ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ގައި ތަރައްޤީ ކުރަމުން އަންނަ އައު ޓާމިނަލް މިއަހަރު ނިމުމުގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިހާރު ތަރައްޤީ ކުރެވެމުންދާ މަސައްކަތަކީ ކުވެއިތު ފަންޑު ހިމެނޭ ގޮތަށް ހަތަރު ބައެއްގެ ލޯނު ނަގައިގެން ހިންގާ ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބިޔަ މަޝްރޫޢުކެވެ. އެއަޕޯޓުގެ ރަންވޭ އެއްކޮށް ނިންމައި ބޭނުންކުރަމުންދާއިރު މިހާރު އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރިއަށް ދަނީ ޓާމިނަލްގެ މަސައްކަތެވެ.

ޕީއެސްއެމްއަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ރައީސް ޑރ މުޢިއްޒު ވިދާޅުވީ، ސަރުކާރާއި ހަވާލުވެ އެންމެ ފުރަތަމަވެސް އިސްކަން ދިނީ ރާއްޖޭގެ ހިނގާ އެންމެ ބޮޑު މަޝްރޫޢު، ވެލާނާ އިންޓާނޭޝަނަލް އެއާރޕޯޓުގައި ޤާއިމް ކުރާ ޓާމިނަލްގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުން ކަމަށެވެ. އެގޮތުން ޓްރާންސްސިޝަން މުއްދަތުގެ ތެރޭގައި ސައިޓަށް ޒިޔާރަތް ކޮށް މަސައްކަތް ހިނގަމުންދާ ގޮތް ބެއްލެވި ކަމަށެވެ. އޭރު މަސައްކަތް ހިނގަމުން ދިޔައީ ވަރަށް ލަސްކޮށް ކަމަށެވެ.
އެހެންނަމަވެސް އެއާއި ޚިލާފަށް މިހާރު އެއަރޕޯޓުގެ ޓާމިނަލްގެ މަސައްކަތް ތާވާލާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ރޭވި، އަދި އެގޮތަށް އެބަ ހިނގާ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ޓާމިނަލްގެ މުހިންމު މަސައްކަތް ނިންމައި ހުޅުވޭވަރު ވާނެކަމަށެވެ.

" ޓާމިނަލްގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ. އުއްމީދަކީ މިއަހަރު ނިމެންވާއިރަށް ޓާމިނަލްގެ މުހިންމު މަސައްކަތް ނިންމައި އޮޕަރޭޝަނަށް ގެނައުން: ރައީސް
އެމްއޭސީއެލްގެ ސީއީއޯ ޝަރީފް މީގެ ކުރިން ވިދާޅުވީ އޭނާ އެމްއޭސީއެލްއާ ހަވާލުއިރު، ރައީސް ޑރ. މުހައްމަދު މުޢިއްޒު ދެއްވި އިރުޝާދަކީ އާ ޓާމިނަލް ނިންމާ އަވަހަށް ހިދުމަތް ދިނުން ކަމަށެވެ. އަދި މި މަސައްކަތް ނިންމުމަށް އާ ޓާސްކް ފޯސްތައް އުފައްދާ މަސައްކަތް ކުރާނެ އިންތިޒާމް ހަމަޖެހި ރޭވިފައިވާ ކަަމަށް ވިދާޅުވިއެވެ.
"މިކަމަށް ރައީސް ދެއްވާ އިރުޝާދާއި އެއްގޮތަށް، ސަރުކާރުން ބޭނުންވާ ސްޕީޑްގައި އިރާދަކުރެވިއްޔާ މަސައްކަތް ނިންމާލެވޭނެ" ޝަރީފް
ހަތް މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދޭ ގޮތަށް ތަރައްގީ ކުރާ އިރު، އެންމެ ބާރު ސްޕީޑުގައި ކުރިޔަށް ދަނީ އާ ޓާމިނަލްގެ މަސައްކަތެވެ.

އާ ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް މި ސަރުކާރުން ލަފާކޮށްފައި ވަނީ 2025 ގައެވެ. އެކި ސަބަބުތަކާ ހުރެ އެ މަޝްރޫއު ވަރަށް ބޮޑަށް ލަސްވި އިރު، މި މަޝްރޫއަށް މިހާތަނަށް ސައޫދީ ފަންޑުން 99.8 މިލިއަން ޑޮލަރު، ކުވޭތު ފަންޑުން 97.6 މިލިއަން ޑޮލަރު، އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރު އަދި އަބޫ ދާބީ ފަންޑުން 50 މިލިއަން ޑޮލަރު ސަރުކާރުން ނަގާފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

