަނެއްކާ ކުރަންޖެހުނު މަސައްކަތްތަކާއި، ހަތަރުވަނަ ފްލޯއަށް އަރައި ފައިބާން ޖެހުމުން ދަރިފުޅު ވިހަން އޮތް ދުވަހުގެ ކުރިން ވިހަން ޖެހުނީ." ޒަމްއަތު
އެންމެ މަސައްކަތް ކުރަން ބޭނުންވާ ތަން ދޫކޮށްލުމަށްފަހު 2019ގައި ވީޓީވީއަށް ބަދަލުވި ޒަމްޢަތު ވިދާޅުވީ އޭނާ އޭގެ ކުރިން ހޭދަކުރި 14 އަހަރަކީ ވަރަށް ބޮޑު " ވޭސްޓެއް" ކަމަށެވެ.
އޭނާ ވިދާޅުވީ ވީޓީވީއަށް ބަދަލުވުމަކީ އޭނާގެ މުޅި ހަޔާތުގައި އޭނާ މިހާތަނަށް ވަޒީފާ މާހައުލުގައި އެންމެ އުފާވި ވަގުުތުކަމަށެވެ.

ކުރީގެ ރައީސް މައުމޫނު އަދި ކުރީގެ ރައީސް ޑރ ވަހީދު ހަސަންމަނިކު އާއި އެކު ޒަމްއަތު
ޕްރޮގުރާމްއެއް ހުށައަޅަނީ
" އަޅުގަނޑު އަޅުގަނޑުގެ ގޮތުގައި ބަލައިގަތީ ވީޓީވީއިން. އެއީ ވަޒީފާގެ މާހައުލުގައި އެންމެ އުފާވެރި ދުވަސް." ޒަމްއަތު
ނަމަވެސް ކޮވިޑް ތެރޭގައި މުސާރައަށް އައި ބަދަލާއިއެކު ވީޓީވީން ކެނޑެން ޖެހުނެވެ. ދަރިއެއް ހުރުމާއި މާލޭގައި އުޅުމަކީ ޚަރަދަށް ބަލާއިރު ވަރަށް ބޮޑު ތަކުލީފަކަށް ވާކަމަކަށްވުމާއެކު އެނޫން ގޮތެއް ހޯދަން އޭނާއަށް މަޖުބޫރުވިއެވެ.
"އެކަމަކުވެސް އެ ޗެނަލުން ބެހެއްޓި ގާތް ކަމަށާއި، އެކުވެރިކަމާއި، ގުޅުން އެއީ ދުވަހަކުވެސް ހިތުންފިލައިގެން ނުދިޔަ ދުވަސްތަކެއް." ޒަމްއަތު ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ޕަބްލިކް ރިލޭޝަންސް އޮފިސަރގެ ގޮތުގައި ވެންނެވި ޒަމްޢަތު ވަނީ ހިއުމަންރައިޓްސް ކޮމިޝަންގެ މީޑިއާ އޮފިސަރުގެ މަގާމުވެސް އަދާކުރައްވާފައެވެ.
ދިރިއުޅުމާއި ވަޒީފާގެ މާހައުލުގައި ދިމާވި އެތައް ގޮންޖެހުންތަކަކާއި އެކުވެސް ހިތްވަރާއެކު ފަހަތަށް ނުޖެހި ޒަމްޢަތު ވަނީ ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާރސް ޑިގްރީ ފުރިހަމަ ކުރައްވާފައެވެ.
ޒަމްއަތަކީ ކުޑައިރުއްސުރެ ލަވަކިއުމަށް ޝައުގު ވެރިކަންހުރި ފަރާތެކެވެ. ޒަމްއަތު ސުކޫލް ދައުރުން ފެށިގެން ހުރި ޝައުގާއި އެކު މިހާރުވެސް ދަނީ ސްކޫލުތަކުގެ ކުދިންނަށް މަދަހަ ދަސް ކޮށްދެމުންނެވެ. ޕީއެސްއެމް މޯލްޑިވްސް މީޑިއާ އިންސިޓިޓިއުޓްގައި މަދަހަ ދަސްކޮށްދިނުމަށް ކޯޗެއްގެ ގޮތުގައި އޭނާ ހަރަކާތްތެރިވެއެވެ.
ސްކޫލުގައި އުޅުނު އިރުވެސް ޒަމްއަތުގެ އިރުޝާދުގެ ދަށުން ލަވަ ދަސްކުރި ކުދިންވަނީ ވަނަތައް ހާސިލްކޮށްފައެވެ.

ޕީއެސްއެމްގެ މީޑިއާ އިންސިސިޓިއުގައި މަދަހަ ދަސްކޮށްދިން ބައެއް ކުދިންނާއި އެކު/ޒަމްއަތު
ޒަމްއަތު ބޭނުންވަނީ ނޫސްވެރިކަމާއި ޕްރެޒެންޓިންގ ދާއިރާއިން ޒުވާނުން ތަމްރީނުކޮށް، މުޖުތަމައަށް ނެރެދޭށެވެ. މާލޭގައި އުޅޭތާ މިހާރު 18 އަހަރުވެފައި ވީނަމަވެސް ޒަމްޢަތުގެ އަމާޒަކީ އުފަންރަށަށް ވެވުނު މިންވަރަކުން އެހީތެރިވުމެވެ.

ކުޅުދުއްފުށީގައި ކުރިއަށްދިޔަ ބޭސިކް ޖާނަލިޒަމް ޓްރައިނިންގެ ތެރެއިން
ޒަމްއަތު ހުރީ ނޫސްވެރިކަމުގެ ތަމްރީނު ބޭނުންވެގެން އަންނަ ކޮންމެ ކުއްޖަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށެވެ. އަދި އޭނާއަށް ކުރެވުނު ތަޖުރިބާގެ އަލީގައި ކޮންމެ ނޫސްވެރިއަކަށްވެސް އެހީތެރިކަން ފޯރު ކޮށްދިނުމަށެވެ.
ޒަމްޢަތުގެ ވާހަކަ ނިންމާލާފައިވަނީ، ތިމާ ކުރާ މަސައްކަތުގެ އަގުވަޒަން ނުކުރާނަމަ އެތަނެއްގައި ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި އައު ފުރުސަތުތައް ހޯދުމަށް ހިތްވަރު ދެމުންނެވެ.


