ސާޅީސް އެއް މެމްބަރުންގެ ވޯޓާއިއެކު އެންޓި-ޑިފެކްޝަން ބިލް މަޖިލީހުން ބަލައިގެންފިއެވެ.
މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ވޯޓަށް އެހުމަށްހުރި ކަންކަމާއި ގުޅޭ ވޯޓަށް އަހާފައިވާއިރު، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުالله ހުށަހަޅުއްވާ ފައިވާ ، އެންޓ-ޑިފެކްޝަން ބިލު ބަލައިގަތުމާއި ގުޅޭގޮތުން ވަނީ ވޯޓަށް އަހާފައެވެ.
މި ބިލަށް ތާއިދުނުކުރާ ކަމަށް ވޯޓް ދެއްވި މެމްބަރަކު ނެތެވެ. އެހެންކަމުން ފާސްވުމަށް ބޭނުންވާ އަދަދަކީ 21 ކަމަށްވުމުން ފާސްވުމަށް ބޭނުންވާ އަދަދަށްވުރެ އިތުރަށް ވޯޓް ލިބފައިވާތީ ބިލް ފާސްވެފައިވާ ކަމަށް ނިންމާ މަޖިލީހުން ވަނީ ބިލް ބަލައިގެންފައެވެ.
މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 80 އެވެ. ނަމަވެސް މަޖިލީހަށް މިއަދު ހާޒިރު ވެފައިވަނީ 43 މެމްބަރުންނެވެ. ކުރިއަށްދިޔަ މި ވޯޓްގައި މި ބިލަށް ތާއިދު ކުރައްވާފައިވަނީ ހާޒިރުވި މެމްބަރުންގެ ތެރެއިން 41 މެމްބަރުންނެވެ.
އެންޓި-ޑިފެކްޝަން ބިލްގައި ވާ ގޮތުން މަޖިލީހަށް މެމްބަރަކު އިންތިހާބުވާ ޕާޓީން ވަކި ވުމުން ނުވަތަ އިންތިހާބު ވާ ޕާޓީން ވަކިކުރުމުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނެ ގޮތަށް ވަނީ ކަނޑައަޅާފައެވެ.
މި ބިލް މަޖިލީހުން ބަލައިގެންފައިވާއިރު، މަޖިލީހަށް ބިލް ހުށައެޅުނުފަހުން މިހާރު ވަނީ 27 ދުވަސް ވެފައެވެ.

