އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ޙަޔާތުގެ ވަކި ހިސާބަކަށް އާދެވުމުން، ފަސްދީފަ އައި މާޒީއާއި އެއްކޮށް ވަކިވާން މަސައްކަތް ކުރާ މީހުންނެވެ. އެ މާޒީ ހަނދާން ނައްތާލަން ކުރެވެން އޮތްހާ ކަމެއް ކުރާ މީހުންނެވެ. ގިނަ ފަހަރަށް މި މަސައްކަތް ކުރެވެނީ ޙަޔާތުގައި ދިމާވި ކޮންމެވެސް މީހަކާއި އެ މީހަކާއި ގުޅުން ހުރި ކަންކަން ހަނދާން ނައްތާލުމަށެވެ. ނުވަތަ ލިބުނު ވޭނަކާއި ވީ ޒަޚަމެއް ހަނދާން ނައްތާލުމަށެވެ. ނުވަތަ ލިބުނު ހިތްދަތިކަމަކާއި ހިތާމައެއް ފޮހެލުމަށްޓަކައެވެ. އެކަމަކު މިއީ އޭގެ ޒާތުގައި ނުކުރެވޭނެ ކަންކަމެވެ.
ޚުދު ތިމާގެ މައްޗަށް ކަމެއް ތަންފީޒު ކުރުމަށް ގަދަ މަޖްބޫރެއް ނަފްސަށް ކުރުމަކީ އެކަމުގެ ސަބަބުން ލިބޭ އުނދަގޫ ބޮޑުވާނެ ކަމެކެވެ. މާޒީގައި ދިމާވި މީހަކާއި އެމީހަކާއެކު ވެފައި ހުރި ކަންތައް ހަނދާން ނައްތާލުމަކީ އެއް ދުވަހުން ދެ ދުވަހުން ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ކަނޑައެޅޭ ވަކި ދުވަހެއް އެކަމުގައި އެނގެން ނޯންނަ ކަމެކެވެ. ހަފްތާއަކުންވެސް ހަނދާނުން ފޮހެ ހިތުން ބޭރު ކޮށްލެވިދާނެއެވެ. ހަމަ އެހެން، މުޅި ޢުމުރު ހަނދާން ނައްތާލަން މަސައްކަތް ކުރުމުގައިވެސް ހޭދަކުރަން ޖެހިދާނެއެވެ.
ތިބާގެ މާޒީއާއި ވަކިވެ އެހެން މީހަކަށް ބަދަލުވާން މަސައްކަތް ނުކުރާށެވެ. ތިބާއާއި ދިމާވި ކޮންމެ މީހަކާއި، ތިބާ ކުރި ކޮންމެ ތަޖުރިބާ އަކާއި، ތިބާ ގައިގަ އެޅި ކޮންމެ ވޭނަކާއި، ތިބާގެ ގައިގައި ލި ކޮންމެ ޒަޚަމަކީ ތިބާ ހެދި ބޮޑު ވަމުން އައިއިރު ކުރި ތަޖުރިބާ ތަކެވެ. ތިބާ ފުރިހަމަވާން އައިއިރު ގިރާކުރި ހުރަސްތަކެވެ. އެއީ ތިބާގެ އެއްބައެވެ. ތިބާ ތިބާއަށްވީ ، މާޒީގައި ތިބާ ކުރި ތަޖުރިބާތަކުގެ ސަބަބުންނެވެ.

ތިބާ ތިބާއަށްވީ ، މާޒީގައި ތިބާ ކުރި ތަޖުރިބާތަކުގެ ސަބަބުންނެވެ
ޙަޔާތުގެ މަގުގައި ކުރިއަށް ދާން ވިސްނާއިރު މާޒީއާއި ވަކިވާން މަސައްކަތް ކޮށްފިނަމަ ތިބާއަށް ދުވަހަކުވެސް ކުރިއަކަށް ނުދެވޭނެއެވެ. އަނެކުންގެ ކަންކަމާ އަބަދުމެ ވިސްނާ އެކަމުން ބީވެގަންނާނެ ގޮތެއް ވިސްނަން ހުންނަކަމުގައިވާނަމަ ތިބާގެ އަމިއްލަ ޙަޔާތް އާރާސްތުކުރަން ޖެހޭކަމާއި ތިބާގެ އަމިއްލަވަންތަކަން ހަމަ ދާދި އަވަހަށް ގެއްލި ހިނގައިދާނެއެވެ.
އޭގެ ބަދަލުގައި ތަސައްރަފު ފުދި، ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮކަންމަތީ ހެދި ބޮޑުވާން މަސައްކަތް ކުރާށެވެ. ޢަޤީދާ ވަރުގަދަ ކުރުމަށާއި ތިބާގެ އަމިއްލަ ޙަޔާތަކީ ތިބާއަށް އިމްތިޙާނެއްގެ ގޮތުން ދެއްވިފައިވާ ޙަޔާތެއް ކަމާއި އެ ޙަޔާތް ހޭދަކުރި ގޮތަކާއި ބެހޭގޮތުން ޚުދު ތިބާއާއި ސުވާލު ކުރެވޭނެކަން ދަނެ ތިބާގެ އަމިއްލަ ނަފްސު ރަނގަޅު ކުރަން މަސައްކަތް ކުރާށެވެ. ތިބާގެ ޙަޔާތުގައި ހިމެނެނީ ތިބާ އެކަނި ނޫންކަމާއި ، ތިބާ ދާ ކޮންމެ ތާކުން ތިބާގެ ވަށައިގެންވާހާ ބަޔަކާއި ދޭތެރޭ ތިބާ ވިސްނަން ޖެހޭނެއެވެ. ގުޅުންތަކަށް ފުރުޞަތު ދޭށެވެ. އުޅުމަށް ބަދަލު ގެންނާށެވެ. އާ ފުރުޞަތުތަކަށް މަގުފަހިވިޔަ ދޭށެވެ.
ކޮންމެ ކަމަކީވެސް އެކަމެއްގެ ވަގުތު ފާއިތުވުމުން ފާއިތުވާ ކަންކަމެވެ. ހިތާމަވެސް އުފާވެސް މެއެވެ. ތަދާ ވޭންވެސް މެއެވެ. ލޯތްބާ ނަފްރަތުވެސް މެއެވެ. މިކަން ހިތުގެ އަޑިން ޤަބޫލުކޮށްލާށެވެ. މާޒީގެ އުނދަގުލެއް ނެތި ކުރިއަށް ދާން ނުހަނު ފަސޭހަ ވެގެން ދާނެއެވެ.
ނަމަވެސް މާޒީގައި ލިބުނު ތަދާ ވޭނަށް ލަޢުނަތްދީ، އެއީ ސަބަބެއް ކަމަށް ދައްކައި، ތިބާގެ ނަފްސުގެ ރީތިކަމުން އަތްދޫނުކުރާށެވެ. ތިބާގެ ޠާހިރު ޖަޒުބާތުތައް އެއީ އަގެއް ނެތް އެއްޗެއްކަމަށް ނުނިންމާށެވެ. އެކަންކަމަށް އެދޭ މީހުންނަށް އެކަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެވޭތޯ މަސައްކަތް ކުރާށެވެ. ކުރިޔަށްވުރެވެސް ރަނގަޅު މީހަކަށް ވެވޭތޯ މަސައްކަތް ކުރާށެވެ. މި ދުނިޔެއަކީ ވަގުތީ ތަނެކެވެ. ވާދަވެރިކަމާއެކު ވަކި ބަޔަކަށް ދައްކަން ކަންކަން ޙާޞިލުކުރަން ހެޔޮނުވާނެއެވެ. ތިމާއަށް މޮޅާއި ކާމިޔާބު ހޯދަން އަވަސް އަރުވާލައިގެން އެހެން މީހުންގެ ޙައްޤަށް އަރައި ނުގަންނާށެވެ. ނަފްސަށް އޮޅުވާލައިގެން މާޒީއިން ނެއްޓެން މަސައްކަތް ކުރި ކަމުގައިވިޔަސް، ތިބާގެ ހިތަށް ފަރުވާ ލިބޭނީ އެ ހިތް ބޭނުންވި އިރަކުންނެވެ. އެކަން ތިބާގެ ހިތުގެ މައްޗަށް މަޖްބޫރު ނުކުރާށެވެ. ވަގުތާއެކު އެ ހުރިހާކަމެއް ފަނޑުވެގެން ދާނެއެވެ. އެއީ ޔަގީންކަމެކެވެ.

މާޒީއާ ވަކިނުވާށެވެ. މާޒީގެ ސަބަބުން ކުރިއަށްވުރެވެސް ފުރިހަމަ މީހަކަށް ވެވޭތޯ ބަލާށެވެ.
ރޮވޭނަމަ ރޯލާށެވެ. ތަދުވާނަމަ ތަދުވެސް ވާކަމަށް ނަފްސަށް ޤަބޫލުކުރިޔަދޭށެވެ. ތިބާގެ އަޅާލުމާއި ގާތްކަމަށް އެދި އެދި ތިބި މީހުންނަށް އެ ފުރުޞަތު ދޭށެވެ. ތިމާއަށް ވީ ތަދުތައް އަލަށް ދިމާވި މީސްމީހުންނަށް ނުދޭށެވެ. ކުރެވޭ އިހްސާސާ ސަބަބުތައް ގާތްމީހުންނަށް ކިޔައިދީ ބުނެދޭށެވެ. ތިބާއަށް އެހީވުމުގެ ފުރުޞަތު ތިބާގެ ގާތް މީހުންނަށް ދޭށެވެ.
ތެދެކެވެ. ޙަޔާތުގައި ކަމެއް ނުވާކަމަށް ނެހެދޭނެއެވެ. ދިމާވި ކަންތައްތަކާއި، ކުރިމަތިލި ހަނގުރާމަތަކުގެ އަސަރު ތިބާގެ ކިބައިގައި ހުންނާނެއެވެ. އަނެކުންނަށް އެކަންކަން ތިބާގެކިބައިން ފެންނަންވެސް ފެންނާނެއެވެ.
އެހެނަސް، ޙަޔާތުގައި އެ ދިމާވި ކޮންމެ ކަމަކީ އޭގެ ސަބަބެއް އޮވެގެން ދިމާވި ކަންކަން ކަމާއި، ނަތީޖާއަކީ މިހާރު ކޮބައިކަންވެސް ތިބާ ވިސްނާލައިފިނަމަ އެނގޭނެއެވެ.
ހިތްވަރުގަދަ، ޢަޒުމު ވަރުގަދަ މީހަކަށް ވުމަށްޓަކައި ވޭނާ ކެކުޅުންވެސް ތަޙައްމަލުކުރަން ޖެހޭކަން ޚުދު ތިބާވެސް ފަހުން ޤަބޫލު ކުރާނެއެވެ. ފުން ލޯތްބާއި އިޚްލާޞްތެރި ތެދުވެރިކަމުގެ އަގު އެންމެ ރަނގަޅަށް އެނގޭނީ އޭގެ އިދިކޮޅު ކަންތައްތައް ތިބާ ތަޖްރިބާކޮށްފަ ހުރުމުންނެވެ.
އިރާދަކުރެއްވިއްޔާ މާ ލަހެއް ނުވެ ތިބާގެ ހަނދާނުގައި ހުންނާނީ ހަމައެކަނި ވޭނެއް އިހްސާސް ކުރި ހަނދާނެއެވެ. އެކަމުން ލިބުނު ތަދު ތިބާ ހަނދާން ނުހުންނާނެއެވެ. މިއީ ދުނިޔޭގެ އާދައެވެ.
ހެއްދެވިފަރާތަށް ދުޢާކޮށް ދަންނަވާށެވެ. އެ ހަނދާންތަކާ އެ ވޭންތަކުން ދުރުކޮށްދެއްވުން އެދި ދަންނަވާށެވެ. އަހަރެމެންގެ ވެރި ރަސްކަލާނގެ އަހަރެމެންނަށް ދެއްވާ ކޮންމެ ކަމެއްގައި ހެވެއް ނޫނީ ނުވެއެވެ.
އަހަރެމެންގެ ހިތް ހަލާކުވި ކޮންމެ ފަހަރަކީ އަހަރެމެންގެ ނަފްސު އިތުރަށް ރަނގަޅުކޮށް ފުރިހަމަކުރާން ލިބުނު ފުރުޞަތެކެވެ. އަދި އަނެކުންނަށް ޤަދަރާއި އިޙްތިރާމް ދިނުމަށާއި، ގާތްކަމާއި ލޯބި ދިނުމަށް އެ ހިތަށް ލިބުނު ޢިލްމަކަށެވެ.
މާޒީއާ ވަކިނުވާށެވެ. މާޒީގެ ސަބަބުން ކުރިއަށްވުރެވެސް ފުރިހަމަ މީހަކަށް ވެވޭތޯ ބަލާށެވެ. މާޒީގައި ބަޔަކު ތިބާގެ އަގު ވައްޓާލާ އިޙްތިރާމާއި ގަދަރުކުޑަކޮށްލިނަމަވެސް، ތިބާ ހީވެސް ނުކުރާވަރުގެ ޤަދަރަކާއި އިޙްތިރާމަކާއެކު ތިބާ ބަލައިގަންނާނެ އެތައް ބަޔަކު ތިބާ އަދި ދެކޭނެއެވެ.
ހެޔޮ ބަދަލުތަކަކާއެކު ކުރިއަށްވުރެވެސް "ރީތި" ނަފްސަތަކަށް ވެވޭތޯ ބަލާށެވެ.!

