މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހދ.ކުޅުދުއްފުށީ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
އެތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކުޅުދުއްފުށީގެ ގެއެއް ބަލައިފާސްކޮށްގެންނެވެ.
މި އޮޕަރޭޝަނުގައި 23 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެގެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ހަމާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލާތްތައް ވަނީ ފެނިފައެވެ.
މި މައްސަލަ އާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހު ގެ ބަންދުގެ މުއްދަތެއް ވަނީ ޖަހައިފައެވެ.
މިމައްސަލަ ކުޅުދުއްފުށި ސިޓީ ޕޮލިހުން ދަނީ ތަހުގީގު ކުރަމުންނެވެ.

