7 ބަޑީގެ ސަލާމެއް ނޫނެވެ. އެކަމަކު 4 ބެރުގެ ސަލާމަކުން "މައިދައިތަމެން މިތިބީ ބަލައި" ކަމަށް ގޮވަމުން ފައިސާ ފަތިތަކާއި މާފަތިތަކުން މަރުހަބާ ކިޔައެވެ. މިއީ ކައިވެނި މައްޗަށް ދިއުމެވެ. އަސްތާއެވެ. މިއުޅެނީ ކައިވެނި މައްޗަށް ގެންދާކަށް ނޫނެވެ.
ލ. އަތޮޅު ރަށެއްގެ ފިރިހެނަކު، އަވަށުން ބޭރު، އަންހެން ކުއްޖަކާ ކައިވެނި ކޮށްފި ނަމަ އެ އަންހެން ކުއްޖާ ބަލާ ފިރިހެން ކުއްޖާ ނިސްބަތްވާ އަވަށު މީހުން، ދެއެވެ. މިއީ ޒަމާނުއްސުރެ ލާމު އަތޮޅުގެ ރަށްތަކުގައި ކުރަމުން އަންނަ ކަމެކެވެ. މައިގަނޑު ގޮތުގައި ލާމު އަތޮގެ ހުރިހާ ރަށެއްގައިހެން "ކައިވެނި މައްޗަށް ދިއުން" އޮވެއެވެ. އެހެންނަމަވެސް ފާހަގަ ކޮށްލެވޭ ރަށްތަކުގެ ތެރޭގައި މާބައިދޫ އަކީ މިކަމުގައި ވަރަށް ފޯރި ނަގާ ރަށެކެވެ.
މިއީ ފިރިހެން ކުއްޖާގެ އާއިލާއިން އިސްނަގައިގެން ކުރާ ކަމެކެވެ. އަދި މިކަމުގައި އަވަށު ފެންވަރުގައި ހަރަކާތްތައް ކުރިއަށް ރާވައި ހިންގާ ގެންދާއިރު ބައެއް ފަހަރު ރަށު ފެންވަރުގައި މުޅި ރަށްވެސް އެއްބައިވެއެވެ.
ރަށު ފެންވަރުގައި މިކަން ކުރިއަށް ގެންދަނީ ރަށުން ބޭރު ރަށެއްގެ އަންހެންކުއްޖަކާ ރަށުގެ ފިރިހެން ކުއްޖަކު އިނދެގެން ގެންނަ ކަމަށް ވާނަމަައެވެ.
މިގޮތުން މާބައިދޫގައި ކުރެވުނު ދެތިން ކައިވެންޏެއް ފޭސްބުކް ގެ އިތުރުން ސޯޝަލް މީޑިޔާގެ އެހެން ދިމަދިމާގައިވެސް ވަރަށް ބޮޑަށް ހިނގާފައިވެއެވެ.
އެއީ މާލެސިޓީގެ އަންހެންކުއްޖަކު މާބައިދޫ ފިރިހެންކުއްޖަކާ ކައިވެނިކޮށްގެން، ފިރިހެންކުއްޖާ އަންހެންކުއްޖާ ގޮވައިގެން ރަށަށް ދިޔަ ކައިވެންޏެކެވެ.
އެކައިވެނީގެ އަރޫޝާ މާލެއަށް ނިސްބަތްވާ އަންހެންކުއްޖާ ހާމަކޮށްފައިވާ ގޮތުގައި އެއީ އޭނައަށް ލިބުނު ވަރަށްބޮޑު ސަޕްރައިޒެކެވެ. ލިބުނު ހަދިޔާ ތަކާއި ފައިސާގެ އަަދަދު ހައިރާން ކުރުވި ކަމަށާއި އެއީ ވަރަށްބޮޑަށް އުފާވި ދުވަހެއްކަމަށްވެސް އޭނާ ބުންޏެވެ.
އެ ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށާއި ލިބުނު ހަދިޔާތަކާއި ފައިސާގެ އަަދަދަށްވުރެ ލިބުނު ލޯބި ހަމަ ވަރަށް ބޮޑު ކަމަށާއި އެކަމާ އޭނާ ވަރަށް އުފާވާ ކަމަށް ބުންޏެވެ.

ބޭރުގައުމެއްގެ އަންހެންކުއްޖަކަސް ވަކި ތަފާތެއް ނުކުރޭ، މިއީ މާބައިދޫގެ ފިރިހެނެއްގެއަނބިމީހާ ގެނައި ދުވަހެއް
އަނެއް މިފަދަ ކައިވެންޏަކީ ރާއްޖެއިން ބޭރު ގައުމެއްގެ އަންހެންކުއްޖަކާ އިނދެގެން އެރަށު ފިިރިހެން ކުއްޖަކު ރަށަށް ކުރި ދަތުރެވެ. ބީރައްޓެހި ގައުމެއްގެ އެ އަންހެން ކުއްޖާ ރަށުގެ އަހުލުވެރިއެއްކަން ހާމަކޮށްދިނުމަށް ފިިރިހެންކުއްޖާގެ އާއިލާއިން އިސްނަގާ ރާވައިގެން ޅީދަރިފުޅު ބަލައި ބަނދަރުމައްޗަށް ދިޔައީ ރަށުގެ އެންމެންގެ ބައިވެރިވުމާއި ރޭވުމާވެސް އެކުގައި މުޅި ރަށުގެ ރައްޔިތުންނެވެ.
ކުރީސަފުގައި ތިބި ފިރިމީހާގެ އާއިލާއިން މައިދައިތަ ކުރިއަށް ޖެހި ޅީ ދަރިފުޅަށް މަރުހަބާ ކިޔައެވެ. ގެއާ ހަމައަށް ކައިވެނި މައްޗަށް ދިއުން ނޫނީ ދިވެހި"ބާރާތު" ދެއެވެ. ނަގުދު ފައިސާ ހަމަ އެންމެ ރަނގަޅު ވަރަކަށް ލިބިފައި ހުރެއެވެ. ކޮންމެއަކަސް މިއީ ފިސާރި ފޯރީގައި ކުރާ ފޯރިގަދަ ކަމެކެވެ.
"މިއަތޮޅުގެ ރަށެއްގެ ކުއްޖަކު ކައިވެންޏެއް ކޮށްފިނަމަ ހަމަ މިވަރު އަރުވާލާ! ކައިވެނިކުރާ އަންހެން ކުއްޖާ ނުވަތަ މަންޖެ ފިރިހެން ކުއްޖާގެ ގެއަށް ގެންދަނީ ވަރަށް އިއްޒަތާއި، ޝަރަފުގައި. އަނެއްހެން ބުނަންޏާ 4 ބެރުގެ ސަލާމެއްގައި!" ލާމު އަތޮޅު މާބައިދޫ އިން މިފަދަ ކައިވެނި ތަކާ ބެހޭ ގޮތުން، "ކައިވެނި މައްޗަށް ދިއުން" އާ ބެހޭ ގޮތުން ވާހަކަ ދެއްކި ނަސީ ބުންޏެވެ.
ދާދި ފަހުން ތ.އަތޮޅު ކުއްޖަކާ، ލ.އަތޮޅު ކުއްޖެއްގެ ކައިވެންޏާއި ލޯބީގެ ބޮޅަކުން ގުޅިލާމެހިގެން ދިޔަ ފޯރި އަކީވެސް ފާހަގަ ކޮށްލެވިގެން ދިޔަ "ކައިވެނި މައްޗަށް ދިއުމެކެވެ" އާދެ، ކޮޅުމަޑުލާއި ހައްދުންމަތި ލޯބީގެ ގުޅުމަކުން ގުޅާލެވުނީ ކަމަށް އެމީހުން ފާހަގަކޮށްފައިވެއެވެ.

ކޮންމެއަކަސް މިއީ އަތޮޅުތަކުގެ އެހެން ހިސާބުތަކުގައި މަދުން ނަމަވެސް ކުރާ ކަމަކަށް ވިޔަސް ލާމު އަތޮޅުގެ މިއީ ސަގާފީ އާދަކާދައިގެ ބަޔަކަށް ވެފައިވާ ކަމެކޭ ބުނުމުގައި ވަކި ގޯހެއް ނެތެވެ. ޒަމާނުއްސުރެ މި އަތޮޅު މީހުން މިކަން ކުރާ ގޮތަކަށް އަދިވެސް މިއަދުވެސް ވަކި ބަދަލެއް ނާދެއެވެ.
"މައިދައިތަމެން މިތިބީ ބަލައި އައިސް، ގެންދާނަމޭ، މަންޖެ ގެންދާނަމޭ.."
ތަފާތު ރީތި ރާގުތަކަށް ބެރު ޖަހަމުން މައިދައިތަމެން ޅީދަރިފުޅު ބަލާ އައިސް ތިބި ވާހަކަ ގޮވަމުން ގޮސް، އަނބިމީހާގެ ކަރުގައި ފައިސާ ފަތިތައް އަޅުވައި، މާފަތިތައް އަޅުވައި، ހަދިޔާ ބަދިޔާ ދެމުން ގެއަށް ގެންދާނީ ރަށުން ބޭރަކަސް، ރަށުގެ އެތެރެއަކަސް ރަށު ފެންވަރުގެ އިއްޒަތުގައެވެ.
މިއީ އުފާވެރި މަންޒަރެކެވެ. ހިތްގައިމު ބަދަހި ގުޅުންތަކެއްގެ ނަމޫނާ މިސާލެކެވެ. މިއަތޮޅުގެ ރަށްރަށުގައި ކުރެވޭ ކޮންމެ ކައިވެންޏަކާއެކު ކުރިއަށްދާ ކޮންމެ ‘ކައިވެނި މައްޗަށް ދިއުމަކީ އެއްބައިވަންތަކަމާއި ގުޅުންތަކުގެ ބަދަހިކަމަށް އިތުރުވާ ބޮޅެކެވެ.
މިއަތޮޅުގެ ރަށްރަށުގައި ކުރެވޭ ކޮންމެ ކައިވެންޏަކާއެކު ކުރިއަށްދާ ކޮންމެ ‘ކައިވެނި މައްޗަށް ދިއުމަކީ އެއްބައިވަންތަކަމާއި ގުޅުންތަކުގެ ބަދަހިކަމަށް އިތުރުވާ ބޮޅެކެވެ.

