ދަންފަޅިއަށް މިވާހަކަ ފޮނުވީ އަހަރެން ފަދަ އެހެން މީހަކަށް އަހަންނަށް ލިބުނު ފަދަ އަނިޔާއެއް ލިބޭކަމުގައި ވާނަމަ އެކަމުން ސަލާމަތް ވުމަށް އެހީތެރިވުމުގެ ނިޔަތުގައެވެ.
ސަަބަބަކީ އަހަންނަށް ދިމާވި ފަދަ ކަމެއް އެހެން މީހަކަށް ދިމާވާން އަހަރެން ފަހަރެއްގައިވެސް ނޭދޭތީއެވެ. އެއީ ކިހާވަރެއްގެ ހިތްދަތިކަމެއްކަން އަހަންނަށް އެނގެއެވެ. އަހަރެންގެ ހެޔޮ ނަސީބުން މަށަށް މަގެއް ފެނުނަސް މަގެއް ނުފެންނަ މީހަކަށް ވާނެ ގޮތް ހިތަށް އެރިއަސް ހާދަހާ އަސަރެއް ކޮށްލައެވެ. އެފަދަ މަޅިއެއްގައި އެއްވެސް އިންސާނަކު ނުޖައްސަވާތޯ އަހަރެން ދުއާ ކުރަމެވެ.
ދަންފަޅީގައި ހިމަނާ ވާހަކަ ކިޔާ އެކުވެރިންނޭވެ. އިންސާނާގެ ހިތަކީ ހާދަހާ ވާ ފާޑެއްގެ އެއްޗެކެވެ. ކަމަކާ އަޅައިގެންފިއްޔާ ދެން ހަމަ ސަލާމަތެއް ނޯންނަނީއެވެ. އަނެއްކޮޅުން ޒަމާނުގައި މިހާރު މިއުޅޭ ބައެއް އަންހެންކުދިންނަކީ ވިސްނާވިސްނާވެސް ހައްލުނުވި އަރަތެކެވެ.
އެކިމީހުންނަށް ދެއްވާނީ އެކި ކަހަލަ ނަސީބެވެ، މިހަޔާތުގައި ކަލާނގެ އަހަންނަށް ނިއުމަތަކަށް ދެއްވީ މަގޭ އަލަތު އަނބިމީހާއެވެ، އެއީ ހަމަ ޖަވާހިރެކެވެ. އެކަމަކު އޭނާ ރީތި ނޫނީ އަހަރެން ހިތް އެދޭހާ “ޒަމާނީ” ނުވީމަ ކަމަށްވެސް ވެދާނެއެވެ. ރަށްފުށުގެ ކަޓުކަމެއް ހުންނާތީ ތޯއްޗެކެެވެ. ހަގީގަތަކީ ކުލަ ފިނިފެންމާކުލައަށް ނުދިޔަޔަސް އޭނާއަކީ ކަޅު ކިޔާވަރުގެ އަންހެނެއް ނޫން ކަމެވެ، އެހެންކަމަށް ވިޔަސް މަށަށް އޭލޯބިވާން މަޖުބޫރު ކުރީ އޭނާގެ މާތްކަމާއި ލޮބުވެތިކަމާއި ހިތްވަރެވެ.
އަހަރެންގެ ކައިވެނީގެ ފަހުން ހަމަޖެހޭ އުފާވެރި ހަޔާތެއް ލިބިގެން އުޅެން ފެށިތަނާ އަނެއްކާވެސް މާޒީގެ ކަޅުކަނޑުން އަހަރެން ޣަރަޤުކޮށްލަން ރާޅުނެގިއެވެ. އެކަމަކު މިފަހަރު މަގޭ ހުށިޔާރު އަނބިމީހާގެ ލޯބި އެއަށްވުރެ މާގަދަފަދައެވެ. އެރާޅު ހިނދިނިމުނީ އެ ނެގި ދިމާއަށެވެ. އަހަންނަށް ދެއްވިފަދަ އަނތްބަކު ލިބިއްޖެ މީހަކީ ހަމަ ދެދުނިޔޭގެ ނަސީބުވެރިއެކެވެ. ހަމައެގޮތަށް މަގޭ އަލަތު ލޯބިވެރިޔާ ފަދަ އަންހެނަކުގެ އަވައިގައި ޖެހިއްޖެ މީހަކު ނެތިހިނގައިދާނެކަން ޔަގީނެވެ.
ދަންފަޅިއަށް މި ކިޔައިދެނީ އަހަރެންގެ އަލަތު ލޯބީގެ ނުރައްކާތެރި ވާހަކައެވެ. އެކުވެރިންނޭވެ. އަހަންނަކީ މާލެއަށް އުފަން ހަމައެންމެ އެކަށީގެންވާ ވަރެއްގެ މުއްސަނދި މަންމައަކާއި ބައްޕައެއްގެ ދޮށީ ފިރިހެންދަރިފުޅެވެ. އަހަންނަށް އަހަރެންގެ ހިތް ދަމައިގަތް ކަމަނާއާ ބައްދަލުވީ ފިހާރައެއްގެ ތެރެއިިންނެވެ. ލޫޅާފަތި ފުރިހަމަ މަންޖެގެ ނަމަކީ ނިއުނާއެވެ ނިއުނާ އާ ބައްދަލުވި ފުރަތަމަަ ނަޒަރުންވެސް އޭނާގެ ޖާދުވީ ލޮލާއި ބައްޓަން ރީތި ސޫރަ، ވަނާތައް ފެންނަ ވަރުގެ ނިވާކަން ކުޑަ ހެދުމުގެ ތެރެއިން ދަޅައަޅައި އަހަރެންގެ ހިތް ގައިދުކޮށްލިއެވެ.
ކޮންމެ ދުވަހަކު އޮފީސް ނިމިގެން ނިއުނާ ގޮވައިގެން ދުއްވަން ދާން ފެށީމެވެ. ސައިކަލު ބުރު ނިމެން ފެށީ އޭނާގެ ގެއަށެވެ. އެގޭ މީހުންވެސް ނިކަން ރުހޭކަމަށް ފެނެއެވެ. އަހަރެންގެ އުމުރުން އެންމެ ވިހި އަހަރު ނުފުރެއެވެ. އޭނާގެ ކޮޓަރިން އަހަރެމެން ބައްދަލުވާން ފެށީމެވެ. ހުސްނުވާ ވާހަކައެވެ. ބަލާބަލާ ފޫހިނުވާ މޫނުގެ ޖާދޫގައި ޖެހިފައި އެރީތި ލޮލުގެ ތެރެއަށް ގެއްލިފައި އިނދެވޭ ގޮތެއް ނޭނގެއެވެ. މިނިވަން ކަމާއި ނުހަނު ގިނަ ވަގުތު ލިބިފައި ވުމުން ވާން ނުޖެހޭ ހުރިހާ ކަމެއްވީއެވެ. އަހަރެންގެ ހިތުގެ ލޯބި ސިކުނޑިއާއި ހަށިގަނޑުގެ ރުހުމަށްވެސްވީއެވެ. ނިއުނާގެ މީރުވަސް އަހަރެންގެ ނޭފަތުގައި ހަރުލާފައި ހުރެއެވެ. އަބަދުވެސް އަހަންނަށްޓަކައި ދީވާނާ ވާނަމޭ އޭނާ ބުނެއެވެ.
ދެން ޖެހުނީ ކުއްލިއަކަށް ފުރައިގެން ދާށެވެ. އަހަރެންގެ ޕައިލެޓް ކޯސް ހަމަޖެހުނީއެވެ. އެއްއަހަރު ފަހުން ޗުއްޓީއަށް އަންނާނެކަމަށް ބުނެ ވައުދާ އަހުދުވެފައި ފުރައިގެންދިޔައީމެވެ. ނިއުނާ ވަރަށް ބޮޑަށް ރުޔެވެ، އަހަރެން ފުރީ އޭނައަށް މެއިލް ކުރެވޭނެ ގޮތް ހަމަޖައްސައިދީފައެވެ. ފޯނު ކުރާނެ ގަޑިތައް ކަނޑައަޅާ ނިންމާފައެވެ. ކޮންމެ ދުވަހަކު ވިހިތިރީސް މެއިލް ލިބެއެވެ. ހަމަސް ފަހުން ބައްޕަ ގާތު ރޮއި އާދޭސް ދަންނަވައިގެން ހަފުތާއަކަށް މާލެއައީމެވެ. ނިއުނާގެ އާދޭހަށް ކެތްނުވެގެންނެވެ. ދެމީހުން ބައްދަލުވި ވަގުތު އޭނަ ހީވީ އަހަރެން ދެން ނުފެނިދާނެތީ ކާލަން އުޅުނު ހެންނެވެ. ފުރި ދުވަހު ވަރަށް ދެރަވެގެން ރުޔެވެ.
ހަމަ ވަރަށް އަވަހަށް އަންނާނެކަމަށް ބުނެ ފިރުމާފައި ވައުދުވީމެވެ. ކިރޔާ ޗުއްޓީއެއް ލިބުނަސް އަންނާނޭކަމަށް ވައުދުވެފައި ފުރައިގެން ދިޔައީމެވެ. އަނެއްކާވެސް ވިހިން ތިރީހުން މެއިލް ބަދަލު ކުރަމުން ދިޔައިމެވެ. ނަމަވެސް ވިހިން ފަނަރައިން މަދުވަމުން ގޮސް ތިންމަސްވީއިރު ހަފުތާއަކު އެއް މެއިލްއަށް ބަދަލުވެއްޖެއެވެ. އަދި އެހަފުތާއަކު އެކަތި މާގިނަ ދުވަހެއްނުވެ މަހަކު އެއް މެއިލަށްވެ، ޖަވާބު ނުލިބެން ފަށައިފިއެވެ. ގުޅިއަސް ފޯނަކުންވެސް ބައްދަލެއް ނުވެއެވެ. ލިބެނީ އެއްޖަވާބެކެވެ. ނިއުނާ ގެއަކު ނޫޅެއެވެ.
އަހަރު ނިމުމާއެކު އަވަހަށް މާލެ އައީމެވެ. ގެއަށް ވަދެ ދަބަސް އެއްލާލާފައި ސައިކަލަށް އަރާ ދުއްވާލީ ނިއުނާމެންގެ ގެއާ ދިމާއަށެވެ. އޭރު ރޭގަނޑު ނުވައެއް ޖަހަނީއެވެ. ސައިކަލް ބަހައްޓާފައި އެގެއަށް ވަންނަން އުޅުނުތަނާ އޭނާގެ މަންމައާ ބައްދަލުވެގެން މިހާރުދެން ތިއައީ ކީއްކުރަންހެއްޔޭ އޭނަ މީހަކާ އިނީމަވެސް އަންނަނީހޭ އަހައިފިއެވެ.
ދަންފަޅީގެ އެކުވެރިން ނިކަން އިހުސާސްކޮށްލައްވާށެވެ. އަހަރެންގެ ހަތަރެސްފައިން ވަރުދޫވިއެވެ. އޭނާގެ މަންމަ ބުނި ވާހަކަ އަޑު އަހަން ބޭނުންވީ އޭނާގެ ދުލުންނެވެ. ގެއަށް ގޮސްގެންވެސް ހަމަޖެހުމެއް ނުލިބުނެވެ. ފޯނުނަގައިގެން އޭނާގެ މޮބައިލް ނަންބަރަށް ގުޅައިފީމެވެ. މިއީ މިހާރު އޭނާއާ ގުޅޭނެ ނަންބަރޭ ކިޔާފައި އޭނަގެ ދައްތަ ދިން ނަންބަރެކެވެ.
އަހަރެންގެ އަޑު އިވޭއިރަށް ބައްދަލުވާން ބުނެފިއެވެ. ދެކޮޅެއް ނުހެދޭނެތާއެވެ. އަލަތުލޯބީގެ ރަަހަ އަރުން ނުފިލައި ހުރިވިއްޔާއެވެ. ފިރިމީހާ ނައިޓްޑިއުޓީ ކުރާނީ މިވެނިރެއެއްގައޭ އަންނާށޭ ބުނެލިއެވެ. ޖެހިގެން އައިރޭ ގަޑިއަށް ދިޔައީމެވެ. އަހަރެންގެ އިންތިޒާރުގައި ދޮރާށިބުޑުގައި ހުރި ނިއުނާ އަހަރެންގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއަށް ގެންދިޔައެވެ.
މިކަން އާދައަކަށް ވީއެވެ. އަހަންނަކަށް ދެކޮޅެއް ނުހެދޭނެ ނޫންހެއްޔެވެ. އެމަންޖެދެކެ ހިތާނަފުސުން ލޯބިވަނީ މަވިއްޔާއެވެ. ޝަކުވާކޮށް ސުވާލުކުރީމެވެ. އޭނަ ބުނީ ވީގޮތެއް އޭނައަކަށްވެސް ނޭނގޭކަމަށެވެ. އޭނާގެ ފިރިމީހާގެ ނަމާ އަހަރެންގެ ނަންވެސް އެހާ ގުޅެއެވެ. އަހަރެންގެ ނަމަކީ ފަޒްލީމެވެ. މަންޖެގެ ފިރިމީހާއަށް ކިޔަނީ ފަޒީލު އެވެ.
ލޯބިވެރިޔާ ބުނީ އަހަރެން އެގޮތަށް އޭނާ ގެންގުޅެފައި ދިއުމުން އޭނައަށް އެކަނި އުޅުން ފަސޭހަ ނުވީކަމަށެވެ. ހަމަ މީހަކާ އިންނަ ހިތްވާތީ ނުހުރެވިގެން ކައިވެނި ކުރީ ކަމަށެވެ. އަހަރެން ހުރީ ލޯބިވެރިޔާ އަނބުރާ އައުމުން ވަގުތުން ކައިވެނި ކުރަން ތައްޔާރަށެވެ. ނިއުނާއާ އެކުގައި އުޅެފައި ގެއަށް އައުމަށްފަހު އަހަރެން ފެންވަރާ ހެދުން ބަދަލުނުކޮށް ލަސްކުރަނީ އޭނާގެ ވަސް މަގޭ ނޭފަތާއި ގައިގަ ހަރުލާފައި ހުންނާތީއެވެ. އެވާހަކަވެސް ބުނީމެވެ. އަހަރެން ފާޑަކަށް މޮޔަވެ ދީވާނާ ވާން ފެށީއެވެ. ސިނގިރޭޓް ބުއިން ހައްދު ފަހަނައަޅައިފިއެވެ. ކިޔެވުން މަތިންވެސް ފޫހިވެއްޖެއެވެ.
ތިޔަ އެކުވެރިންނަށް ދެންވީ ގޮތް އެނގޭހެއްޔެވެ. މިގޮތަށް އޭނާގެ ކޮޓަރިން އޭނާގެ ފިރިމީހާ ނުހުންނަ ރޭތަކުގައި ބައްދަލު ކުރަނިކޮށް އިއްތިފާގަކުން ފިރިމީހާއާށް އާދެވުނު ރެއެކެވެ. ނުފެންނަން ޖެހޭ ބޮޑު މަންޒަރު ފެނުނީ ސީދާ ލޮލަށެވެ. ނިއުނާގެ ފިރިމީހާ ފުލުހަށް އެންގުމުން ސީނަށް އައިއިރު ތިބީ އަހަރެމެން ދެމީހުންގެ ލޯބީގެ ކުޅިގަނޑު ދެކެފައި ތިބި އެކުވެރިންތަކެކެވެ.
އެމީހުނަށް ވެގެން އުޅޭ ގޮތް އެނގޭތީ އަހަރެން ދޫކޮށްލީ ދެން އެކަހަލަ ކަމެއްވެއްޖެނަމަ އެމީހުންނަށްވެސް އެހީނުވެވޭނެކަމަށް ބުނަމުންނެވެ. އަހަރެން ފާޅުގައި ލޯބިވާ ނިއުނާ ގާތު ވަރިވެގެން އައުމަށް ބުނީމެވެ. ނއުނާ އެދުނީ ވިސްނާލަން ވަގުތުކޮޅެއް ދިނުމަށެވެ.
ހައިރާންވީ ދެނެވެ. މިއުޅެވެނީ ހިޔަންޏަށް މުޑި ނެގިގެންހެން ހީވެއްޖެއެވެ. ލޯބިވާ ނިއުނާ މިއުޅެނީ ދެތަށިން ކައިގެން ބަނޑު ފުރަންކަން ވިސްނިއްޖެއެވެ.
އެކަމަކު މިކަން އެނގިހުރެވެސް އޭނަގެ މަޅިއަކުން ސަލާމަތެއް ނުވެވުނެވެ. ހިތާމައިގައި އަހަރެން ބަލިކަށިވެއްޖެއެވެ. ސިނގިރޭޓު ބުއިން އާދައަކަށް ވެއްޖެއެވެ. ކެއުމަކީ އޮންނަން ކަމެއްކަމަވެސް ހަނދާންނެތޭ ވަރުވިއެވެ.
އެންމެފަހުން އަހަރެން ހިކި އަނަރޫފަވެ ބަލިވާން ފަށައިފިއެވެ. އެދުވަސްކޮޅު ނިއުނާއާ ބައްދަލުވާ ގޮތެއްނުވެއެވެ. ހަތަރު ފަސް މަސް، ހަތް މަސް އަދި ދެން އެފްބީ ޕޯސްޓަކުން ފެނުނީ އޭނާގެ ބޮޑުވަމުން އަންނަ ބަނޑެވެ. އަހަރެން މުޅިން ވީރާނާވީއެވެ.
މިދުވަސްކޮޅު އެއްދުވަހަކު މަގުމަތިން އަހަންނާ ބައްދަލުވި އަންހެންކުއްޖެވެ. އާއެކެވެ. ނިއުނާ ހާ ރީއްޗެއް ނޫނެވެ. އެކަމަކު ޔަގީނުންވެސް މިއީ ރީތި ހިތަކާއި އޯގާތެރި އަތެއްގެ ވެރިއެކެވެ. އަހުލާގު ރަނގަޅު މޮޅު ފަންނުވެރިއެކެވެ. ނުހަނު ޅައުމުރުގައި އަމިއްލަ ވިޔަފާރިއެއް އޮތެވެ، އޭނާއަކީ ތަނަވަސް ހިތެއްގެ ވެރިއަކަށް ވީ ގޮތަށް ނުހަނު މޮޅު ހިންގުންތެރިއެކެވެ.
އަނބިމީހާ ބުނި ގޮތުގައި ފުރަތަމަ ނަޒަރުންވެސް އޭނާއަށް އަހަރެންދެކެ ލޯބިވެވިއްޖެއެވެ. އަހަންނަށްޓަކައި ހުރިހާ ކަމެއް ކުރަން ތައްޔާރަށް ހުރިއިރުވެސް ނިއުނާ ލޯބިހެން ކައިވެނީގެ ކުރިން އަހަންނަށް ލޯބީގެ މާބަގީޗާއަށް އަތުގުޅާލައިގެން ވަންނާކަށް ހުއްދައެއް ނުލިބުނުކަމީވެސް އޭނާގެ ގައިން ފެނުނު ތަފާތު ކަމެކެވެ،
މަޖުބޫރުވެގެން މީހަކާ އިނީއޭ ބުނެ ރޮއި އަހަރެންގެ ފަރާތުން ނޫނީ އެއްވެސް އުފަލެއް އަރާމެއް ބޭނުމެއް ނެތޭ ބުނެ ވައުދާ ހުވާކުރި ނިއުނާތޯއެވެ. އެ ބޭވަފާތެރި ނިއުނާ ވިހެއީ އަންހެން ކުއްޖެއްކަމަށާއި ނަމަކަށް ކިޔާނީ އަހަރެމެން ރާވާފައިވާ ގޮތަށް އައިރާ ކަމަށް ބުނެ މެސެޖު ކުރިއެވެ. ގުޅިއެވެ. އަހަރެން ވަރަށް ހިތްވަރުކޮށްފައި އެ ހަނދާންތަކާ ދުރަށް ދާން އަޒުމު ކަނޑައެޅީމެވެ. މާގިނައިން ސިނގިރޭޓް ބުއިމުގެ ސަބަބުން އަހަރެންގެ ފުއްޕާމެއަށްވެސް ވަނީ އަސަރުކޮށްފައެވެ. މިހުރިހާ ކަމަކުން އަހަރެން ސަލާމަތްކޮށްދިނީ އަހަރެންގެ އަލަތު އަނބިމީހާއެވެ.
އަހަރެންގެ ބޭވަފާތެރި ލޯބިވެރިޔާ ދެން ކިޔަން ފެށި ލަވައަކީ އޭނައަށް އެގޭ މީހުން ފަންޑިތަ ހެދީޔޯލައެވެ. އަހަރެން އަނބުރާ މަގުން ކައްސާނުލީ ހަމަ ނަސީބަކަށެވެ. އެ ނަސީބަކީ އަހަރެންގެ ވަފާތެރި އަނބިމީހާ ބަލިވެ އިން ހަބަރެވެ.
ކިޔުންތެރިންނޭވެ! ލޯތްބަކަށްޓަކައި އަހަރެން ހަލާކުވެ ބަދުނާމުވެސްވިއެވެ. އާވާރާވެ މޮޔަވެސް ގޮވީމެވެ. އަހަރެންގެ ޅަދުވަހުގެ ހުވަފެންކަމަށްވާ ޕައިލެޓަކަށް ވުމުގެ ހުވަފެން ވެސް ފުނޑުފުނޑުވީއެވެ. އެހެނަސް މިހާރު އަހަރެން މިހިރީ އެކަންވެސް ފުރިހަމަކޮށްގެން އައިހެވެ. އެންމެ ފަހުން ނިއުނާ އަހަންނަށް ގުޅި ދުވަހު ވަރަށް ސާފުކޮށް ބުނީމެވެ.
“ލޯބިވީމެވެ. އެކަމަކު މިހާރު އަހަރެންގެ ހަޔާތުގައި ހުރީ ވަރަށް އަގުބޮޑު އަންހެނެކެވެ. އޭނަ ނަގާލާކަށް ނޭދެމެވެ. އޭނަ ދޫކޮށްލާފައި ދާވަރަކަށް އަހަރެން ނިއުނާދެކެ ލޯތްބެއް ނުވަމެވެ. ތީ މިހާރު މަގޭ މާޒީއެވެ. މިއީ އަހަރެންގެ މިހާރެވެ. އަދި މާދަމާއަކީވެސް މިއީއެވެ. އަހަރެން މުސްކުޅި ވާނީ އޭނާއާއެކުގައެވެ. އާހިރަތުގައި ސުވަރުގެއިންވެސް ބޭނުންވަނީ ހަމަ މި އަނބިމީހާއެވެ. އަހަރެންގެ އަނބިމީހާދެކެ ވަރަށް ލޯބިވެވިއްޖެއެވެ.”
އޭނާ ރޮއިގިސްލިއެވެ. އެކަމަކު އެއަޑެއް އަހަންނަކަށް ނީވުނެވެ. ހަގީގަތުގައި އެއީ އަހަރެންގެ އަނތްބަކަށް ވުން އެކަށީގެންވާ މީހެއް ނޫންކަން ޔަގީންވެއްޖެއެވެ. އަހަންނަށް އެކައިވެނި ކުރެވުނު ނަމަ އެހެން މީހުން ގާތަށް ދާނެ ބޭވަފާތެރި އަންބެއް ލިބުނީތީ އަހަރެން މޮޔަވާނެކަން ޔަގީނެވެ. އަހަރެން އެމަޅިން ސަލާމަތްވީ ހަމަ ނަސީބެވެ. އެއީ އަހަރެންގެ އަންބަކަށް ނުވީތީ މިއަދު އަހަރެން ވަރަށް އުފާވެއެވެ.
އެކުވެރިންނޭވެ! އަހަރެންގެ ބަރުބާދީގެ އަސްލަކީ އަހަރެންގެ އަލަތުލޯބިވެރިޔާއެވެ. މި ކިޔައިދިނީ އެމީހެއްގެ ލޯބިވެރިޔާ މިނަށްވުރެ ޝައިތާނީ ވަސްވާހަކަށް ވުމުން ވާނެގޮތެވެ. އެގޮތް އެއްވެސް މީހަކަށް ނުވުމަށް އެދި ދުއާކުރާނަމެވެ. އަހަރެންގެ ނަސީބު ރަނގަޅުކަމުން އެ ވަސްވާހުން އަހަރެންގެ އަނބިމީހާ އަހަރެން ސަލާމަތްކޮށްދީފިއެވެ.
އެ ވަސްވާހުން ސަލާމަތްވުމަށް އަހަންނަށް ދެއްވިފަދަ އަނތްބެއް ލިބިއްޖެ މީހަކީ ދެދުނިޔޭގެ ބާއްޖަވެރިއެއްކަން ޔަގީނެވެ.
ވަރަށް ތެދުވެރި ކަމާއެކުގައި މިވާހަކަ މިކިޔައިދިނީ އަހަރެން ކުރި ކަހަލަ ގަމާރު ކަމެއް ނުކުރަން ނަސޭހަތްތެރިވަމުންނެވެ. މިތުރުންނޭވެ. ނަމަނަމަ ދިމާވާ އަންހެނުން ލޯބިވެއޭ ކިިޔައި ދައްކާ ދަޅައަށް ހެއްލި ނުގަންނާށެވެ. މަށަށް މަގޭ ހިތް އޮބިނުހިފެހެއްޓި ވާނެ ހާ އެއްޗެއް ވާން ދޫކޮށްލުމަކީ މަގޭ ހުރި ފިނޑިކަން ކަމަށް މިހާރު ގަބޫލު ކުރަމެވެ. އަރަތަކަށް ވިޔަސް ހައްލުނުވާ އަރަތް ހައްލުވޭތޯ މަގުން ކައްސާލައި އަމިއްލަ ހިތް އަހަރެންގެ އަމިއްލަ ބާރުނުފޯވޭރު ހިސާބުގައި މަގުއޮޅި ގެއްލިފައިވަނިކޮށް މަގޭ އަނބިމީހާ އަހަންނަށް އެހީވެ ހަމަ މަގަށް އެޅުވީއެވެ. އަދި އަހަރެންގެ މަގުއޮޅިފައިވާ ހިތް އަނބުރާ ހެޔޮމަގަށް ގެނެސް، އެހިތުގައި ހުރި އަލަތުލޯބީގެ ދަމިލައާއި ކަޅުކަން ފިލުވައި އެހިތް ރީތިކޮށްދިނީއެވެ. އެއީ ހަަމަަ ހެޔޮ ނަސީބެވެ
ހަގީގީ ލޯބިވާ ނަމަ ކައިވެނީގެ ކުރިން އެލޯބީގެ ސާފުކަން ކިލަނބުކޮށްނުލާނެއެވެ. އަދި ކައިވެންޏެއްގެ މަތީގައި ހުރެ ނާޖާއިޒް ގުޅުމެއް ބަދަހި ނުކުރާނެއެވެ. މިއަދު އަހަރެން ތައުބާވެ އެފާފަތައް ފުއްސަވާތޯ ދުއާ ކުރަނީ ދެން ދުވަހަކުވެސް އެފަދަ ފާފައަކަށް އަަރައިނުގަންނާން ވައުދުވަމުންނެވެ. މިހާރުވެސް ނިއުނާ ދޭތެރެއަކުން މެސެޖު ކުރެއެވެ. ނަންބަރު ބްލޮކް ކޮށްފައި ހުރުމުން އެހެން ނަންބަރުތަކުންނެވެ. އަހަރެންގެ އެއްވެސް ސަމާލުކަމެއް އެކަމަށް ނީންނާތީ ފަހަކަށް އައިސް ނުދަންނަ މީހެކޭ ނިއުނާއެކޭ ތަފާތެއް ނުކުރެވެއެވެ. ތެދަށް ބުނަންޏާ އެއީ މިހާރު ދެން އަހަރެން ދަންނަ ނަމެއް ނޫނެވެ.
މިއަދު އަހަންނަށް އިހުސާސްވެ ފަހުމުވެއްޖެއެވެ. ކައިވެނީގެ ކުރިން ފުރަތަމަ ނަޒަރުން އެވެވޭ އަލަތު ލޯތްބަކީ އޮޓޮމެޓިކަލީ ފޯލެން އިން ލަވްއެއް ނޫނެވެ. އެއީ ޝައިތާނިކަލީ ވަސްވާހެވެ.
(ނިމުނީ)

