ބަރުލަމާނީ ނިޒާމު ގެނައުމަށް ޕެޓިޝަންގައި ސޮއި ކުރުމަކީ "ސަރުކާރާއި ދެކޮޅު" ކަމެއް ކަމަށް ދެއްކުމަކީ ރަނގަޅުގޮތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ އިއްޒަތްތެރި މެމްބަރ ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.
މެމްބަރު ފިރުޝަން މިހެން ބުނެފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
މިޓްވީޓުގައި ފިރުޝާން އިތުރަށް ބުނެފައިވަނީ އެމް.ޑީ.ޕީގެ ރިޔާސީ މެނިފެސްޓޯގައި ލިޔެވިފައިވާކަމެއް ތަންފީޒުކުރުމަށް ޕާޓީގެ މެމްބަރު ނިކުމެ ބާރުއެޅުމަކީ އެއްވެސް މައްސަލައެއްނޫން ކަމަށެވެ.
ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލައި މަޝްހޫރު ގާނޫނީ ވަކީލު އަހުމަދު ނިޝާން އިބްރާހީމް އާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އިސްނަގައިގެން ފެށި ޕެޓިޝަންގައި މެމްބަރ ފިރުޝާން ވެސް ހިމެނޭހެން މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ވަނީ ސޮއިކޮށްފިއެވެ.

