ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޓުރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓްގައި ޖެހިއްޖެއެވެ.
އެކްސް.ކޮމް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައިޖެހި ހިތާމަވެރި ހާދިސާއެއް ހިނގާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސެއިން ފަހުމީ ވަނީ ވިދާޅުވެފަ އެވެ.
ސްޓެލްކޯ އާއި ހަވާލާދީ ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވަނީ ދެވަނަ ފިޔަވަހީގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހުނު މީހާ ނިޔާވެއްޖެ ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައި ކަމަށެވެ.
މިފަދަ ހާދިސާއެއް ހިނގާފައި މިވަނީ ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ގެއްލުންދިނުމަކީ ކަރަންޓްގެ ޚިދުމަތް މެދުކެނޑުމުގެ އިތުރުން މީހާއަށްވެސް ނުރައްކާވެދާނެ ކަމެއް ކަމަށް އެކުންފުނިން ބުނެފައިވަނިކޮށެވެ.
ސްޓެލްކޯގެ އެމްޑީ މީގެ ކުރިން ވިދާޅުވެފައިވަނީ އެކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވި އެކަން ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައި ކަމަށެވެ.

