ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މިދެރެއަކު ކަރަންޓު ކެނޑުނީ ޓްރާންސްފޯމަރުތަކުން ވައްކަން ކޮށްފައިވާތީ: ސްޓެލްކޯ އެމްޑީ ފަހުމީ

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މިދެރެއަކު (ރެޔާއި މިރޭ) ކަރަންޓު ކެނޑުނީ ޓްރާންސްފޯމަރުތަކުން ވައްކަން ކޮށްފައިވާތީ ކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ، އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެގައި ވިދާޅުވީ ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައިފައިވާ ކަމަށާއި އަދި ދެން އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު މި މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
ރޭ ފަތިހު އަދި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގުޅިގެން ކަމަށާއި، މިއީ މިކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލަކަށް ވާއިރު، މިއީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް ކަމުގައިވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.
މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ، އަދި ވަގަށް ނަގައިގެން ވިއްކާ މިދަފަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅުއަޅައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.
