ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނުވަތަ ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތައް ކުރާނެ ގޮތުގެ ހާއްސަ ތަމްރީން ދިވެހިންނަށް ދިނުމާއިއެކު ބްރިޖުގައި ކުރަން ހުރި މެއިންޓަނަންސް މަސައްކަތްތައް އެ މަޝްރޫޢު ކުރިއަށްގެންދިޔަ ޗައިނާގެ ކުންފުނިން ފަށައިފިއެވެ.
ސިނަމާލެ ބްރިޖުގެ މެއިންޓެނަންސް މަސައްކަތްތައް އެ މަޝްރޫޢު ކުރިއަށްގެންދިޔަ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޮމްޕެނީއާއި ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
މި އެއްބަސްވުމުގެ ދަށުން ޗައިނާގެ ސީ.ސީ.ސީ.ސީ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 3 އަހަރު ދުވަހުގެ މުއްދަތަށް ބްރިޖްގެ މަރާމާތާއި ބެލެހެއްޓުމާއި ގުޅޭ މަސައްކަތްތަކެވެ. އެގޮތުން މިހާރުން މިހާރަށް ކުރިއަށް ގެންދަންޖެހޭ ބްރިޖް މަރާމާތާއި ގުޅޭ ފަންނީ މަސައްކަތްތަކާއި މެއިންޓަނަންސް އަދި ބްރިޖްގެ ޙާލަތާ ގުޅޭ ރެކޯޑްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ސިނަމާލެ ބްރިޖްގެ މަސައްކަތް ނިންމާ އާއްމުންނަށް ހުޅުވާލިފަހުން ފުރަތަމަ 2 އަހަރު މެއިންޓަނަންސްގެ މަސައްކަތްތައް ކުރިއަށްގެންދިޔަނަމަވެސް ފާއިތުވި 3 އަހަރު ބްރިޖުގެ މެއިންޓަނަންސްއަށް މާ ބޮޑު މަސައްކަތެއްކޮށްފައި ނުވާކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މި މަސައްކަތް ދިވެހިން އަމިއްލައަށް ކުރެވޭނެގޮތަށް މިދާއިރާއިން ފަންނީ މީހުން ތަމްރީންކުރުމަކީ ޚާއްސަ އިސްކަމެއްދޭނެކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސިނަމާލެ ބްރިޖްގެ އިތުރުން އިތުރު ބްރިޖްތައް އެޅުމުގެ މަސައްކަތްތައް ރާއްޖޭގައި ކުރަމުންދާތީ، މިއީ ކޮންމެހެން ފަންނީ މީހުން އިތުރުކުރަންޖެހޭ ދާއިރާއަކަށްވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޗައިނާގެ ހިލޭ އެހީއާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ ސިނަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ނިންމާ ބޭނުންކުރަން ހުޅުވާލީ 2018 ވަނަ އަހަރުގެ އޮގަސްޓުމަހުއެވެ. މި ބްރިޖުގެ މަސައްކަތްތަކަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. މިއީ 1.39 ކިލޯމީޓަރުގެ ބްރިޖެކެވެ.

