މި ހިނގާ މާޗް އަދި އަންނަ އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނު މިން އެންމެ މައްޗަށް ދާ ދުވަސްވަރު ކަމަށާއި ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކުރެއްވިގޮތުގައި، މިއަދު ހުޅުލޭގެ ހޫނުމިން 33.1 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ 44.7 ޑިގްރީ ސެލްސިއަސްގައެވެ. އަދި ހދ. ހަނިމާދޫގެ ހޫނުމިން 33.5 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 43.7 ޑިގްރީ ސެލްސިއަސްގައި ހުރިކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. އަދި ލ. ކައްދޫގެ ހޫނުމިން 31.6 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 41 ޑިގްރީ ސެލްސިއަސްގައިކަމަށާއި، ގދ.ކާޑެއްދޫގެ ހޫނުމިން 31.8 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 41.7 ޑިގްރީ ސެލްސިއަސްގައިކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. އަދި އައްޑޫސިޓީ ގަމުގައި ހޫނުމިން 32 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 40.8 ޑިގްރީ ސެލްސިއަސްގައިކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.
ރާއްޖޭގެ ހޫނުމިން އިޙްސާސްކުރެވޭ މިންވަރު އުޅެނީ 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައިކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވާ އިރު މިކަމުގައި ސަމާލު ވާން މުހިންމު ކަންތައްތައް އެބަހުއްޓެވެ.
ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ޞިއްޙީ މައްސަލަތައް
* ވަރުދެރަވުން
* އަކުނިވަޔަށްދެމުން
* ބޮލުގައި ރިއްސައި ބޯއެނބުރުން
* ހަށިގަނޑުގައި ފެންމަދުވުން
* ލޮލަށް ލިބޭ ގެއްލުން
* ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ، ފޮޅުނެގުން އަދި ކުދި ރަތް ބިހި ނެގުން
ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން
* ބޭރަށްދާއިރު ކުޑަ ބޭނުންކުރުން
* ކުލަމަޑު އަދި ހަށިގަނޑު ނިވާވާފަދަ ދޫހެދުން ލުން
* ބޯ ނިވާވާނެފަދަ ފުޅާ ތޮތްޕެއް ބޭނުންކުރުން
* އަވީގައި އުޅޭއިރު ސަންލޯޝަން ބޭނުންކުރުން
* ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށް ކަރުނު ހިއްކި ނަމަވެސް ގިނައިން ފެން ބުއިން
* އަވިއައިނު އެޅުން
* ހަށިގަނޑުން ފެން ބޭރުވިޔަ ނުދިނުމަށް ހަކުރު އެކުލެވޭ ބުއިންތައް މަދުކުރުން

