އާރުޑީސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ތަހުގީގަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހާޒިރު ކުރަން ނިންމައިފިއެވެ.
މި މައްސަލައާއި ގުޅިގެން ބަޔާން ނެނގުމަށް ފުލުހަށް ފައްޔާޒު ހާޒިރުކުރަން ނިންމާފައިވައިރު އޭނާ އަށްވަނީ މިހާރު ޗިޓްވެސް ރައްދު ކޮށްދެއްވާފައެވެ. އެގޮތުން ޗިޓްގައި ބުނެފައިވަނީ މާދަމާ ހަވީރު 3 ޖަހަންވާއިރަށް ފުލުހަށް ހާޒިރުވުމަށެވެ.
މި ކަމާއި ގުޅިގެން ފައްޔާޒު އެކްސްގައި ޗިޓް ހިއްސާ ކުރައްވާ ވިދާޅުވީ އަސާސެއްނެތް ސިޔާސީ ތުހުމަތްތަކުގެ ސިލްސިލާއެއް ފެށުނީ ކަމުގައެވެ. އާރުޑީސީން ހިޔާނާތެއް ވެއްޖެކަމަށް ބުނެ ބަލާ މައްސަލައަކީ އެއްވެސް ހަނގީގަތެއް އެކުލެވޭ މައްސަލައެއްނޫން ކަމަށެވެ.
” އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނެފަދަ އެއްވެސް ކަމެއް ކޮށްފައިނޯންނާނެ. ސާބިތު ކަމާއި އެކު ދަންނަވަން. ސިޔާސީ ސަބަބަކަށްޓައި ހިންގާ ތަހުގީގެއް ކަމުގައިވިޔަސް ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. ” ފައްޔާޒު ވިދާޅުވިއެެވެ.
މި މައްސަލާގައި އާރުޑީސީގެ ގިނަ މުވައްޒިފުންތަކެއް ބައިވެރިވެފައިވާ ކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ބޮޑު ހިޔާނާތުގައި ބައިވެރިވެފައިވަނީ އެކުންފުނީގެ 15 މީހަކުކަމަށް ވެސް މީގެ ކުރިން ހާމަކޮށްފައި ވެއެވެ.
އެހެންކަމުން އެއްކުރެވުނު މައުލޫމާތަށް ބަލާ މިހާތަނަށް އާރުޑީސީގެ ތިން މީހެއްގެ އެކައުންޓަށް އެކި ފަހަރުމަތިން 14 މިލިއަނާއި ގާތްކުރާ އަދަދަށް ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެސް ވަނީ ހާމަވެފައެވެ. އަދި އޭގެތެރޭން އެކެއްގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަންވެސް ވަނީ އެނގިފައެވެ.

