” ބަލްޤީސް ރަނިން ” ގެ ވާހަކަޔަކީ ، އިހުޒަމާނުގައި ވަރަށް މަޝްހޫރު ، ރީތި ވާހަކައެކެވެ. އެއިރު އެވާހަކަ ލިޔެވިފަ އޮތްގޮތަށް މިހާރު ، ޢާންމުކޮށް ފެންނާކަށް ނުހުރެއެވެ. ބަލްޤީސް ރަނިންގެ ވާހަކަޔަކީ ، ސަލާމްލެއްވި ސުލައިމާނުގެފާނާ ގުޅިފައިވާ ވާހަކައެކެވެ. އަދި ، ކީރިތި ޤުރުއާނުގެ އައްނަމްލު ސޫރަތުގެ 20 ވަނަ އާޔަތުންފެށިގެން 44 ވަނަ އާޔަތުގެ ނިޔަލަށް ، އައިސްފައިވާ ވާހަކައެކެވެ. ނަމްލު ސޫރަތުގައި މިވާހަކަ އައިސްފައިވަނީ މިފަދައިންނެވެ.
އަދި ، އެކަލޭގެފާނު ދޫނިސޫފާސޫފި ހޯއްދަވައި ބެއްލެވިއެވެ. ފަހެ ، އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް ހުދުހުދު މިނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އޭތި ޣައިބުވެގެންވީ ހެއްޔެވެ؟ ހަމަކަށަވަރުން (އޭތީގެ ޢުޛުރެއްގެގޮތުން) އަހުރެންގެގާތަށް ފާޅުވެގެންވާ ހެއްކެއް ނުގެނައިނަމަ ، އެއެއްޗަށް ބޮޑުވެގެންވާ ޢުޤޫބާތެއް އަހުރެން ދޭހުށީމެވެ. ނުވަތަ އޭތި ކަތިލާ ހުށީމެވެ. ފަހެ ، އެދޫނި މާދުރުނޫންތަނެއްގައި ކުޑައިރުކޮޅެއްވަންދެން އުޅެފައި (އަތުވެއްޖެއެވެ.) ދެން އޭތި ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންނުވާ ކަންތައްތަކެއް ، ތިމަންނައަށް އެނގިއްޖެއެވެ. ކަލޭގެފާނުގެ އަރިހަށް ތިމަން މިއައީ (ޔަމަނުކަރައިގެ) ސަބާއިން ޔަޤީންވެގެންވާ ޚަބަރަކައިގެންނެވެ. އެތާނގެ މީހުންގެ މައްޗަށް ރަނިކަންކުރައްވާ ކަމަނާއަކު ، ހަމަކަށަވަރުން ތިމަންދުށީމެވެ. އެކަމަނާއަށް ހުރިހާއެއްޗެއް ލިބިވަޑައިގެންފައި ވެއެވެ. އަދި އެކަމަނާއަށް ބޮޑުވެގެންވާ ތަޚުތެއް ވެއެވެ.
އެކަމަނާއާއި އެކަމަނާގެ ޤައުމުގެމީހުން ، ﷲ ފިޔަވައި އިރަށް ސަޖިދަކޮށް އުޅޭތީ ތިމަންދުށީމެވެ. އަދި ޝައިތާނާއާ އެއުރެންނަށް ، އެއުރެންގެ ޢަމަލުތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ، އެއުރެން ތެދުމަގުން އެއްކިބާކުރިއެވެ. ފަހެ ، އެއުރެންނަކަށް ތެދުމަގެއް ނުލިބެއެވެ. އުޑުތަކާއި ބިމުގައި ފޮރުވިފައިވާ ތަކެތި ނެރުއްވާ ، އަދި ތިޔަބައިމީހުން ވަންހަނާކުރާ ކަންތަކާއި ، ފާޅުކުރާ ކަންތައް ދެނެވޮޑިގެންވާ ﷲ އަށް ސަޖިދަނުކުރުމަށް ޝައިތާނާ އެއުރެންނަށް ޒީނަތްތެރިކޮށްދިނެވެ. ﷲ އީ އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކުނުވާ ރަސްކަލާނގެއެވެ. އެއީ މާތްވެގެންވާ ޢަރުޝުގެ ވެރިރަސްކަލާނގެއެވެ.
އެކަލޭގެފާނު (ހުދުހުދަށް) ވިދާޅުވިއެވެ. ކަލޭ ތިޔަބުނީ ތެދެއްތޯ ނުވަތަ ކަލޭވަނީ ދޮގުވެރިންގެ ތެރެއިންތޯ ، ތިމަންކަލޭގެފާނު ބައްލަވާ ހުށީމެވެ. އަހުރެންގެ މިސިޓީ ހިފައިގެންގޮސް ، އެއުރެންގެ ގާތަށް އެ އެއްލާށެވެ! ދެން އެއުރެންނާ ދުރަށްޖެހި ، (ޖަވާބުގައި) އެއުރެން ރައްދުކުރަނީ ކޮންއެއްޗެއްތޯ ބަލާށެވެ!
ކީރިތި ޤުރުއާނުގެ ނަމްލު ސޫރަތުގައި ނަންގަނެވިފައިފާ ހުދު ހުދު (ސިޓީ ލިބުމުން) އެކަމަނާ ވިދާޅުވިއެވެ. އޭ ޤައުމުގެ ބޮޑުންނޭވެ! ހަމަކަށަވަރުން ، މާތްވެގެންވާ ސިޓީފުޅެއް ތިމަންކަމަނާއަށް ލިބިއްޖެއެވެ. އެއީ ، ހަމަކަށަވަރުން ، ސުލައިމާނުގެފާނުގެ އަރިހުން އައި ސިޓީފުޅެކެވެ. އަދި ހަމަކަށަވަރުން ، އޭގައި އަންގަވާފައިވަނީ ” بِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ ” އެވެ. ( ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށައިގަންނަމެވެ.) ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ބޮޑާވެނުގަނެ ، އިސްލާމްވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ! އެކަމަނާ ވިދާޅުވިއެވެ. އޭ (ޤައުމުގެ) ބޮޑުންނޭވެ! އަހުރެންގެ މިކަންތަކުގައި ތިޔަބައިމީހުންނަށް ފެންނަގޮތް ، އަހުރެންނަށް ބުނެދޭށެވެ! ތިޔަބއިމީހުން އަހުރެންނާއެކު ޙާޟިރުވެއްޖައުމަށްދާނދެން ، އަހުރެން ގޮތެއް ކަނޑައެއް ނާޅާނަމެވެ.
އެއުރެން (އެކަމަނާއަށް) ދެންނެވޫއެވެ. ތިމަންނަމެންނީ ، އާރާއި ބާރުހުރި ގަދަފަދަ ބަޔެކެވެ. ކަންތައް ކުރައްވާނެގޮތް އެނގިވަޑައިގަންނަވާނީ ކަމަނާއަށެވެ. ފަހެ ، ކަމަނާ ކުރައްވާނެ އަމުރަކާމެދު ވިސްނަވާށެވެ! އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން ، ރަސްރަސްކަލުން (ހަނގުރާމަވެރިގޮތުގައި) ރަށަކަށް އަރައިވަޑައިގެންފިނަމަ ، އެރަށެއް ސުންނާފަތި ކުރައްވައި ، ފަސާދަ ކުރައްވައި ، އަދި އެރަށެއްގެ އަހުލުވެރިންކުރެ ، ޢިއްޒަތްތެރިން ނިކަމެތި ކުރައްވަތެވެ. އަދި ، އެއުރެން ކަންތައް ކުރައްވަނީ އެފަދައިންނެވެ. އަދި ، ހަމަކަށަވަރުން ، ތިމަންކަމަނާ އެއުރެންނަށް ހަދިޔާއެއް މިފޮނުއްވަނީއެވެ. ދެން ، (އެހަދިޔާއައިގެން) ފޮނުވޭމީހުން އެނބުރި އަންނަނީ ކޮން އެއްޗަކައިގެންތޯ ބައްލަވަން ތިމަންކަމަނާ އިންތިޒާރު ކުރައްވާނަމެވެ.
ފަހެ ، (އެކަމަނާ ފޮނުއްވި މީހުން) ސުލައިމާނުގެފާނުގެ އަރިހަށް އައިހިނދު ، އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މުދަލުން މަދަދު ކުރައްވަނީ ހެއްޔެވެ؟ ފަހެ ، ﷲ ތިޔަބައިމީހުންނަށް ދެއްވާފައިވާ ތަކެއްޗަށްވުރެ ، ތިމަންކަލޭގެފާނަށް ﷲ ދެއްވާފައިވާ ތަކެތި (އެބަހީ ނަބީކަމާއި ރަސްކަން) މާ ހެޔޮކަން ބޮޑެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ ހަދިޔާއަށް އުފާކުރާނީ ހަމަތިޔަބައިމީހުންނެވެ. ތިޔަ ހަދިޔާ އައިގެން އެއުރެންގެ ގާތަށް އެނބުރި ދާށެވެ! ފަހެ ، އެއުރެންނަށް ދެކޮޅުހެދުމަށް ކުޅަދާނަނުވާފަދަ ލަޝްކަރަކައިގެން ހަމަކަށަވަރުން ، އެއުރެންގެގާތަށް އަހުރެން ދާހުށީމެވެ. އަދި ، ހަމަކަށަވަރުން އެއުރެން ދެރަވެ ، ނިކަމެތިވެގެންވާ ޙާލުގައި އެރަށުން އެއުރެން ބޭރުކުރައްވާހުށީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ބޮޑުންނޭވެ! އެއުރެން ބޯލަނބައި ކިޔަމަންވެ ، އިސްލާމްވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އައުމުގެ ކުރީގައި ، ތިމަންކަލޭގެފާނުގެ އަރިހަށް ، އެކަމަނާގެ ތަޚުތު ގެނެސްދޭނީ ތިޔަބައިމީހުންގެ ތެރެއިން ކާކުހެއްޔެވެ؟
ޖިންނީންގެ ތެރެއިން ޢިފުރީތަކު ދެންނެވިއެވެ. ކަލޭގެފާނު ތިޔައިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން ، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ތަޚުތު ގެނެސްދީފާނަމެވެ. އަދި ، ހަމަކަށަވަރުން ، ތިމަންނާއީ އެއުފުލޭފަދަ ބާރުގަދަ ، އަމާނާތްތެރިޔަކީމެވެ. (ބާވައިލެއްވި ފޮތުން) ޢިލްމު ލިބިފައިވާ މީހާ ދެންނެވިއެވެ. ކަލޭގެފާނު ކަޅި ހިންގަވައިލެއްވުމުގެ ކުރިން ، ތިމަން އެތަޚުތު ، ކަލޭގެފާނުގެ އަރިހަށް ގެނެސްދީފާނަމެވެ.
ދެން ، އެކަލޭގެފާނުގެ އަރިހުގައި އެތަޚުތު ބެހެއްޓިފައިހުއްޓާ ފެނިވަޑައިގެންފި ހިނދު ، އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންމިވީ އަހުރެންގެ ވެރި ރަސްކަލާނގެ ފަޟްލުވަންތަވެރިކަމުންނެވެ. (އެއީ) އަހުރެން ނިޢުމަތަށް ޝުކުރުކުރަނީތޯ ނުވަތަ ދެކޮޅުވެރިވަނީތޯ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. ޝުކުރުކުރާ މީހާ (ދަންނާށެވެ!) ފަހެ ، އޭނާ ޝުކުރުކުރާކަން ކަށަވަރީ ، ހަމަ އޭނާގެ އަމިއްލަ ނަފުސަށެވެ. އަދި ، (ނިޢުމަތަށް) ދެކޮޅުހަދާމީހާ (ދަންނާށެވެ!) ފަހެ ، ހަމަކަށަވަރުން ، އެއުރެންގެވެރި ރަސްކަލާނގެއީ ، ފުދިވޮޑިގެންވާ ، ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެކަމަނާއަށް އެނގިވަޑައިގަނޭތޯ ، ނުވަތަ އެނގިވަޑައިނުގަނޭތޯ ބެއްލެވުމަށް ، ތިޔަބައިމީހުން ، އެކަމަނާގެ ތަޚުތުގެ ސިފަ ބަދަލުކޮށްލާށެވެ!
ފަހެ ، އެކަމަނާ ވަޑައިގަތުމުން ދެންނެވިއެވެ. ކަމަނާގެ ތަޚުތުވަނީ މިފަދައިންތޯއެވެ؟ އެކަމަނާ ދެންނެވިއެވެ. އެއާއި މިއާ ހަމަ އެއްފަދައެވެ. (ސުލައިމާނުގެފާނު ވިދާޅުވިއެވެ.) އެކަމަނާގެކުރިން ތިމަންމެންނަށްވަނީ ، ޢިލްމު ލިބިފައެވެ. އަދި ، (އެކަމަނާގެ ކުރިން) ތިމަންމެން މުސްލިމުންކަމުގައި ވީމުއެވެ. އަދި ، ﷲ ފިޔަވައި އެކަމަނާ އަޅުކަންކުރައްވާ ތަކެތި ، އެކަމަނާ (ތެދުމަގުން) އެއްކިބާ ކުރިއެވެ. ހަމަކަށަވަރުން ، އެކަމަނާވީ ، ކާފަރު ޤައުމެއްގެ މީހުންގެ ތެރެއިންނެވެ.
އެކަމަނާއަށް ދެންނެވިއެވެ. ގަނޑުވަރަށް ވަދެވަޑައިގަންނަވާށެވެ ! ފަހެ ، އެކަމަނާއަށް އެތަން ފެނިވަޑައިގެންނެވިހިނދު ، އެއީ ފެންގަނޑެކޭ ހީފުޅުކުރައްވައި (ފެންގަނޑަކަށް އެރިވަޑައިގަންނަވާގޮތަށް) ދެފައިންޕުޅު ކަޝްފުކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ހަމަކަށަވަރުން ، އޮމާން ބިއްލޫރިން ހެދިފައިވާ ގަނޑުވަރެކެވެ. (ދެން ، އެކަމަނާ އިސްލާމްވުމަށް ، ސުލައިމާނުގެފާނު ވިދާޅުވިހިނދު) އެކަމަނާ ވިދާޅުވިއެވެ. އަޅުގެވެރި ރަސްކަލާކޮ ! ހަމަކަށަވަރުން ، އަޅުގެ އަމިއްލަ ނަފުސަށް އަޅު ، އަނިޔާވެރިވެއްޖައީމެވެ. އަދި ، ސުލައިމާނުގެފާނު އަރިހުގައިވެ ، ޢާލަމްތަކުގެ ވެރި ﷲ އަށް ބޯލަނބައި ، ކިޔަމަންވެއްޖައީމެވެ. މިއީ ކީރިތި ޤުރުއާނުގައި މިވާހަކަ އައިސްފައިވާ ގޮތެވެ.
އިބްނު ޢައްބާސް އަދި އެހެނިހެން ބޭފުޅުން ވިދާޅުފައިވާ ގޮތުގައި ، ސުލައިމާނުގެފާނު އެހޯއްދެވި ، ހުދު ހުދުގެ މަސައްކަތަކީ ހަނަފަސް ސަހަރާއިން ފެން ހޯދުމެވެ. ﷲ ގެ ކުޅަދުންވަންތަކަމުން ، ބިމުގައި ފެންހުންނަ ތަންތަން ވަކިކޮށް ދެނެގަތުމުގެ ކުޅަދާނަކަން ހުދުހުދަށް ލިބިގެން ވެއެވެ.
ޔަމަންގެ ސަބާގައި އެދުވަސްވަރު އުޅުއްވި ރަސްކަލަކަށް ފިރިހެންބޭފުޅަކު ލިބިވަޑައިގެންފައެއް ނުވެއެވެ. އެރަސްކަމަކީ އާރާއިބާރުހުރި ހަނގުރާމަތަކަށް ފަރިތަ ލަޝްކަރެއް ލިބިއޮތް ރަސްކަމެކެވެ. ރަސްގެފާނުގެ ހުރީ ހަމައެކަނި އަންހެން ބޭފުޅެކެވެ. ރަސްގެފާނު އަވަހާރަވުމުން ، ސަބާގެ ރައްޔިތުން ، އެކަމަނާ ރަނިކަމަށް އިސްކުރިއެވެ. އެއީ ސަބާގެ ރާނީއެވެ. އެބޭފުޅަކީ ބަލްޤީސް ރަނިންނެވެ. އައްސަލަބީ ރިވާކުރައްވާގޮތުގައި ، ސަބާގެ ރަސްގެފާނަކީ ރައްޔިތުންނަށް އޯގާތެރި އަދި އެސަރަޙައްދުގައި ވަރަށް މަޤްބޫލު ބޭފުޅެކެވެ. އެރަސްގެފާނު ، ސަބާގެ އަންހެނަކާ ކައިވެނިބައްލަވައިގަތުމަށް ބޭނުންފުޅެއް ނުވިއެވެ. އޭގެބަދަލުގައި ރަސްގެފާނު ކައިވެނިބައްލަވައިގަތީ ރައިހާނާ ބިންތި އައްސަކާން އެވެ ކިއުނު ޖިންނިއަކާއެވެ. އެކައިވެނިފުޅަށް ރަސްގެފާނަށް ލިބިވަޑައިގަތް ބޭފުޅަކީ ބަލްޤީސް ރަނިންނެވެ.
ބަލްޤީސް ރަނިންގެ ތަޚުތަކީ ، ރަނާއި ޖަވާހިރުން އަދި އެނޫންވެސް އަގުހުރި މަޢުދަނުން އަތްކަންކުރެވި ، ދުނިޔެއިންތާކުން ނުފެންނަފަދަ އަގުހުރި ތަޚުތެކެވެ. މިތަޚުތު ސުލައިމާނުގެފާނު އަރިހަށް ގެނެވުނީ ޔަމަނުން ފަލަސްތީނަށެވެ. ސުލައިމާނުގެފާނު ކަޅިހިންގަވައިލެއްވުމުގެ ކުރިންނެވެ. ބަލްޤީސްރަނިން ސުލައިމާނުގެފާނު އަރިހަށް ވަޑައިގަތުމުން ، ތަޚުތާބެހޭގޮތުން އެކަލޭގެފާނު ކުރެއްވި ސުއާލަށް ޖަވާބު ދެއްވިއިރު ، އެކަމަނާގެ ތަޚުތު ، އެހާދުރުން ޔަމަނުން ފަލަސްތީނަށް ގެނެވިދާނެކަމާމެދު އެއްވެސް އެއްޗެއް އެނގިވަޑައިގެންފައެއް ނުވެއެވެ. ކަމަނާގެ ތަޚުތުވަނީ މިފަދައިންތޯ ސުލައިމާނުގެފާނު އެއްސެވުމުން ، އެއާއި މިއާ ހަމަ އެއްފަދައޭ އެކަމަނާ ވިދާޅުވީ އެހެންވެއެވެ. ކީރިތި ޤުރުއާނުގެ ނަމްލު ސޫރަތުގައި މިވާހަކަ އައިސްފައި އޮތަސް ، ބަލްޤީސް ނުވަތަ ބަލްޤީސް ރަނިންގެ ނަން ކީރިތި ޤުރުއާނުގައި އައިސްފައެއް ނުވެއެވެ. ކީރިތި ޤުރުއާނުގެ ނަމްލު ސޫރަތުގައި ބަލްޤީސްއަށް ނިސްބަތްކުރައްވާ ، ” އެކަމަނާ ” އެވެ މުޚާޠަބުކުރެއްވުން ފިޔަވައި އެކަމަނާގެ ވަކިނަމެއް އައިސްފައެއް ނުވެއެވެ.
މައުލޫމާތު: ފާރޫޤް އަޙްމަދު / ލިޔުންތެރިން

