އަހަރެންގެ ކުލަނުޖެހުނު ހުވަފެންތަކުގެ، ފުރިހަމަ ނުވި އުއްމީދުތަކުގެ، ހަނދާނުގައި ލިޔަމެވެ.
ތަދުބީރު ކުރަހާ ޗާޓުގައިވާ ގޮޮތަކަށް ތަގުދީރު ހުރިހާ ފަހަރަކު ނުހިނގާނެއެވެ. އެކަން ފަހުމުވިނަމަ…
އަދު މިހާ ވަރަށް ތަދެއް ނުވީހެވެ. މިހާ ބޮޑަށް ހިތް ނުފިތުނީހެވެ.
އެހެނަސް ވަކިވާން ޖެހުމުން … ކާކަށް ކުރެވޭނީވެސް ވަކި ކީއްހެއްޔެވެ!
އެމަގަށް އެނބުރި ދާން އެދޭނަމެވެ. އެހަވީރުތަކާއި އެރޭތައް އިއާދަކުރާނަމެވެ.
ނަލަރާގެއްހެން ހަޔާތަށް އާ މަގުސަދެއް ދިން އެ އިންސާނާގެ ހަނދާނެވެ.
އޮޅިފައި މަގުގެއްލި ގޮތްހުސްވެފައި ހުއްޓާ އެމަގަށް އައިސް ހުއްޓުުނެވެ.
ނޭނގޭ ނަމަކުން ގޮވާލީ ނަލަ ހީނލުމަކުން ސަލާން ކުރަމުންނެވެ.
އަތުގައިވާ ތަނޑުތަކުގައި ކުޅެމުންދިޔަ އުފާވެރި ރާގު ހުއްޓޭނެކަން އެނގުނުނަމަ…
އަދު މިހާ ވަރަށް ރޫހު ތެޅި ނުފޮޅޭނެ އެވެ. ހިތުން ލޭ އޮހޮރުނަ ނުދިނީމުހެވެ.
އެހެނަސް ވަކިވާން ޖެހުމުން …. ކާކަށް ކުރެވޭނީ ވެސް ވަކި ކީއްހެއްޔެވެ!
އެއީ ޑިސެމްބަރުމަހެއްގެ ފިނި ހިތްގައިމު ހަވީރެކެވެ. ދޮރާށި ދޮށަށް ނުކުމެލީ ހަމަ ހަވީރު ފިންޏަށެވެ.
ހަޔާތުގެ އުއްމީދެއް އަލިކަމެއް ނެތި އޭރު އޮތީ ފަޅުކަމާއި ވީރާނާކަމެވެ.
ޅަޒުވާން އުމުރުގައި އަހަރެން ހުރީ މާޔޫސްވެ ދުވަސްވީ ބަލިމީހަކަށް ވެފައެވެ.
ފަސް އެނބުރި ބަލާލުމުން ފެންނަނީ އަނިޔާއާއި ބަދުނާމެެވެ.
ބައްޔަށް ފަރުވާދީ އަނިޔާއާއި ބަދުނާމު ފޮހެލައިދިން އެ އަތް ހުއްޓޭނެކަން އެނގުނުނަމަ….
އަދު މިހާވަރަށް ދެލޯ ފާރުނުވީހެވެ. ރޭތައް މިވަރަށް ދިގުލައި ފަޅު ވިޔަ ނުދިނީމުހެވެ.
އެހެނަސް … ވަކިވާން ޖެހުމުން ކާކަށް ކުރެވޭނީވެސް ވަކި ކީއްހެއްޔެވެ!
އޭރު ހުންނަން ޖެހުނީ ލޯތްބެއްގެ ނަން އަމުދުން ނެތް ހިޔަލެއް ނެތް ހަތަރުފާރު ތެރޭގައެވެ.
އެ ކޮށި ތެރޭ ހަފުސްވިި ހަލާކުވި ދިހަ އަހަަރުގެ އަނދިރިކަމެވެ.
ބޭނުންނުވުމާއެކުވެސް ލިބިފައިވާ ވޭނާއި ރިހުމުގެ ދެ ނިޝާނެވެ.
ނުވަމަސްދުވަހުގެ ބުރަ ނިމުމަށްފަހު ވޭތުވި ހަތްރޭ ހަތްދުވާ ހައިހޫނު ކަމުގައެވެ.
މަގުއޮޅި ގެއްލި ގޮސް މަސްނޫއީ ދުނިޔެ ދައްކުވައިދޭ ވަބާގެ ޝިކާރައަކަށްވީއެވެ.
އެވަބާއިން ނެރެގެން އަލުން އާފެށުމަކަށް ފިޔަވަޅު އެޅުވި ފައިތިލަ ދެން ނުއުފުލޭނެކަން އެނގުނުނަމަ…
މިއަދު މި ކުރާ ޝަކުވާ މިހާ ގިނަ ނުވީހެވެ. މިވަރަށް ގިސްލެވި ހިތްކުދިކުދި ނުވީހެވެ.
އެހެނަސް … ވަކިވާން ޖެހުމުން … ކާކަށް ކުރެވެނީވެސް ކޮން ޝަކުވާއެއްހެއްޔެވެ!
މާޔޫސްވެ ހިތުޒަހަރުގެ ކޯވަރު އަރުތެރެ ފިއްސަމުން ދަނިކޮށް އައީ ޑިސެމްބަރު މަހުގެ އެ ހަވީރެވެ.
ހިލައިގެ އުސްފާރުތަކުގެ ތެރޭގައި ހަފުސްވެފައިވާ ޒުވާން ޖިސްމާއި ރޫހު މިނިވަންކުރިއެވެ.
ދިރިއުޅުމަށް އަލުން އައު މާނައެއް ލިބި ނަސީބު އަތުގައި ހިފީއެވެ.
ހަޔާތުގެ އެއް ދުވަސް އެހާ ހިތްގައިމު ހަވީރެއްގައި އެހާ ހާއްސަ ވާނެ ކަމަކަށް ހީނުކުރަމެވެ.
އިތުބާރާއި ޔަގީންކަމުގައި ލޯބީގެ އެ ބަހާރު މޫސުުން ތޫފާނުގައި އޮޔާދާނެކަން އެނގުނު ނަމަ…
ފަހުން ދޭން ނުޖެހޭ ވަރަށް ކަލެއަށް ލޯބި ދިނީމުހެވެ. އަބަދާއި އަބަދު ފިރުމުން އިހުސާސް ވާވަރަށް ފިރުމީމުހެވެ.
އެހެނަސް …ވަކިވާން ޖެހުމުން .. ކާކަށް ކުރެވޭނީވެސް ކޮން ޝަކުވާއެއް ހެއްޔެވެ!
ބައެއް އިހުސާސްތައް ފަހުމު ވުން ކިހާވޭން ދޭހެއްޔެވެ.
ބައެއް ތަދުތައް ފޮނި ރިހުމަކަށް ވެދެއެވެ.
ބައެއް ހަނދާންތައް ފިނި ރޯޅިއެއް ފަދައެވެ.
ނުހަނު ލޯބިލޯބިން މަލެއްގެ ފިޔަތަަކުގައި ފިރުމާހާ ނާޒުކު ކަމާއެކު ފިރުމިއެވެ.
ކޫރުމެއް އެޅިދާނެތީ ބިރުން ގެންގުޅުނީ ނުހަނު މަޑުމަޑުންނެވެ.
އެފިރުމުންތައް ހުއްޓޭނެކަން އެނގުނުނަމަ….
އަނބުރާ އެގޮތަށް ފިރުމައިދީ ލޯބިދިނީމުހެވެ. އޭރަށް މިހިތަށް މިވާ ތަދު މިވަރަށް ތަދުނުވީހެވެ.
އެހެނަސް … ވަކިވާން ޖެހުމުން … ކާކަށް ކުރެވޭނީވެސް ކޮން ޝަކުވާއެއް ހެއްޔެވެ!
އަހަރެންގެ ކުލަނުޖެހުނު ހުވަފެންތަކުގެ، ފުރިހަމަ ނުވި އުއްމީދުތަކުގެ، ހަނދާނުގައި ލިޔަމެވެ.
ތަދުބީރު ކުރަހާ ޗާޓުގައިވާ ގޮޮތަކަށް ތަގުދީރު ހުރިހާ ފަހަރަކު ނުހިނގާނެއެވެ. އެކަން ފަހުމުވިނަމަ…
އަދު މިހާ ވަރަށް ތަދެއް ނުވީހެވެ. މިހާ ބޮޑަށް ހިތް ނުފިތުނީހެވެ.
އެހެނަސް ވަކިވާން ޖެހުމުން … ކާކަށް ކުރެވޭނީވެސް ވަކި ކީއްހެއްޔެވެ!

