އަހަރެން ދަންފަޅިއަށް ކިޔައިދޭން މި އުޅެނީ ލޯބީގެ ވާހަކައެއް ނޫނެވެ، އެކަމަކު ހިތް ފަޅައިގެންދާވަރަށް މިއަދުވެސް ހިތުގައި އިންތިހާއަށް ޖެހޭ ހަނދާނެއްގެ ވާހަކައެވެ. އަހަންނަކީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނައުމަށް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކައުންސެލަރަކީމެވެ. ވަޒީފާ ރަސްމީ ވުމުގެ ކުރިން "ކައުންސެލިން ޕްރެކްޓިސް" ގެ ދުވަސްތަކުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރަން ޖެހޭތީ، ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަކީ އަހަރެން ކަހަލަ އަންހެނަކަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެންނަމަވެސް ނަސީބު ރަނގަޅު ކަމުން އަހަރެންގެ މި އުނދަގޫ އަހަރުދުވަހުގެ "ޕްރެކްޓިސް" ނިމެންދދެން ދަރިފުޅުގެ ކަންކަން ބެލުމަށް ފިރިމީހާ އެއްބަސްވުމަކީ ލިބުނު ކުރިއެރުމެއްވެސްމެއެވެ. އަހަންނަށް ދަރިފުޅު ލިބުނީ ކޯހުގެ މެދުތެރެއިންނެވެ، އޭރުއްސުރެ ވެސް ފިރިމީހާ ހުރިހާ ގޮތަކުން ވެސް ވަރަށް އެހީތެރިއެވެ، އޭނާގެ މަސައްކަތަކީވެސް އަހަރެންގެ މަސައްކަތާ އެއްގޮތް ކަމަކަށް ވާތީކަމަށްވެސް ވެދާނެއެވެ. އަހަރެންގެ ފިރިމީހާއަކީ ސައިކޭޓްރިސްޓެކެވެ.
މިކިޔައިދޭން އުޅޭ "ހާދިސާ"ގެ ހަގީގީ ވެރި ޒުވާނާ ގާތުން އެނގި ދެނެގަނެވުނު ބަޔަކީ އަހަރެމެން ދެމަފިރިންނެވެ. އެއީ އަހަރެންގެ ޕްރެކްޓިސްގެ ފަހު ދެމަސްދުވަހެވެ. އަހަރެންގެ ފިރިމީހާގެ ވަޒީފާވެސް އޮތް ތަނުގައި އަހަރެންގެވެސް ވަޒީފާ ރަސްމީ ވާން އޮތް ތަނުގައި ފަހު ދެމަސް ހަމަޖެހިފައިވާތީ އަހަރެމެން ތިބެނީ ވަރަށް ހަމަޖެހިގެންނެވެ. ކޮންމެ ދުވަހަކު ވަޒީފާ ނިންމާފައި މާލެ ދިއުމަށްވުރެ އަހަރެމެންގެ ދަރިފުޅަށްވެސް އަދި ތިން އަހަރު ނުވާތީއާއެކު، ސުކޫލަށްވެސް ފޮނުވަން ނުޖެހޭތީ، ވަޒީފާ އަދާ ކުރާ ރަށުން އަހަރެމެންނަށް ރަނގަޅު ގެއެއް ކުއްޔަށް ލިބޭ ގޮތްވުމުން، ދަރިފުޅާއެކު އަހަރެމެން ތިބީ އެރަށަށް ދިރިއުޅުން ބަދަލުކޮށްގެންނެވެ.
އެދުވަހު އަހަރެންގެ ޑިއުޓީ އޮތީ މެންދުރު ފަހު، ދޭއް ޖަހާއިރު ކަމަށްވާތީ ޑިއުޓީ ފެށުމުގެ ކުރިން މެންދުރުގެ ކެއުން ފިރިމީހާއާއެކުގައި ކެއުމަށް އަހަރެން ދިޔައީ ތަށިބަރި ހިފައިގެން އޭނާ އިންނަ ކްލިނިކަށެެވެ. މިގަޑިއަކީ އޭނާގެ ބްރޭކް ގަޑިކަމަށްވާތީއެވެ. މެންދުރު ނަމާދުކޮށްގެން އަހަރެމެން އިށީނީ ކެއުމަށެވެ. ކުއްލިއަކަށް ހީވީ ތަނެއް ގޮވި ހެނެވެ. އަޑު އިވުމާއެކު ފިރިމީހާ ފުންމައިގެން ތެދުވަމުން "އޯހްގޯޑް، ނޮޓް އެގެއިން،" ބުނި ގޮތުން އެއީ އޭނާއަށް އެނގޭ މީހެއްގެ ފަރާތުން އައި އަޑެއްކަން ދެނެގަންނަން އުނދަގުލެއް ނުވިއެވެ.
"ދެން ކެއުން ދޫކޮށްލާފައި ތިދަނީޔޯ، އަތުހަރާއި ބްރަދަރ ވެސް އެބަތިއްބެއްނު އެތެރޭގައި، މިއީ ބަޓީގެ ބްރޭކް ގަޑިއެއްނު." އަހަރެން ހިތްހަމަނުޖެހުނީ ކެއުމުގެ މެދުތެރެއިން އޭނާ ދާން އުޅުމުންނެވެ.
"ބިންނޫ އަކަށް ނޭނގޭނެ. އެއީ މަގޭ ޕޭޝަންޓެކޭ، ހެނދުނު އައި ދައްކަންވެސް، މިކޮޅުގައި ފަރުވާއަށް ގެނެސްފައި އެހެރީ، އަސްލު ގުރައިދޫއަށް ފޮނުވަން އުޅުނީމަ މަ އެހެރީ ބަހައްޓަން އެދިގެން ބަހައްޓާފައި، މަ ބޭނުންވަނީ ބޮޑުފެމިލީއަށް ޖޮއިން ކުރީމަ އެ ކްލައިންޓާ ބިންނޫ ހަވާލުވާން، އެވާހަކަ މިއަދު ދައްކަން ކަމަށް މިހިރީވެސް،"
ބަޓީއަކީ ވަރަށް ހިތްހެޔޮ މީހެކެވެ. އޭނާގެ ބައްޕައަކީ ދިވެއްސަކަށް ނުވާތީ ކަމަށްވެސް ވެދާނެއެވެ. މީހުން ބުނާ ގޮތުންނަމަ ބަޓީ އެހާ ހިތްހެޔޮވެފައި ރަނގަޅީ އޭނާއަކީ ބޮސްނިއާ މީހަކަށްވާތީއެވެ. އަހަންނަކަށް ބަޓީގެ ނަސްލުގެ އަސްލެއް ތަފާތެއް ނޭނގެއެވެ. އެކަމަކު އެއްކަމެއް ޔަގީނެވެ. ބަޓީގެ އިންސާނިއްޔަތުކަން އާންމު އަހަރެމެންގެ މީހުންނަށްވުރެ ވިއްސަކަށް ގުނަ އިތުރެވެ. އޭނާގެ ހިތްހެޔޮވަރަކީ މިތަނުގައި ވަޒީފާ އަދާ ކުރުމުގައި ދިމާވާ ޑްރަގް އެޑިކްޓުންގެ މަކަރާއި ހީލަތުގެ ހަގީގަތް އެނގިހުރެވެސް އެމީހުނަށް އަދަބު ލިބެން ދޫކޮށްލުމުގެ ބަދަލުގައި އެމީހުންނާ އެއްހަމައަކަށް ގޮސް ވިސްނައިދީ އަނބުރާ ޕޮޒިޓިވް ވިސްނުމަކަށް ގެނައުމެވެ. އެހެން ޑޮކްޓަރުން ހެން އަވަހަށް ކައުންސެލަރުންނަށް ޕޭޝަންޓް ދޫކޮށްލައި ބޮލުން ނައްޓާލުމަކީ ބަޓީގެ ގޮތެއް ނޫނެވެ. އަހަރެން މިދާއިރާއަށް ނުކުތްފަހުން ބަޓީ އޭނާއަށް ލިބޭ ތަންކޮޅެއް ވަޔަލެންޓް ޕޭޝަންޓުންގެ ކައުންސެލިން ހަވާލުކުރަނީ އަހަންނާއެވެ.
ބަޓީ އަވަސްއަވަސްކޮށްލައިގެން ދެސުވަލެއް ވަރު ކައިގެން އަތްދޮންނަން ސިންކު ކައިރިއަށް ދިޔައެވެ. ދެވަނައަޑުފަށްގަނޑު އިވުނީ އެގަޑީގައެވެ، އަދި ނަރުސް ކުއްޖަކު އައިސް ބަޓީއަށް ގޮވާލީވެސް އެގަޑީގައެވެ.
ބަޓީ ދަމުން އަހަންނަށް އައުމަށް އިޝާރާތް ކުރިއެވެ. އެހެންވެ އަހަރެންވެސް އަތްދޮވެގެން ފެންފުޅިން ފެންބޮމުން އޭނާގެ ފަހަތުން ހިނގައިގަތީމެވެ. ބަލިމީހުން ދައްކާ ކްލިނިކް ތެރެއަށް ވަނުމާއެކު އަހަރެމެންނަށް ހުއްޓުން އެރިއެވެ. ތަނުގައި ހުރި ސްޓޭންޑް ފަންކާ އޮތީ ބިންމަތީގައި ފަޅިވެފައެވެ. ދެގޮނޑިއެއްގެ އަތްގަނޑަކާއި ފަޔެއް ބިނދިފައި އޮތެވެ. އެތެރެއިން އަންހެންކުއްކެއްގެ އަޑު ބާރަށް އިވުނެވެ.
"ބލއެއްތާ. ދޭށޭ ބުނީމަ ދޭނީ، މިދެން ކިހާބޮޑުކަމެއް، ވަޓްދަ ހެލް ޔޫއާރ ޓޯކިން،؟ ޖަސްޓް ގިވްމީ މައި މެޑިސިން، އައެއް ނޮޓް އާސްކިންގ ފޯރ ޔުއަ ފކނގ ޕްރޮޕަޓީ އޯރ މަނީ،" އަންހެންކުއްޖާގެ އަޑު ދިޔައީ ގަދަވަމުންނެވެ. ބަޓީ ދިގު ދެފިޔަވަޅެއް އަޅައި އެތެރެއަށް ވަނެވެ. ފަހަތުން އަހަރެންވެސް ވަނީމެވެ.
ފުރަތަމަ ފެނުނީ ފުރަގަހުންނެވެ. ލައިގެން ހުރި ހެދުމުން އޮޅުން އަރާގޮތްވިއެެވެ. އެހާވެސް ކުޑަފޮތިކޮޅަކުން ފަހާފައި އޮތް ނިވާކަންކުޑަ ހެދުމެކެވެ. ގައިގެ ވަނާތައް ހާމަވެ އެނގޭނެތީވެ ތަނުގެ ފަރާތުން ކޮނޑުމަތީގައި އަޅައިދީފައި އޮތް ދޯޕައްޓާވެސް އޮތީ ކަރުގައި އޮޅާލައި ގޮށެއް ޖަހާފައެވެ. ތަނުގެ ގަވާއިދާ މިހާ ފާޅުކަން ބޮޑު ގޮތަކަށް ދެކޮޅުހަދައިގެން ހުރުމުން އަހަރެންވެސް ބަލާލަން ބޭނުންވާތީ ކުރިއަށް ޖެހިލީމެވ.
މިއީ ދިވެއްސެއް ބާވައެވެ. އެވަގުތު އަންހެންކުއްޖާއަށް ބަޓީ ގޮވާލިއެވެ.
"ހުނާންހިޝާން،" ކޮންކަހަލަ ނަމެއްބާވައެވެ. އަނެއްކާ މިއީ ސްޓައިލްކޮށް ހުރޮ ފިރިހެންކުއްޖެއްބާވައެވެ.
ކުރެވުނީ ކުށްހީއެއްކަން އެނގުނީ އެނބުރި ބަޓީއަށް ބަލާލީމައެވެ.
މޫނުގައި ތޮރުފާ ބޮޅު ނާޅުވާ ތަންފުކެއް މަދެވެ. ކުޑަކުޑަ މޫނުގައި ވިއްސަކަށް ޑޮޓާއި ހައެއްކަ ބޮޅު އަޅުވާފައި ހުރިއިރު ބޮލުގައި ހުރީ ގުރައެއްގެ ސިފަ ފާޅުވާ ކުލަތަކެކެވެ. ބޮލުގެ އެއްފަރާތުން ބާލައި އަނެއްފަރާތަށް އަރިއަކަށް ފުނާ އަޅާފައެވެ. އަނެއްކާވެސް ހިތަށް އެރީ މިއީ ދިވެއްސެއްބާވައެވެ؟
"ހުނާންހިޝާން، މިހިރީ ހުނާންގެ ލިބެންއުޅޭ ކައުންސެލަރ ވެސް، އެންމެ ސްވީޓް ހުނާން ބޭނުންވާކަހަލަ ކައުންސެލަރެއް ލިބުނީމަ، ދެންވެސް ބަސްއަހާބަލަ،" ބަޓީ ނިކަން މަޑުމަޑުން ބުންޏެވެ.
"ބޭކާރު ވާހަކަ ނުދައްކާ މަށަށް ބޭސް ދިނީމަ ނިމުނީނު، ބަލަ މަށަށް ނުނިދިގެންނޭ މިއުޅެނީ، ދެރޭ ވެއްޖެ، ނޮޓް އީވެން އަ ސެކަންޑް އައިވް ސްލެޕްޓް،"
ުހުނާން ބާރަށް އަޑުލައިގަތެވެ.
"އެހެން ނުދެވޭނެއްނު ބޭނުން ކޮންމެ ކޮޮންމެ ބޭހެއް. ތީ ނުލާހިކު ވިސްނޭ އެނގޭ ކުއްޖެއްނު، މިތާ މިގޮނޑީގައި އިށީނދެބަލަ، ވާހަކަ ދައްކާލަން،" ބަޓީ މަޑުމައިތިރި ރާގެއްގައި ވާހަކަދެއްކިއެވެ.

ފޮޓޯ: ޝަޓަސްޓޮކް
"ކީއްވެގެންހޭ ބޭސް ނުގެނެސްދެވެންވީ؟ މަގޭ ބޭބެއަށް އެންމެ ފަހަރަކު ގުޅާލަން ޖެހޭނީ. ކަލޭމެންނަށް ނުވަންޏާ އެމީހުން އަމިއްލަ ހަރަދުގައިވެސް މިހިސާބަށް ބޭސް ގެނެސްދޭނެ."
ނަފުސާނީ މައްސަލައިގައި ކާންޖެހޭ ހާއްސަ ބޭސްތަކުގެ ނަން ހުނާން ކިޔާލީ ފަރިތަކޮށެވެ. މިވެނި ކަމަކަށް އެވެނި ބޭހެކޭ އެނުކައިފިނަމަ ފިޓުޖެހުމެއް ނުހުއްޓުވޭނެއޭ، މިހާރުވެސް ފައިގައި ވަރުދާގޮތްވެފައޭ، ޕެރެލައިޒްވެދާނެތީ ބިރުގަނެއޭ މިހެން ގޮސް އެތައް ޝަކުވާއެކެވެ.
އެންމެ ފަހުން އަހަރެން އިސްވެ ބަޓީ ގާތު މަޑުމަޑުން ބުނެލީމެވެ. "ދެން އެންމެ ރަނގަޅު ވާނީ އެބޭހެއް ހޯދައިދިނީމަ، ލެޓް މޯ ޓޯކް،"
ހުނާނަށް އިތުބާރު ދިނީ އަހަންނެެވެ. ހުނާން ގޮވައިގެން އަހަރެންގެ އޮފީސް ބަޔަށެވެ. ގަޑިޖެހިފައިހުރުމާއެކު ސޮއިކޮށްލުމަށްފަހު ޑިއުޓީއާ ހަވާލުވިކަން އަންގާފައި އަަހަރެން އޮފީސް ބަޔަށް ވަދެ ބަލާލީމެވެ.
"ބޭސް." އަހަރެން ފެންނައިރަށް ހުނާން އެއްސެވެ. އަހަރެން ހުނާން އަތުން ނަންބަރު ހޯދައިގެން އޮފީސް ބަޔަށް ގޮސް ގުޅާލީމެވެ.
ހުނާނުގެ ބެލެނިވެރިޔާއަށް ގުޅާލުމާއެކު އެކޮޅުން ވަރަށް މާތް ބަހުރުވައަކުން މާފަށް އެދުނެވެ. އަދި ހަމަ އިރުކޮޅެއްގެ ތެރޭގައި ލޯންޗަކުން ބޭސް ފޮނުވަނީއޭ ބުނެލިއެވެ. ހައިރާންވި ނަމަވެސް ޑޮކްޓަރުންގެ ލިޔުންތައް ހުރީ ފެންނާށެވެ. އެހާ ވަރުގަދަ ބޭސްތަކެއް އެހާ ޅައުމުރުގައި ކާންދޭން ޖެހޭވަރުގެ ބައްޔެއް ވެފައިވާތީ އެ އަންހެންކުއްޖާއަށް ހަމްދަރުދީ ވެވުނެވެ.
ރަސްމީގޮތެއްގައި ހުނާންގެ ކޭސްއާ އަހަރެން އެދުވަހު ހަވާލުވެ އޭނާގެ ފައިލް ނެގީމެެވެ. އަދި އަނެއްދުވަހުގެ ސެޝަން އަށް ގެނައީމެވެ.
ހުނާންގެ ސައިކޭޓްރިކް ބޭސްތަކުގެ މައުލޫމާތުހުރި ވަރުން ވީ އަޖައިބަށްވުރެ މާބޮޑަށްވެސް ހައިރާންވެ އަންތަރީސް ވާވަރުގެ ވާހަަކައެއް އަޑުއިވުނީ އެކާވީސް ދުވަހުގެ ޑިޓޮކްސްއަށް އައިސް ހުރި ހުނާންގެ ސެޝަންގައި އޭނާ ދެއްކި ވާހަކަތަކުންނެވެ.
"މިހާރުދެން ބޭހާއި ނުލައި އުޅޭނެ ވަރެއް ނެތް. އުޅޭކަށް ބޭނުމެއްވެސް ނޫން."
ނަފުސާނީ ބޭސްތައް ކެއުމަށްވުރެ އަމިއްލަ ހިތްވަރުކޮށްފައި އުޅެވޭތޯ ބަލަންވީ ނޫންހޭ އެހުމުން ދިން ޖަވާބަކީ މިއީއެވެ. އިތުރަށް ނަސޭހަތް ދޭން އުޅުމުން ދެން ކިޔައިދިނީ އަދި މާބޮޑަށްވެސް އަޖައިބުކުރުވަނިވި ވާހަކައެކެވެ.
"ކުޑަކުޑައިރު މަށަކީ މޮޔައެކޭ ބޭސްކާންދޭން ޖެހޭނެއޭ ބުނީ މަންމަ."
އެންމެ ފަސް އަަހަރުގެ ކުޑަކުޑަ ކުއްޖަކަށް އެހާބާރުގަދަ ބޭސަތަކެއް ކާންދޭން ޖެހޭވަރުގެ ކޮންކަމެއް ދިމާވީބާވައެވެ؟ އެއްވެސް މައްސަލައެއް ނެތި ހަމަ އުފަލުން ބޮޑުވަމުން އައި ކުއްޖަކަށް މުށްފުރާ ހުންނަ ވަރުގެ ނަފުސާނީ ބޭސްތަކުގެ ގުޅަތަކެއް ކާންދޭން ޖެހުނީ ކޮން ޑޮކްޓަރަކު ކޮން އެއްޗެކޭ ބުނެގެންބާވައެވެ؟
"އަހަރެން މިރާއްޖެ ގެނައީ ދާދި ފަހުން. ކުޑައިރު އެންމެ ފަސް އަހަރުގައި ބައްޕަ ނިޔާވީމަ ގެންދިޔަ ގޮތަށް. މަންމަ ގާތުގައި ނުބަހައްޓަން ވެގެން. ބައްޕަ ދުނިޔޭގައި ހުރި އިރު އަހަރެން މިހާލުގަ އުޅޭކަށް ނުޖެހޭ. ބައްޕަ މަރުވުމުން އަހަރެން ރޮއި ދެރަވެ ނުނިދައި ބައްޕަގެނެސްދޭން ކިޔަންފެށީމަ ބޭސްދީ ނިންދަވަނީ. މިހާރުދެން އަހަރެން އިންޖެކްޓް ކުރަނީއޭ އެބިއުސްކުރަނީއޭ ކިޔައި މައްސަލަ ޖައްސަނީ ކީއްކުރަން؟"

"ކުޑަކުޑައިރު މަށަކީ މޮޔައެކޭ ބޭސްކާންދޭން ޖެހޭނެއޭ ބުނީ މަންމަ."
ނަވާރަ އަހަރުގެ އަންހެން ކުއްޖާ އޭނާއަށް ބޭސްކާންދެމުންދެމުން ގޮސް ބޭހާ ނުލައި ނޫޅެވޭވަރުވީ ގޮތް ކިޔައިދިނެވެ. އެންމެ ފަސް އަހަރުން ފެށިގެން އޭނާއަށް އަބަދުވެސް ޑޮކްޓަރުގެ ލިޔުމާއެކު ބޭސްލިބެއެވެ. އޭނާ ބޭހުގެ ނަންތަކާއި އެބޭސްތައް ކާންޖެހޭ ނުޖެހޭގޮތް ކިޔައިދިން ގޮތް ފުރިހަމަކަމުން ހަމަހަގީގަތުގައިވެސް އޭނާއަށް ނަފުސާނީ ބޭސްތައް އެނގޭވަރު ހާމަވެއެވެ.
"ނަފުސާނީއޭ ސައިކޯވީއޭ ކިޔައި ބޭސްކާންދީދީ ހަލާކުކޮށްލީ މައުސޫމު އަހަރެންގެ މުޅި ދިރިއުޅުމެވެ! ކުޑަކުޑައިރު އަހަރެން ހަލަނިކަމުން މަންމައާއި މިހާރު އިނދެގެން އެއުޅޭ ދޮންބައްޕައާ ދެމީހުންނަށް، ބައްޕަ ގޭގައި ނޫޅުއްވާ ވަގުތު ނާޗަރަންގީ ނުކުޅެވޭނެތީ، އަހަރެން ނިންދަވާލަން ގަދަަފަދަ ބޭސްކާން ދިނީ،"
އިނގިރޭސިން އެއަންހެންކުއްޖާ ބުނެލި އެ ވާހަކަތައް ދުވަހަކުވެސް ހަނދާނުން ހިތަކުން ފިލައިގެނެއް ނުދެއެވެ. ހުނާންގެ ބައްޕައަށް ދަރިފުޅަކު ލިބޭކަށް ހުނާންގެ މަންމަ ހުރީ ބޭނުން ނުވެފައެވެ. މުއްސަނދި މޮޅު މީހަކަށްވާތީ ކައިވެނި ކުރީ ބޭނުން "ޕޮޝް" އަރާމު ދިރިއުޅުން ބޭނުންވާތީއެވެ. ރާއްޖެއިން ބޭރުގައުމުތަކުން އުދުހިލާ، ރާއްޖޭގައި ނަމަ ރިސޯޓުތަކުން އުދުހެމުންދިޔަ، ބިއުޓީޕާލަރތަކުގެ ރަނިކަން ކުރަމުން މޮޅެތި ގަހަނާފިހާރަތަކާއި އަންނައުނު ފިހާރަތަކުގެ ބެސްޓްކަސްޓަމަރަށް ވަމުން އުޅުނު އިރު އެންމެ ގާތުގައި ހުރިހާ ކަމަކާ ހަވާލުކޮށްފައި ހުންނަ ޒުވާނާއަކީ މަންމަގެ "ޖާނެވެ" މަންމަ ދަތުރުތައް ކުރަނީވެސް ޖާންގެ އެހީތެރިކަން ވަރަށް ރަނގަޅުކަމަށް ބނެ ބައްޕަގެ ހުއްދައާއެކު ޖާން ގޮވައިގެންނެވެ. މިހެން އުޅެމުން ދަނިކޮށް އަހަރު ނުވަނީސް ބަނޑުބޮޑުވީއެވެ. ދަރިފުޅަކީ ޖާންގެ ދަރިފުޅެއްނޫންކަން އެނގޭތީ ހުނާންގެ ކިބައިން ސަލާމަތްވުމަށް މަސައްކަތްވެސް ކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެެވެ. ހުނާން ބަލައި ބޮޑުކުރަން ބޭނުން ނުވިޔަސް އެކަން ކުރަން ޖެހޭތީ ކުރަނީއެވެ އެކަމަކު ހުނާންގެ ހަލަނިކަމުން ފުރުސަތު ހަނިވާތީ ބޭސްކާންދީކާންދީ އަބަދު ނިންދަވާފައި ބާއްވަން ފެނުނީއެވެ.
އަދި މި ނިންދެވުން އަަބަދުގެ އާދައަކަށް ބަަދަލުވެ ނިމުނީއެވެ.
އަހަރެމެންގެ ތެރޭގައި ހުނާން ހޭދަކުރި އެކާވީސްދުވަސް ވަރަަށް ބޮޑެތި ބަދަލުތަކެއް އޭނާއަށް އައެވެ. ބޭސްކެއުންވެސް އަހަރެމެން ކޮންޓްރޯލްކުރުވީމެވެ.

ފޮޓޯ: ޝަޓަސްޓޮކް
އޭގެ ތިން އަހަރު ފަހުން އެހެން ދާއިރާއެއްގައި އުތުރު ރަށެއްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ނޫސްތަކުގެ ފަލަ ސުރުހީންނާއި މީޑިޔާތަކުން ފެނުނީ ހިތާމަވެރި ބިރުވެރި ހަބަރެކެވެ. ނަފުސާނީ ބޭސްތަކެއް ކައިގެން އޯވާޑޯޒްވެ މަރުވެފައި އޮއްވައި ފެނުނު ތޭވީސް އަހަރުގެ އަންހެނެއްގެ ހަށިގަނޑު ފެނުނުވާހަކައެވެ. ވަރަށް ބައިވަރު ސުވާލާއި އެތައްބައިވަރު ވާހަކަތަކެއް ހިތުގައި ފުނިޖެހުނެވެ.
ހުނާންހިޝާންގެ މަރުގެ ޒިންމާ އުފުލަންޖެހޭނީ ހުދު އޭނާކަމާމެދު ސުވާލެއް ނުއުފެދެއެވެ. އެހެންނަމަވެސް އެހިސާބަށް އޭނާ އައުމުގައި އިހުމާލުވި ފަރާތެއް ހަމަ ނެތްބާވައެވެ؟ ފަސްއަހަރުގެ ކުޑަކުއްޖަކަށް ނަފުސާނީ ބަލިތަކުގެ މަތީ ޑޯޒުތައް ދޭއިރު އޭނާގެ ހެދެމުން އަންނަ ޅަސިކުނޑިއާއި ނާރުތަކަށް ވާނެގޮތެއް ހަމަ ނޭނގެނީބާވައޭ ހިތަށް އެރިއެވެ.
މިކަހަލަ ކިތަންމެ ހުނާނެއް މިދިވެހި މުޖުތަމައުގައި އެބައުޅެއެވެ. ނަފުސާނީ ބޭސް ކާންދޭން ފަށާއިރު އެބޭހާއި އުމުރާ އެކަށީގެންވޭތޯ ނުބެލޭ ފަހަރު މަދެއް ނޫނެވެ. ދިމާވާ ކޮންމެވެސް ހަޑިވެ ބަދުނާމުވާފަދަ ކަމެއްގެ މަތި އެޅުމަށް ކުއްޖާ ނަފުސާނީ ބަލީގެ ބަލިމީހަކަށް ހަދާލަނީއެވެ. ފައިސާދީފައި އެކަހަލަ ހުރިހާ ނުބައި ކަމެއްް ކުރެވެއެވެ. ކުއްޖާގެ ނަމުގައި ބަލިކަމުގެ ލިޔުމެއް ތައްޔާރުކޮށްލުމަކީ ވަރަށް ފަސޭހަކަމެކެވެ.
މިވާހަކަ ކިޔައިދީ މި މައުލޫމާތުތައް ދިން ފަރާތުން އެދެނީ މިފަދަ ކަންތަކަށް ހޭލުންތެރިވުމަށެވެ. ދަރިފުޅު އޭނާއަށް ތަދުވެ އުދަނގޫވާ ކަހަލަ ވާހަކައެއް ދައްކާނަމަ އެކަމުގެ ހަގީގަތަށް ކަނުނުވާށެވެ. ނުވަތަ އެހަގީގަތް އެނގުމުން ގަންނަން ޖެހިދާނެ ލަދަކާއި ކުރި މަތިލާން ޖެހިދާނެ ސުވާލުތަކަށް ބިރުން ކުއްޖާގެ މައުސޫމު ހަޔާތް ނަގައިނުލާށެވެ. ކުރިމަތިލާން ޖެހޭ ލަދާއި ވެދާނެ ބަދުނާމަށްވުރެ ބޮޑަށް ތިމާގެ އެމައުސޫމު ކުށެއް ނެތް ދަރިފުޅު އަތުނުވާ ހިސާބަށް ބޮޑު ކުށްވެރިއަކަށްވެ ކުރިއަށްވުރެ ގަންނަން ޖެހޭނެ ލަދު ބޮޑުވެދާނެކަން ދަންނާށެވެ.
ތުއްތު ދަރިފުޅު ދުނިޔެއަށް އަންނަނީ ފިތުރަތުގެ ސާފުކަން މަތީގައެވެ. އެކުއްޖާ މުސްލިމަކަށްވެސް ޔަހޫއްޖަކަށް ނުވަތަ ނަސާރާއަކަށްވެސް ހަދާނީ އެކުއްޖާ އުޅޭ މާހައުލާއި އޭނަ ބަލައިބޮޑުކުރާ އޭނާގެ ބެލެނިވެރިންނެވެ. އެހެންކަމުން ތިމާ ފޭއްސާ އިލޮށި ތިމާގެ ލޮލަށް ހެރިދާނެކަމުގެ ނުރައްކާތެރި ބިރުން ސަލާމަތްވެ ރައްކާތެރިވާށެވެ. ކުދިންގެ މައުސޫމުކަން ނަގައި ނުލާށެެވެ!
ދަރިއަކު ބަލައި ބޮޑު ކުރުމަކީ ފަސޭހަ ކަމެއް ނޫންކަން އެނގޭއިރު އެކަން ކުރަން ވާނީ އުފަލާއެކުގައެެވެ. އެއީ ބުރައަކަށް ހަދައިގެން އުނދަގުލަކަށް ހަދައިގެނެއް ނޫނެވެ. ދަރިން ހޯދާއިރު މިއީ ބުރަކަމެއްކަން އެނގޭނެއެވެ. ވީއިރު ދަރިފުޅު ލިބި ތަރުބިއްޔަތާ ހަމައިން އެކަން ބޮޮޑު އުނދަގުލަކަށް ތުރާލަކަށް ވަނީ ކީއްވެހެއްޔެވެ. ތިމާގެ ދަރިފުޅުގެ މުސްތަގުބަލު އަނދިރި ވަޅުގަނޑަކަށް ވައްޓާލާއިރު މަހުޝަރު ބިމުގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ދޭން ޖެހޭނެ ކަން ހަނދާން ނެތެނީ ހެއްޔެވެ. ދަރިންނަކީ ﷲ ތައާލާ ދެއްވާ ބޮޑު ވެގެންވާ ނިއުމަތެކެވެ. އަދި ހަމަ އެއާއެއްވަރަށް އެއީ ޒިންމާއާމެދު ސުވާލުކުރެވޭ ބޮޑުވެގެންވާ އަމާނާތެއްވެސް މެއެވެ. އެ އަމާނާތަށް ހިޔާނާތްތެރިވެއްޖެ ނަމަ އެކަލާނގެ ކޯފާއާއި އަޒާބަށް ހުށަހެޅޭނެކަން ހަނދާން ނައްތާނުލާށެވެ!

