އަވަށެއްގައި ދިރިއުޅުނު އުމުރުން ދުވަސްވެފައިވާ ބަލިކަށި މަންމައަކާއި އޭނާގެ ދަރިފުޅެވެ. މި މަންމަ ބަލިވެ ތަންމަތީގައި އޮންނަން ޖެހުމުން މަންމަ ބަލައި ކަންތައް ކުރަނީ ދަރިފުޅެވެ. އެހެންނަމަވެސް ބައެއް ފަހަރު މަންމަގެ ފަރާތުން ދިމާވާ ކަންތައްތަކާއި ކެތްތެރިވުމުގެ ބަދަލުގައި މަންމައާއި ދިމާޔަށް ބަދުބަސްތައް ބުނަން ފަށައިފިއެވެ. އަދި މަންމައާއި ދިމާޔަށް އަޑުލާންވެސް ފަށައިފިއެވެ.
މިގޮތުން އެއްދުވަހަކު މިދަރިފުޅު މަންމަ ފެންވަރުވަންގެން ގިފިލީގައި ހުއްޓެވެ. މަންމަ ދަރިފުޅުގެ ކުރެން އެހިއެވެ.
“ދަރިފުޅާއެވެ. އެހެރަ ފާރުމަތީގައި އެއިނީ ކޮންއެއްޗެއް ހެއްޔެވެ؟”
ދަރިފުޅު މަންމައަށް ބުންޏެވެ. “އެއީ ބުޅަލެކެވެ!”
ކުޑައިރުކޮޅެއްގެ ފަހެވެ. އަނެއްކާވެސް މަންމަ އެސުވާލު ކުރިއެވެ.
ދަރިފުޅު ބުންޏެވެ. “ބަލަ އެއީ ބުޅަލެކޭ ބުނަންވީ ކިތައް ފަހަރު ހެއްޔެވެ؟”
އަނެއްކާވެސް އިރުގަނޑެއްގެ ފަހުން މަންމަ އެސުވާލު ތަކުރާރު ކުރިއެވެ.
ދަރިފުޅު ހަޅޭއްލަވައިގެންފައި ބުންޏެވެ. ”ބުޅަލެކޭ ބުޅަލެކޭ ބުޅަލެކޭ. އަޑެއް ނީވޭ ހެއްޔެވެ؟ އެއީ ބުޅަލެއް.“
ދަރިފުޅުގެ ގަދައަޑާއި ރުޅިވެރިކަން ފެނިފައި މަންމަގެ ހިތުގައި ޖެހި ވަރަށް ރުޔެވެ.
އަދި ދަރިފުޅާއި ދިމާޔަށް ބުންޏެވެ.
“މަންމަގެ ކޮޓަރީގެ މަތާރަން ފިލާމަތީގައި ދަރިފުޅު އެސުވާލު ކުރި ޢަދަދާއި ދުވަސްތައް މަންމަ ނޯޓު ކޮށްފައި ހުންނާނެއެވެ. ކޮންމެ ފަހަރަކުވެސް މަންމަ އެސުވާލަށް ޖަވާބު ދިނީ ލޯތްބާއި ހަމްދަރުދީއާއި އެކުގައެވެ.”
ދަރިފުޅު މަޑު މަޑުން ގޮސް އެފޮތް ނަގާ ބަލާލިއެވެ.
އެފޮތުގައި ވަނީ މުޅިން އެއްސުވާލެކެވެ. އަދި އެއްޖަވާބެކެވެ.
ކޮންމެ ސުވާލެއްވެސް ކުރި ދުވަހާއި ވަޤުތު ލިޔެފައި ހުއްޓެވެ.
މިދަރިފުޅު މިކަމާ ވިސްނާލިއެވެ. އަދި ދުވަހަކުވެސް މައިންބަފައިންނަށް ނުބައިމީސްކޮށް ކަންތައް ނުކުރުމަށް އަޒުމު ކަނޑައެޅިއެވެ. އަދި އަވަހަށް ތައުބާވެ މަންމަ ގާތު މާފަށް އެދުނެވެ. މަންމަ އޭރު ދަރިފުޅަށް ވަނީ މާކުރިން މާފުކޮށްފައެވ. ބުނުމަކާ ނުލައެވެ. އެހެނީ މަންމަގެ ހިތުގައި ޖެހިއްޖެ ނަމަ ދަރިފުޅަށް ވާނެ ދެރަ ގޮތް އެނގި މަންމަ އިންތިހާއަށް ބިރުގަންނާތީ ކަމަށް ދަރިފުޅު ގާތު މަންމަ ބުންޏެވެ، މަންމައަށް ނުރުހުންވެ އުފްވެސް ނުބުނާށޭ ބުނަނީ އެސަބަބަށްޓަކައެވެ.
ކީރިތި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ހަދީސްފުޅެއްގެ މާނައިގައިވެއެވެ: މީހަކު ސުވާލު ކުރިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުގެ އެމީހެއްގެ މައްޗަށް އޯގާތެރިވުމާއި އަޅާލުންދިނުން އެންމެ އަޢުލާކަން ބޮޑުވެގެންވަނީ ކާކުގެ މައްޗަށްތޯއެވެ؟” ޖަވާބުގައި ރަސޫލާ ޙަދީޘްކުރެއްވިއެވެ. “ތިބާގެ މަންމައެވެ.” އަނެއްކާވެސް އޭނާ ސުވާލުކުރިއެވެ. “ދެންކާކުހެއްޔެވެ؟” ޙަދީޘްކުރެއްވިއެވެ. “ދެންވެސް ތިބާގެ މަންމައެވެ.”
އަނެއްކާވެސް އޭނާ ސުވާލުކުރިއެވެ. “ދެންކާކުގެމައްޗަށް ތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ދެންވެސް ތިބާގެ މަންމައެވެ.” ސުވާލު ތަކުރާރު ކުރުމުން ޙަދީޘްކުރެއްވިއެވެ. “ތިބާގެ ބައްޕައެވެ.”
ދަރިފުޅު އިތުރަށް ރޮވިފައި މަންމަގެ ފައިގައި އޮޅުލައި މާފަށް އެދުނެވެ. އަދި އެދުވަހަށްފަހު މިދަަރިފުޅު ވީ އެއަވަށަށް ހުރި ލާމަސީލު ނަމޫނާ ދަރިފުޅަކަށެވެ.
{ނިމުނީ}

