މާލެއާއި ހުޅުލެ، އަދި ހުޅުމާލެ ގުޅުވައިދޭ "އިންޓަރކަނެކްޝަން" ވިއުގައިގައި ހިމެނޭ ކޭބަލް މައްޗަށް ދަނގަޑުޖަހައި އިޝްތިހާރު ބޯޑުތައް އަދިވެސް ޖަހަމުންދާތީ އެކަން ނުކުރުމަށް ސްޓެލްކޯ އިން އަނެއްކާ ވެސް އިލްތިމާސް ކޮށްފިއެވެ.
އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގްރޭޓަރމާލެ އިންޓަކަނެކްޝަން ގްރިޑްގައި ހިމެނޭ ކޭބަލް ވިއުގައިގެ މައްޗަށް ދަގަނޑު ޖަހައި އިޝްތިހާރު ބޯޑުތައް އަދިވެސް ބަހައްޓަމުން ގެންދާ ކަމަށެވެ. އަދި މިވަގުތު ޖަހާފައިވާ ބޯޑުތައް ވެސް އެ ކޭބަލް ވިއުގައިގެ މަތީގައި ހުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަަމަށެވެ.
މާލެ، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމަށް ގާއިމްކޮށްފައިވާ އެ ކޭބަލް ވިއުގައިގައި ހިމެނޭ ކޭބަލްތަކަށް ގެއްލުމެއްވެއްޖެނަމަ، އެ މަރާމާތު ކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
" އަދި މީގެ ސަބަބުން، ސްޓެލްކޯއިން މާލެ އަދި ހުޅުމާލެއަށް ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެ. މިދެންނެވި އިޝްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަ ދެއްވާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުވެ، މިކަންކަން ބައްލަވައި ކޭބަލް ވިއުގަ ރައްކާތެރިކޮށް ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް އިލްތިމާސް ކުރަން." އެމްޑީ ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މިއީ ކޭބަލް ވިއުގައިގެ މަތީގައި އިޝްތިހާރު ބޯޑު ޖެހުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ފުރާނައަށް ވެސް ނުރައްކާތެރިކަމެއް ކަމުގައި ތަކުރާރުކޮަށް ވަނީ ފާހަގަކުރައްވާފައެވެ.
އެ ކުންފުނީގެ މުވައްޒަފުންނަކީ ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑިއިރު ހިދުމަތް ދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ އަަދިި އެހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ހުއްޓުމެއްނެތި ކުރަމުންގެންދާ ބައެއްކަން ވެސް ފާހަގަކުރެއްވިއެވެ.

