މެދުއަވަށުގައި ހުންނަ ބޮޑު ގޯއްޗަކާއި ތަނަވަސް ބިޔަ ހަވޭއްޔެއް ކަހަލަ ގެއެކެެވެ. މިގެއަކީ އިހުގައި ރަސްމަތިފުށުން ވާރުތަ ވެގެން އައި ވެރިކަމެއް ދެމިގޮސް ރަށުގެ ބޮޑުން ކަމުގައި ގުނާލެވޭ އަތޮޅުވެރިން، ކަތީބުންތައް އުޅެ ނިމި ގޮސްފައިވާ ގެއެކެވެ. އޭގެ ސަބަބުން ގޭގެ ނަން މަޝްހޫރުވެފައި އޮންނަނީ ގަނޑުވަރުގެ ނަމުންނެވެ.
ގަނޑުވަރުގޯތީގައި ކުޑަ އަންހެންކުއްޖަކު ނެތި އަހަރުތަކެއް ވޭތިވެއްޖެއެވެ. ގަނޑުވަރުގައި މިހާރު އިން މާމަގެ ތިބީ ހައްތަހާވެސް ފިރިހެން މާމަކުދިންނެވެ. އަންހެންމާމަ ދަރިފުޅެއް ނެތީތީވެ މި މާމަ ރަށުތެރޭގެ ފަގީރު ޔަތީމު އަންހެންކުދިންނަށް ގަނޑުވަރުން އެހީވެ ހަދައެވެ. ދެން ވީ ގޮތަކީ ގަނޑުވަރުގެ އެންމެ ހަގު ދަރިފުޅަށް ދަރިފުޅަކު ލިބުނު ހަބަރު އައީއެވެ. މި ހަގު މަންޖެ އުޅުނީ އޭރު ރާއްޖެއިން ބޭރު ޔޫކޭގައި ކޯހެއްގައެވެ. ލިބުނީ އަންހެން ދަރިފުޅެއްކަމަށްވާތީ ގަނޑުވަރު މާމަ އެދުނީ ވީހާވެސް އަވަހަށް ރަށަށް އައުމަށެވެ. އެހެންނަމަވެސް ޔޫކޭއިން މާލެއަށް މާލެއިން ރަށަށް އައުމާމެދު ހަ އަހަރު ނިމި ދިޔައީއެވެ.
އެތައް އަހަރެއް ފަހުން ގަނޑުވަރަށް އައި އަންހެންކުއްޖަކީ މަލިކާއެވެ. އެހެންކަމުން މަލިއްކޮއަކީ ގޭގެ އެންމެންވެސް އެންމެ ލޯބިވާ ކޮއްކޮއެވެ. މަލިއްކޮއަކީ މާމަގެ ފުރާނައެވެ. ކާފަގެ ލޮލުގެ އަލިކަމެވެ. މަލިއްކޮގެ މަންމައާއި ބައްޕަ މަލިއްކޮ މާމަގާތުގައި ގަނޑުވަރުގައި ބަހައްޓާފައި އެނބުރި ޔޫކޭއަށް ދިޔައީ ޑިގްރީީ ފުރިހަމަކުރާށެވެ.
މަންމައާއި ބައްޕަ ފުރައިގެން ދިޔުމަށްފަހު މަލިއްކޮއަށް ގަނޑުވަރުގެ ގަވާއިދަށް އުޅުނެ ދަތިވެއްޖެއެވެ. އަށް އަހަރުކަމަށްވިޔަސް މަލިއްކޮ އަމިއްލަ ގޭގައި އުޅުނީ އަމިއްލަ ކޮޓަރީގައި ވަަރަށް ބޮޑުކުއްޖެއްގެ ގޮތުގައެވެ. މަންމައާއި ބައްޕަ ގަނޑުވަރުގޭގައި އުޅުނުއިރު މަންމައާއި ބައްޕަ އުޅޭ ކޮޓަރި ތެރެއިން ވަދެވޭ ކުޑަކޮޓަރިއެއް މަލިއްކޮއަށް ހުރެއެވެ. އެހެންނަމަވެސް މަންމަމެން ފުރައިގެން ދިޔުމަށްފަހު މާމަ މަލިއްކޮ ގެންދިޔައީ މާމަގެ ގާތަށެވެ.
ފުރަތަމަރޭ މާމަގެ ބޮޑު މަސަންދުގައި ވަޑުވާފައި ނިދަން ބޭއްވުމުން މަލިއްކޮ އޮތީ އުފާވެފައެވެ. މިއީ ހާދަރީތި ރޯސްކުލައެއްގެ އެނދެކެވެ. ބާލީސްތައްވެސް އެހާ މަޑުވެފައި އަރާމެވެ. އަނެއްކާ އެހާ ބޮޑެވެ. ކަންނެޔޮބާލީހެއްގައި އޮޅާލައިގެން އޮތް މަލިއްކޮއަށް ފުންމައިގެން ތެދުވެވުނީ މާމަ ކުޑަކުއްޖަކު ގޮވައިގެން އައިސް މަސަންދުގައި އިށީނުމުންނެވެ. ތިން އަހަރުވެސް ނުވާ ކުޑަކުޑަ ކަޅުކުއްޖެކެވެ. މާމަގެ އުނގުގައި ބާއްވައިގެން ނިންދެވިއެވެ. އަދި އެކުއްޖާ ނިދުމުން ބޭއްވީ، މަލިއްކޮ އޮށޯވެ އޮޮތް ތަންމަތީގެ އެއްފަޅީގައެވެ. މާމަ އޮންނަ ގޮތަށް ހަމަޖެހުނީ އެންމެ މަގަތުގައެވެ، ދެންވެސް މަސަންދުގައި ބޮޑުޖާގައެއް އޮތެވެ. އެކަމަކު މިކަމެއް މަލިއްކޮއަކަށް ކަމަކު ނުދިޔައެވެ.
މަލިއްކޮއަކީ ދޮންދޮން ކުއްޖެކެވެ، އަދި މަލިއްކޮއަށް އެކުވެރިންވެސް ބޭނުންވަނީ ދޮންކުލައިގައި ތިބޭ ފަންއިސްތަށިކޮޅު ހުންނަ ކުދިންނެވެ. އެހެންކަމުން ކައިރީގައި އޮތް ބުޅިއިސްތަށިކޮޅެއް ހުރި ކަޅުކަޅު ކުއްޖާދެކެ މަލިއްކޮ ރުޅިއަތުވެއްޖެއެވެ. މަލިއްކޮއަކީ ފޮނިކޮށް އުޅޭ ހިތްވާ ވަރަށް ބޮޑާގޮތެއް ހުންނަ ކުއްޖެއްމެއެވެ. މަލިއްކޮއަށް އެކުޑަކަޅުކުއްޖާ ގައިން ދުވަންފެށީ ކާށިތެޔޮ ވަހެވެ. އެއީ މަލިއްކޮއަށް ނިކަން ނުބައިވަހެކެވެ.
“މަލިއްކޮއަކަށް މިތަނުގައި ނުނިދޭނެ، ވަރަށް ނުބައި ވަސްދުވަނީ. ކަރަކާށިތެޔޮ ވަސްދުވަނީ މިކަޅުކުއްޖާގަނޑު ގައިން، މާމަގައިންވެސް ނުބައިވަސް ދުވަނީ، މުސްކުޅި ހުތް ވަސް، ޗީޗީ. މަލިއްކޮގެ ބާބީ ބެޑަށް މިދަނީ،”
މަލިއްކޮ އެހެން ބުނެފައި ދާން މަސަންދުން ފޭބުމުން މާމަ މަލިއްކޮގެ އަތުގައި ހިގާލިއެވެ.
“ޗީޑި، މާމަގެ އަތުގައި ވެސް ދުވަނީ މުސްކުޅިވަސް..މަލިއްކޮ ހޮޑުލަވާ،”
މާމަ ވަރަށް ދެރަވިއެވެ. އެކަމަކު މަލިއްކޮގެ އެބޮޑާ ސިފަ މާމަގެ ހިތްހަމަނުޖެހޭގޮތްވިއެވެ. އެހެންކަމުން މަލިއްކޮ އަށް އެކޮޓަރި ހުޅުވައިދިނެވެ. އަދި މަލިއްކޮ ޝުކުރިއްޔާވެސް ނުބުނެ ވަދެ ބޮޑުދޮރުވެސް ތަޅުލިއެވެ.
ދެންވީ ގޮތަކީތޯއެވެ. ދަންވަރު ގަޑިއެވެ. ބޮޑު އެއްޗެއް، މަލިއްކޮ އެނދުކައިރީ ކޮޅަށް ހުއްޓާ ފެނިއްޖެއެވެ، ދުވަނީ ކުނިކުނި ނުބައި ވަހެކެވެ. ހޮޑުލަވާކަަހަލަ ވަހެކެވެ. މަލިއްކޮ އެއެއްޗަށް ބަލާލީކުޑަކޮށް ލޯހުޅުވާފައެވެ. އަސްތާ ޔާރައްބީއެވެ. މިއީ ދެލޯރަތްބެ ކަންނޭނގެއެވެ. އެ ފުރޭތަ ބޮޑު އަނގަ ހުޅުވައިލީ މަލިއްކޮގެ މޫނާ ދިމާއަށެވެ.
“ބޮޑާ ކިބުރުވެރި ކުދިންނަށް ލިބޭ އަދަބު މީ،”
އަދި ދެން މަލިއްކޮ ބިރުން ވަރަަށް ބާރަށް ހަޅޭއްލަވައިގަތުމަކާއެކު އެދިމާލަށް ބިންމައްވަށް ވެއްޓިއްޖެއެވެ.
އަނެއްދުވަހު ހެނދުނު މަލިއްކޮއަށް ހޭލެވުނު އިރު އޮތީ ހޮސްޕިޓަލުގައެވެ. ރޭގައި ދިމާވި ކަންތައް ހަނދާންވުމުން މަލިއްކޮ އަށް ރޮވިއްޖެއެވެ. އަދި މާމަގާތު މާފަށް އެދި ދެން އެހާ ހަޑިކުއްޖަކަށް ނުވާނަމޭ ބުންޏެވެ.
އެދުވަހުން ފެށިގެން މަލިއްކޮއަކީ ގަނޑުވަރުގެ ކުޑަކުޑަ އަމީރާއެވެ. އެންމެނާވެސް ރައްޓެހި އޯގާތެރި އެކުވެރި ކުއްޖެކެވެ.
(ބޮޑާވެ ކިބުރުވެރި ކުއްޖަކަށް ނުވާށެވެ!”

