ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް ޕީއެންސީގެ ( ކޮންގްރެސް ކޯލިޝަންގެ ) ކަންކަމުގައި އެންމެ އިސްވެރިޔަކަށް ދެ ޕާޓީގެ ތަރުޖަމާން އަދި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދު އައްޔަނު ކުރައްވައިފިއެވެ.
ހީނާ މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ޕީއެންސީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ތަމްސީލު ކުރައްވާ ޗީފް ސްޕޯކްސް ޕާސަން ކަމުގެ މަގާމަށް ހީނާ ވަލީދު މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕާޓީތަކުން ކެމްޕެއިން ފަށާފައިވާއިރު، ދިވެހި ރައްޔިތުން އެދޭގޮތަށް ތަރައްގީގެ ކަންކަން ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ "ދިވެހިންގެރާއްޖެ" ގެނައީ ކުރީ ސަރުކާރު ކަމުނުގޮސްގެން ކަމަށާއި، މި ސަރުކާރުގައި ރައްޔިތުން އެދޭ ގޮތަށް ކަންކަން ގެންދަވާނެ ކަމަށެވެ. ނަމަވެސް، ރައްޔިތުންގެ އެދޭގޮތަށް ސަރުކާރަށް ތަރައްގީ ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތާއި އެއްބާރުލުން ލިބިގެން ކަމަށް ވިދާޅުވި އެވެ.
"އެއީ، ގާނޫނުއަސާސީ ބައްޓަންވެފަ އޮތް ގޮތުން އެކަން އޮންނަ ގޮތް. ގާނޫނުތައް ހަދަނީ ރައްޔިތުންގެ މަޖިލީހުން، ސަރުކާރުން ބިލުތަކެއް ފޮނުވިޔަސް އެ ބިލުތައް ގާނޫނުތަކަށް ހަދައިދީ ފާސްކޮށްދޭނީ މަޖިލިސް މެންބަރުން ބޭނުންވިއްޔާ ބޭނުން ގޮތަކަށް،" ރައީސް ވިދާޅުވި އެވެ.

