ކަންޢާނުން މިޞްރަށް
ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ދަރިން މިޞްރަށް ބަދަލުވެވަޑައިގަތެވެ. އެބޭކަލުން ބަދަލުވެވަޑައިގަތީ ޔޫސުފުގެފާނުގެ އެދިވަޑައިގަތުމަށެވެ. ޔޫސުފުގެފާނަކީ މިޞްރުގެ ޢަޒީޒެވެ. އެކަލޭގެފާނު މީސްތަކުންނަށް ހެޔޮ ކަންކަމަށް އަމުރު ކުރައްވައެވެ. އަދި ނުބައިކަންކަން މަނާ ކުރައްވައެވެ. ޔޫސުފުގެފާނުގެ އަޚުން ކަންޢާނުގައި ކުރައްވާ މަސަކަތްޕުޅަކީ ބަކަރި ހުއިހެއްޕެވުމެވެ. އަދި ޔޫސުފުގެފާނާއި އެކަލޭގެފާނު ޚާދިމުން އުޅުއްވަނީ މިޞްރުގައި އެކި ނިޢުމަތްތަކުގައެވެ. ރަނގަޅު އެއްޗެހި ފަރިކުޅުއްވައިގެންނެވެ.
ބައްޕާފުޅާއި އަޚުން ކަންޢާނުގައި ކުރައްވަނީ ކޮންކަމެއް ހެއްޔެވެ؟ އެބޭފުޅުން މިޞްރަށް ވަޑައިނުގަންނަވަނީ ކީއްވެގެން ހެއްޔެވެ؟ ޔޫސުފުގެފާނު އެކަލޭގެފާނުގެ ޚާދިމުން ކަންޢާނަށް ފޮނުއްވައި، ބައްޕާފުޅާއި އަޚުންގެ ކިބައިން އެދިވަޑައިގަތީ މިޞްރަށް ވަޑައިގަތުމަށެވެ.
ޔަޢުޤޫބުގެފާނާއި އެކަލޭގޭފާނުގެ ދަރިން މިޞްރަށް ވަޑައިގަތުމުން، ޔޫސުފުގެފާނު އެބޭފުޅުންނަށް އިސްތިޤުބާލު ކުރެއްވިއެވެ. އެބޭފުޅުން މިޞްރަށް ވަޑައިގަތުން ޔޫސުފުގެފާނު ވަރަށް ބޮޑަށް އުފާކުރެއްވިއެވެ.
ޔޫސުފުގެފާނަކީ ރައްޔިތުންނަށް އޯގާތެރި ހެޔޮ ބޭފުޅެކެވެ. އެހެންކަމުން އެކަލޭގެފާނު ދެކެ މިޞްރުގެ ރައްޔިތުން ވަރަށް ބޮޑަށް ލޯބިވެއެވެ. މިޞްރުގެ ރައްޔިތުން ދެކުނީ، ޔޫސުފުގެފާނަކީ އެ މީހުންނަށް ނަޞޭޙަތްދޭ އަޚެއް ކަމުގައެވެ. އަދި ޔަޢުޤޫބުގެފާނާއި މެދު ދެކުނީ ބައްޕައެއް ފަދަ މާތް ބޭކަލެއްގެ ގޮތުގައެވެ. ޔަޢުޤޫބުގެފާނަކީ ވަރަށް މުސްކުޅި ބޭފުޅެކެވެ. އެކަލޭގެފާނު ދެކިވަޑައިގަތީ މިޞްރުގެ ރައްޔިތުންނަކީ އެކަލޭގެފާނުގެ ދަރިން ގޮތުގައެވެ. ޔަޢުޤޫބުގެފާނަށާއި އެކަލޭގެފާނުގެ ދަރިންނަށް މިޞްރު ފެނިވަޑައިގަތީ ރަނގަޅު ހެޔޮ މީހުން އުޅޭ ބިމެއްގެ ގޮތުގައެވެ. އެއީ އެބޭކަލުންގެ ރަށްކަމުގައި ވެގެންދިޔައެވެ.
ޔޫސުފުގެފާނުގެ ފަހުން
ދުވަސްތަކެއް ފަހުން ޔޫސުފުގެފާނު އަވަހާރަވެއްޖެއެވެ. އެ ދުވަހަކީ މިޞްރުގެ ރައްޔިތުންނަށް ވަރަށް ހިތާމަވެރި ދުވަހެކެވެ. ޔޫސުފުގެފާނު އަވަހާރަވުމުން، އެމީހުން ވަރަށް ހިތާމަކުރިއެވެ. މީގެ ކުރިން ދުވަހެއްގައި، އެމީހުންނަށް އެފަދަ މުޞީބާތެއް ނުޖެހޭ ފަދައެވެ. އެމީހުން ޔޫސުފުގެފާނު ފަސްދާނުވެޑުވިއެވެ.
މިޞްރުގައި ބަނޫއިސްރާއީލް
ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިތްހަމަޖެހިގެން ބަނޫ އިސްރާއީލްގެ ދަރިކޮޅުގެ މީހުން މިޞްރުގައި އުޅުނެވެ. މިޞްރުގެ ރައްޔިތުން ބަނޫ އިސްރާއީލްގެ މީހުންނާމެދު ރަނގަޅަށް ކަންތައް ކުރިއެވެ. އެމީހުންގެ މާތްކަން މިޞްރުގެ ރައްޔިތުންގެ ހިތްތަކުގައި ވަނީ ބިންވަޅު ނެގިފައެވެ. ކަންޢާނު ޤަބީލާގެ މީހުންނަށް، މިޞްރުގެ ރައްޔިތުން ގޮވައި އުޅެނީ “ބަނޫ އިސްރާއީލު” މިފަދައިންނެވެ. އެބަހީ އިސްރާއީލުގެ ދަރިންނެވެ.
މިޞްރުގެ ރައްޔިތުންގެ ކައިރީގައި ބަނޫ އިސްރާއީލުގެ މީހުންނަކީ ޤަދަރުވެރިންނެވެ. އަދި މުދަލުގެ އަހުލުވެރިންނެވެ. އެހެން ނަމަވެސް ދުވަސް ގަނޑަކަށްފަހު، ޙާލަތު ބަދަލުވިއެވެ. ބަނޫ އިސްރާއީލުގެ މީހުންގެ އަޚްލާޤު ގޯސްވެގެން ދިޔައެވެ. އެމީހުން ﷲ ގެ މަގަށް ދަޢުވަތު ދިނުން ހުއްޓާލިއެވެ. އެމީހުން ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލުނެވެ. އެހެންކަމުން މިޞްރުގެ ރައްޔިތުންވެސް، އެމީހުންނާމެދު މުޢާމަލާތު ކުރަމުން ދިޔަ ގޮތް ބަދަލުވެގެންދިޔައެވެ.
މިޞްރުގެ ރައްޔިތުން އިސްރާއީލުގެ ދަރިންނަށް ބަލަމުން ދިޔައީ، މީގެ ކުރިން އެމީހުންގެ ކާބަފައިންނަށް ބަލަމުން ދިޔަ ގޮތަކަށް ނޫނެވެ. މިޞްރުގެ ރައްޔިތުން ބަދަލުވެގެން ދިޔައީ ހަމަ ކުރީގެ ޙާލަތަށެވެ. ނަސަބުގެ ގޮތުން މާތްކަން ލިބިގެންވާ މީހެއް ނޫނީ ޤަދަރުވެރި މާތް މީހެއްކަމަށް އެމީހުން ނުބެލިއެވެ. އަދި އިސްރާއީލުގެ ދަރިންގެ ތެރޭ ތިބި ނިކަމެތި ފަޤީރުންނަށް އިހާނާތްތެރިކޮށް ކަންތައް ކުރަން ފެށިއެވެ. މިޞްރުގެ ރައްޔިތުން، އިސްރާއީލުގެ ދަރިންނާމެދު ދެކެމުން ދިޔައީ، އެއީ އެހެން ރަށަކުން އައިސްފައިވާ ބީރައްޓެހިން ކަމުގައެވެ. އަދި މިޞްރުގެ ބިމުގައި، އިސްރާއީލުގެ ދަރިންނަށް އެއްވެސް ޙައްޤެއް ނުވާ ކަމުގައި ދެކެން ފެށިއެވެ. އަދިވެސް އެބައިމީހުން ޤަބޫލުކުރަމުން ދިޔައީ، މިޞްރުގެ ރައްޔިތުންނަކީ ހަމައެކަނި އެމީހުން ކަމުގައެވެ. އަދި މިޞްރަކީ ހަމައެކަނި މިޞްރުގެ އަހުލުވެރިންގެ ބިމެއް ކަމުގައެވެ. ކުރީގައި ޔޫސުފުގެފާނަކީ އަޅުކުއްޖަކަށް ވުމުން، ކަންޢާނު މީހުންނަށް ޤިބްޠީންގެ މައްޗަށް ވެރިކަން ނުކުރެވޭނެ ކަމުގައި މިޞްރުގެ ބައެއްމީހުން ދެކުނެވެ. ޔޫސުފުގެފާނުގެ މާތްކަމާއި، ދީލަތިކަމާ އަދި އެމީހުންނަށް ވެދެއްވި އިޙްސާންތެރިކަން މިޞްރުގެ ވަރަށް ގިނަ ރައްޔިތުން ހަނދާން ނައްތާލިއެވެ.
(ނުނިމޭ / ބާކީ މާދަމާ)

