ތިނަދޫ ރަށު ކައުންސިލަށް، ސިޓީ ކައުންސިލެއްގެ ދަރަޖަ ދެވޭގޮތަށް ޤާނޫނަށް އިޞްލާޙު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވުމާއި ގުޅިގެން ތިނަދޫ ކައުންސިލް މޭޔަރަކަށް ސައުދު، އަލީ އަދި ޑެޕިއުޓީ މޭޔަރަކަށް ނަސްރުﷲ އަލީ އަށް އާދެވޭ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް ތަސްދީގު ކުރައްވާ ގާނޫނަށް ގެނައި މި ބަދަލުގައި، ތިނަދޫ ކައުންސިލަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމާފައިވާއިރު، ތިނަދޫ ކައުންސިލްގެ ތިއްބެވި އެ ކައުންސިލްގެ ރައީސް އާއި، ނައިބުރައީސް ބަދަލު ވެފައިވަނީ މޭޔަރާއި ޑެޕިއުޓީ މޭޔަރަށެވެ. ނިމިދިޔަ ކައުންސިލް އިންތިހާބު ބާއްވާފައިވަނީ 2021 ވަނަ އަހަރުގެ އެޕްރީލް މަސް ތެރޭގައެވެ. އެހެންކަމުން ކައުންސިލްގެ ދައުރު ފަސް އަހަރަށް ކަނޑައެޅިގެންދާއިރު، މިހާރު ތިއްބެވި ކައުންސިލަރުންގެ މި ދައުރުގައި ހޭދަވެފައިވަނީ 3 އަހަރަށެވެ.
އެހެންމަކުން ދެން އަންނަ ކައުންސިލް އިންތިހާބަށް އަދި އެއް އަހަރަށްވުރެ ގިނަ ދުވަސް އެބައޮތެވެ.
ރައީސް ތަސްދީގު ކުރެއްވި ބިލްގައި ވާގޮތުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާއިރު، އެ ރަށް ނުވަތަ ރަށްތައް ތަމްސީލުކުރާ ކައުންސިލްގެ ދައުރު ހަމަވުމަށް 1 (އެކެއް) އަހަރު ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ، ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ އަލަށް އެކުލަވާލެވޭ ކައުންސިލްގެ އިންތިޚާބަށް ފަހުގައިކަން ބަޔާންކޮށްފައިވެއެވެ.
ނަމަވެސް އެ ކައުންސިލްގެ ދައުރު ހަމަވުމަށް 1 (އެކެއް) އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއް އޮތްނަމަ، މި އިޞްލާޙުގައި ވާގޮތަށް އެ ރަށް ނުވަތަ ރަށްތަކަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، ސިޓީއަކަށް ބަދަލުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ސިޓީއެއް އުފައްދަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމުގައިވާނަމަ، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލް އެހިނދުން ފެށިގެން އުވުނީކަމަށާއި އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި، ދެމުން ގެންދިޔަ ޚިދުމަތްތައް ކުރިއަށް ގެންދާނީ އެގޮތުން އުފެދޭ ސިޓީ ކައުންސިލުންކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ގދ. އަތޮޅު ވެރިކަންކުރާ ރަށް، ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ރަށެއް ކަމަށް ފުރަތަމަ ކަނޑައެޅީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރު އޮގަސްޓް 30 ވަނަ ދުވަހުގެ ރޭ ތިނަދޫގައި ބޭއްވި އެމަނިކުފާނުގެ ކެމްޕެއިން ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު އޭރު ވިދާޅުވީ ސިޓީއަކަށް ވުމަށް ގާނޫނުގައި ލާޒިމުކުރާ ހުރިހާ ޝަރުތެއް އެ ރަށުގައި ހަމަވާ ކަމަށެވެ.
އެހެންކަމުން އެއީ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ރަށެއް ކަމަށާއި، ތިނަދޫއަށް ވަޑައިގެންނެވީ މާލޭގައި އޭގެ ގަރާރުގައި ސޮއި ވެސް ކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް ރައީސް ސޯލިހުގެ ވެރިކަން ނިމި ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު، އޮތީ ގާނޫނީ މަރުހަލާގެ ތެރެއިން އެއްވެސް ވަރަކަށް މަސައްކަތްތަކެއް ނުކުރެވިފައެވެ. އެހެންކަމުން އެ މަރުހަލާ ފުރިހަމަކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ގދ. އަތޮޅު ކައުންސިލާއި ގދ. ތިނަދޫ ކައުންސިލުން ވަނީ ސަރުކާރާއި، ގުޅިގެން ކުރައްވާފައެވެ.
މި ބުރަ ބޮޑު މަސައްކަތް ކާމިޔާބުވެ، މިކަން މިހާރު ގާނޫނުގެ ތެރެއިން ބަދަލު ގެނެސްފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މި ސަރުކާރުން ތިނަދޫ ސިޓީ ޙަޤީޤީ މާނާގައި ތަރައްޤީ ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ މަސައްކަތް ކުރާނެ ގޮތްތައްވެސް ތަފުޞީލީ ގޮތެއްގައި ވިދާޅުވެދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ތިނަދޫއަކީ މި ސަރުކާރުގެ ތަރައްޤީ ޕްލޭންގައި ހިމެނޭ، ސަރަހައްދީ ތަރައްޤީގެ އެއްމެ މުހިންމު އެއް ނާރެސް ކަމުގައިވެސް ހަދާނެކަމަށެވެ.
ގާނޫނަށް އައި ބަދަލާއިއެކު ތާރީހުގެ ތެރެއަށް ތިނަދޫ ކައުންސިލްގެ ފުރަތަމަ މޭޔަރަކަށް ސައުދު، އަލީ އަދި ޑެޕިއުޓީ މޭޔަރަކަށް ނަސްރުﷲ އަލީ އައްޔަނު ވެގެންދާއިރު، އަންނަ 2026 ވަނަ އަހަރު، ބޭއްވޭ ލޯކަލް ކައުންސިލް އިންތިހާބުގައި ތާރީހުގެ ތެރެއިން ތިނަދޫ ސިޓީގެ ފުރަތަމަ އިންތިހާބީ މޭޔަރު އައްޔަނު ކުރެވިގެންދާނެއެވެ.

