މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން އަލަށް ފަށާ "ސީ-ޓު-އެއަރ" ކާގޯ ޓްރާންސްޝިޕްމަންޓް ގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާތަކެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އާއި، ޓާކިޝް އެއާލައިންސް އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް) އާއެކު މިރޭ ސޮއިކޮށްފިއެވެ.
މި ފަހުމުނާމާތަކުގައި ސޮއިކުރީ މިރޭ މީރުމާގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޓާކިޝް އެއާލައިންސްއާއެކު ސޮއިކުރީ "ސީ-ޓު-އެއަރ" ޓްރާންޝިޕްމަންޓް ޚިދުމަތުގެ ކާގޯ ޕާޓްނަރެއްގެ ގޮތުގައެވެ. މި ފަހުމުނާމާގައި ޓާކިޝް އެއާލައިންސްގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިން އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އޭޖެންޓް، އެކްސްޕެޑައިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރ އަލީ ތޯރިގެވެ.
އެމް.އެސް.އެސްއާއެކު ފަހުމުނާމާއެއް ހެދީ ކެރިއަރ ޕާޓްނަރަކަށްވުމެވެ. މި އެއްބަސްވުމުގައި އެމް.އެސް.އެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޝަރީފެވެ.

އެމް.އޭ.ސީއެލްއާއެކު ފަހުމުނާމާއެއް ހެދީ "ސީ-ޓު-އެއަރ" ޚިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން އެއްބާރުލުން ދީ، ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންނެވެ. މި ފަހުމުނާމާގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރ އަލްފާޟިލް މުޙައްމަދު މިހާދެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް ވިދާޅުވީ މި ޚިދުމަތަކީ އެމް.ޕީ.އެލްގެ އިތުރުން، ދިވެހިރާއްޖޭގެ އިޤްތިސާދަށްވެސް ފައިދާކުރާނެ ޚިދުމަތެއް ކަމަށެވެ.
"އެމް.ޕީ.އެލްގެ އާމްދަނީ އިތުރުވެ، ޚިދުމަތް ފުޅާވުމުގެ އިތުރުން މިއީ ދިވެހިރާއްޖޭގެ އިޤްތިސާދަށްވެސް ކުރިއެރުން ލިބޭ ޚިދުމަތެއް،" ވަޖީހް ވިދާޅުވިއެވެ. "ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި އިޤްތިސާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި އެމް.ޕީ.އެލް އަށް ވަނީ މުހިންމު މަސައްކަތްތަކެއް ހަވާލުކުރެވިފައި. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެކަންތައްތައް ހާސިލްކުރުމަށް."
ޓާކިޝް އެއާލައިންސްގެ ރީޖަނަލް ކާގޯ މެނޭޖަރ ބިލާލް އޮކުޗް ވިދާޅުވީ އެ އެއާލައިންގެ އަމާޒަކީ އެމް.ޕީ.އެލްއާ ގުޅިގެން ރާއްޖެއަކީ ސީ-ޓު-އެއަރ ޓްރާންޝިޕްމަންޓްގެ ހަބަކަށް ހެދުން ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި މި ބޭނުންކުރަނީ ލަންކާ. އެކަމަކު މިހާރުވެސް އަޅުގަނޑުމެންގެ ޑިމާންޑަށް ލަންކާއަށް ކޭޓަރ ނުކުރެވޭ. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ މި ޚިދުމަތަށް ރާއްޖެ ބޭނުންކުރަން،" ބިލާލް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖެ މި ޙިދުމަތުގެ ހަބަކަށް ހެދުން."
އެމް.ޕީ.އެލް އިން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން "ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް"ގެ ޚިދުމަތް ފަށާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ
. ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތަޢާރަފްކުރާ ފަސޭހަ އަދި އަވަސް ޚިދުމަތެކެވެ. އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައ ބެލެހެއްޓިގެން ދާނެއެވެ. މި ޚިދުމަތް ކުރިއަށް ގެންދާނީ އެމް.ޕީ.އެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އަދި ބައިނަލްއަޤްވާމީ އެއާލައިންތަކާ ގުޅިގެންނެވެ.

މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ޤައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ޚިދުމަތެކެވެ. އެގޮތުން ރާއްޖެ އަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާ އަކީ، ވައިގެ މަގުން ގިނަ ޤައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުމެވެ. ހާއްސަކޮށް ޔޫރަޕްގެ ގިނަ މަންޒިލުތަކެކެވެ

