މިދުވަސްވަރަކީ ރާއްޖެއަށް އާދަޔާހިލާފަށް ހޫނު ދުވަސްވަރެކެވެ
އެހެންކަމުން މިފަދަ ދުވަސްވަރެއްގައި ހޫނުން ރައްކާތެރިވާނެ ގޮތްތައް ދެނެގަނެތިބުމަކީ ރައްކާތެރިކަމެއްމެއެވެ. ހޫނުގަދަ ވެގެން މައްސަލަ ދިމާވުމަށްފަހު އެކަމުން ރައްކާތެރިވުމަށްވުރެން ހޫނުން ސަލާމަތްވުމަށް އެނގިހުރުމަކީ ސިއްހީ ގޮތުން ރަނގަޅު، މުހިންމު ކަމެއްމެއެވެ.
ހޫނުވެގެން އަނބުރައިގަތު(heat syncope)މަކީ ހޫނު ދުވަސްވަރު ދިމާވެދާނެ ޞިއްޙީ މައްސަލައެކެވެ. ހޫނުވެގެން އަނބުރައިގަތުމަކީ އަނބުރައިގަތުން ނޫނީ ހޫނުއިރު ކުރިމަތިވާ ބޯއެނބުރުމެވެ. މިއީ އާންމުކޮށް ހޫނު މާހައުލަކަށް އަލަށް ބަދަލުވެ ދިރިއުޅޭ މީހުންނަށް އެމާހައުލަށް ހޭނެން ނަގާ މުއްދަތުގައި ދިމާވެދާނެ ކަމެކެވެ. މިކަން ކުރިމަތިވަނީ ހޫނު ދުވަސްވަރެއްގައި މާގިނައިރު ކޮށްޅަށް ހުރުމުން ނޫނީ އިށީދެ ނުވަތަ އޮށޯވެ އޮވެފައި ކުއްލިއަކަށް ކޮޅަށް ތެދުވާ ހިނދުގައެވެ. ހޫނުވެގެން އަނބުރައިގަތުމަށް މަގުފަހިކުރާ މައިގަނޑު ދެ ސަބަބަކީ ހަށިގަނޑުން ފެނާއި ލޮނުގެ ބައި މަދުވުން އަދި ހޫނު ތަނަކަށް އަލަށް ގޮސް ހޭނެމުން ދިއުން މި ދެކަމެވެ.
ސަބަބު
ހޫނުވެގެން އަނބުރައިގަންނަނީ ލޭގެ ޕްރެޝަރު ދަށްވުމުންނެވެ. ހޫނުވުމުން ލޭނާރުތައް ފުޅާވެގެން ދެއެވެ. މިހެންވުމުން ދަމާބާރާއެކު ހަށިގަނޑުގައި ހުންނަ ދިޔަވަރު(body fluids) ފަޔަށް ދައުރުވުން އިތުރުވެއެވެ. މީގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްވެ، އަނބުރައިގަންނަގޮތް ވެއެވެ. ނޫނީ ޚަބަރު ހުސްވެ، ހޭނެތޭގޮތް ވެއެވެ. ހޫނުވެގެން އަނބުރައިގަތުން ކުރިމަތިވަނީ ހޫނު ގަދަ ދުވަސްވަރެއްގައި އެކަށޭނަ ވަރަށް ސިކުނޑިއަށް ލޭދައުރުނުވުމުގެ ސަބަބުންނެވެ. ނޫނީ ލޭ ނުލިބުމުގެ ސަބަބުންނެވެ. މިގޮތަށް ސިކުނޑިއަށް ލޭނުލިބުމުން މީހާގެ ޚަބަރު ހުސްވެ، ހޭނެތޭގޮތް ވެއެވެ. އެންމެ އާންމުކޮށް މިހެން ދިމާވަނީ ހޫނު މާހައުލެއްގައި ގިނައިރު ގުނޑާ ނުލައި ކޮޅަށް ހުރުމުން ނޫނީ އޮށޯވެ އިށީނދެ އިނދެފައި ކުއްލިއަކަށް ތެދުވާ ހިނދުގައެވެ.
ހޫނު މާހައުލެއްގައި ގިނައިރު ތަކެއް ވަންދެން ކޮޅަށް ހުރެއްޖެނަމަ ދަމާބާރާއެކު ހަށިގަނޑުގެ މަތީ ބައިތަކުން ލޭ ފަޔަށް ދާގޮތް ވެއެވެ. އަދި ފައިގައި ލޭ "ޕޫލެއް" ހެން ޖަމާވާގޮތް ވެއެވެ. މީގެ އިތުރުން ގަދަ ހޫނުގައި 2 ގަޑިއިރަށްވުރެ ގިނައިރު، ބުރަ ކަސްރަތު ކޮށް ހަދައިފިނަމަ ވެސް މިގޮތަށް ހޫނުވެގެން އަނބުރައިގަތުމުގެ ފުރުޞަތު އިތުރުވާކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ހަށިގަނޑުން ފެންމަދުވުން ، ހޫނު މާހައުލަކަށް އަލަށް ބަދަލުވެ އެމާހައުލަށް ހޭނެމުން ދިއުން ފަދަ ކަންތައްތަކަކީ ވެސް ހޫނުވެގެން އަނބުރައިގަތުމަށް މަގުފަހިކުރާ ކަންތައްތަކެވެ.
ހޫނުވެގެން އަނބުރައިގަތުމަކީ ބައެއް ފަހަރު ހިތާއި ލޭނާރުތަކުގެ މައްސަލަތައް، ގިރިބިންކުރުމުގެ މައްސަލަތައް ، އަދި ނާރުތަކުގެ ނިޒާމުގެ މައްސަލައެއްގެ ސަބަބުން ކުރިމަތިވާ ކަމަކަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އަލާމާތްތައް
- ހޭނެތުން ނޫނީ އަނބުރައިގަތުން ނޫނީ ޚަބަރު ހުސްވުން ( އިރުކޮޅަކަށް)
- ބޯއެނބުރުން
- ބޯއަނބުރާގޮތްވުން ( އިށީދެ އޮށޯވެ އޮވެފައި ތެދުވާއިރު ނޫނީ ކޮށްޅަށް ގިނައިރު ހުރުމުން)
- ހަންގަނޑު، ފަނޑުވެ، ފިނިކޮށް، ތެތްކޮށްހުރުން
- ވިންދު ބަލިކަށިވުން
- ވަރުދެރަވުން
- ލޮލުގެ ފެނުމަށް ބަދަލުއައިސް ލޯފުސްވުން (ފުސްކޮށް ފެނުން)
އަވަސްފަރުވާ
ހޫނުވެގެން އަނބުރައިގަންނަ މީހުން އާންމުކޮށް ވަރަށް އަވަހަށް (ގާތްގަނޑަކަށް 15-10 މިނިޓްގެ މުއްދަތެއްގެ ތެރޭގައި) އެކަށޭނަ ފަރުވާ އާއި އެކު ރަނގަޅު ކުރެވެއެވެ. މަސައްކަތުގެ މާހައުލުގައި އުޅެނިކޮށް ހޫނުވެގެން އަނބުރައިގަތުމުން އަވަސްފަރުވާގެ ގޮތުގައި ކުރެވިދާނެ ކަންތައްތައް ނުވަތަ އަމަލުކުރަންވީ ގޮތް ތައް ތިރީގައި މިވަނީ އެވެ.
- ހޫނުވެގެން އަނބުރައިގަތް މީހާ ފިނި ހިޔާ ލިބޭ ހިސާބަކަށް ގެންދިއުން
- އަނބުރައިގަންނަހެން ހީވުމުން، ފިނި ތަނެއްގައި ނޫނީ ހިސާބެއްގައި އިށީނުން ނޫނީ އޮށޯތުން
- ހިތަށް އަނބުރާ ލޭ ފޮނުވުމަށް އިތުރުކުރުމަށް އޮށޯވެ ބޭއްވުމަށްފަހު ފައި މައްޗަށް އުފުލާލުން
- ލަސްލަހުން ފެން ، ސްޕޯޓްސް ޑްރިންކް ނޫނީ ޖޫސް ފަދަ އެއްޗެއް ބުއިން
ހޫނުވެގެން އަނބުރައިގަތުމުން ރައްކާތެރިވުން
ހޫނުވެގެން އަނބުރައިގަތުން އާންމުކޮށް ދިމާވަނީ ހޫނު މާހައުލުތަކަށް ނުހޭނި ތިބޭ މީހުންނަށެވެ. އެހެންކަމުން ހޫނު ހިސާބުތަކުގައި އަލަށް ދިރިއުޅެން ފަށާ މީހުން ދިރިއުޅެން ފެށުމަށްފަހު މަޑުމަޑުން ގަދަ ހޫނަށް ހޭނެން މަސައްކަތްކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ހޫނުގައި އުޅޭ ނޫނީ ހޭދަކުރާ ވަގުތު ނުވަތަ ހޫނުގައި މަސައްކަތްކުރާ ވަގުތު ނުވަތަ ކަސްރަތުކުރާ ވަގުތު މަޑުމަޑުން އިތުރުކުރަމުން ގެންދެވިދާނެ އެވެ. އެގޮތުން ހޫނަށް ހޭނި ހަމައަކަށް އެޅުމަށް ގާތްގަނޑަކަށް 14-10 ދުވަހުގެ މުއްދަތެއް ބޭނުންވާނެ އެވެ.
ހަމަ އެގޮތަށް ހޫނުވެގެން އަނބުރައިގަތުމަކީ ހަށިގަނޑުން ފެނުގެ ބައި އުނިވެ މަދުވުމުން ވެސް ދިމާވެދާނެ ކަމެކެވެ. ފެންމަދުވުމަކީ ހަށިގަނޑުގައި ހިމެނޭ ލޭގެ ޖުމުލަ މިންވަރު ހައްދެއްގައި ހިފަހައްޓައިދޭ ނޫނީ މަދުކޮށްދޭނެ ކަމެކެވެ. އެހެންކަމުން މިއީ އަނބުރައިގަތުމަށް މަގުފަހިކޮށްފާނެ ކަމެކެވެ. އެހެންކަމުން ލޭގެ ޖުމުލަ މިންވަރު ދަށްނުވެ، މަތީ މިންވަރެއްގައި ހިފެހެއްޓުމަށް ކަސްރަތުކުރާ މީހުން، ކަސްރަތު ފެށުމުގެ ކުރިން އަދި ކަސްރަތުގެ ފަރިތަކުރުންތަކުގެ ތެރޭގައި ވެސް އެކަށޭނަ ވަރަށް ދިޔާތަކެތި ނެގުމަކީ މުހިއްމު ކަމެކެވެ. އެކަށޭނަ ވަރަށް ދިޔާތަކެތި ނެގުމަކީ ހަށިގަނޑުގެ ފެނުގެ ބައި އެއްވަރެއްގައި ހިފަހައްޓައިދޭ ހޫނުވެގެން ދިމާވާ ތަފާތު މައްސަލަތަކުން ދުރުކޮށްދޭނެ ކަމެކެވެ.
ހޫނުވެގެން އަނބުރައިގަތުމުން ރައްކާތެރިވުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ބަނގުރާ ބުއިމުން ދުރުހެލިވުން، ހޫނު ގަދައިރު ބޭރުތެރޭގައި އުޅުން މަދުކުރުން، ކަސްރަތުކުރާނަމަ ދުވާލުގެ ފިނިވަގުތެއްގައި (ހެދުނު ނޫނީ ހަވީރު ނޫނީ ރޭގަނޑު) ކަސްރަތުކުރުން، އަދި މާބޯކޮށް ހެދުން އެޅުން ފަދަ ކަންކަމުން ދުރުހެލިވުން ބުއްދިވެރި އެވެ.
އާންމުކޮށް ހޫނުކަމާ ގުޅުންހުރި ބަލިތަކުން ރައްކާތެރިވެވޭނެ ގޮތްތައް
- ގިނައިން ފެންބުއިން (ފެންމަދުވިޔަނުދިނުމަށް ކަރުނުހިއްކި ނަމަވެސް)
- ޔޫވީ ރޭޑިއޭޝަން ފިލްޓަރކޮށްދޭ ފަދަ އަވިއައިނެއް ބޭނުންކުރުން
- އަވީތެރޭގައި އުޅޭއިރު ތޮފި، އަވި އައިނު، ކުޑަ ފަދަ ތަކެތި ބޭނުންކުރުން
- ގިނައިރު އަވީގެ ތެރޭގައި އުޅެންޖެހޭނަމަ އެސްޕީއެފް 15 އަށްވުރެ މަތި ސަންސްކްރީން ލޯޝަން ބޭނުންކުރުން
- ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮއްޕެއް ބޭނުންކުރުން
- ގަދަ އަތްވާއި ހޫނުގެ ތެރޭގައި ގިނައިރު ހޭދަނުކުރުން
- ކުލަމަޑު ހަށިގަނޑު ނިވާވާ ފަދަ ދޫހެދުންލުން
- ކޮފީ، ކޯލާ، އެނާޖީ ޑްރިންކްސް ފަދަ ކެފެއިން އެކުލެވޭ ބުއިންތަކާ ދުރުހެލިވުން
- ގަޔަށްދޫކޮށް ހުންނަ ކަފަ ބޭނުންކޮށްގެން ތައްޔާރުކޮށްފައި އަދި ތުނިކޮށް ހުންނަ އަންނައުނު ބޭނުންކުރުން
- ހޫނު ދުވަސްވަރު ވެސް އެކަށޭނަ ވަރަށް އަރާމުކުރުމަށް ވަގުތު ހޭދަކުރުން
- ހަށިގަނޑަށް ފައިދާހުރި ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެކަށޭނަ ވަރަށް ކެއުމުގައި ހިމެނުން

