ޕޭމަންޓް ތައް ހެދުމަށް ފަހި ގޮތްތަކެއް ތައާރަފް ކުރަމުން އަންނަ ފަހިޕޭއިން މި ފަހަރު ރޯދަމަހަށް ހާއްސަކޮށްގެން ރޯދަ ވީއްލުން ހަދިޔާ ކުރެވޭނެ ފަސޭހަގޮތެއް ތަޢާރަފް ކޮށްފިއެވެ.
ފަހިޕޭގެ މެނޭޖިން ޑިރެކްޓާރ އަލީ އާރިފް ހުވަދޫ މީޑިއާ އަށް ވިދާޅުވީ އެހީ ޖަމިއްޔާ އާއި ގުޅިގެން ތަޢާރަފް ކުރެވުނު މި އިފްތާރު ޕެކޭޖް ތަކަކީ ސަދަގާތުގެ ގޮތުގައި ރޯދަވީއްލުން ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތް ތަކަށް ފަސޭހަކަމާއި އެކު އެކަން ކުރެވޭނެ މަގުފަހިކުރުމަށް ކުރެވުނު ކަމެއް ކަމަށެވެ.
އިފްތާރު ޕެކޭޖް އަދި މިސްކިތު ސުފުރާގެ ނަމުގައި 2 ޕެކޭޖް އިހުތިޔާރު ކުރެވޭގޮތަށް ހަދާފައިވެއެވެ.
އިފްތާރު ޕެކޭޖް ބެހުމަށް ހަމަ ޖެހިފައި ވަނީ އައިޖީއެމް އެޗް އާއި އަތޮޅުތެރޭގައި މި ފަދަ އެހީތައް ބޭނުންވާ ތަންތަނަށެވެ.
މިސްކިތު ސުފުރާ ބެހުމަށް ހަމަޖެހިފައި ވަނީ ސަލްމާން މިސްކިތާއި، ފުރުޤާން މިސްކިތް އަދި އުޘްމާން ބިން އައްފާނު މިސްކިތުގައެވެ.
އިފްތާރު ފަންޑަށް ލިބޭ ފައިސާގެ ތެރެއިން ރޯދަ މަސް ނިމި ޝައްވާލް މަހުގެ 6 ރޯދައިގެ ރޯދަ ވީއްލުން ހަމަޖެއްސުމަށް ފަހު ބާކީ ހުންނަ ފައިސާ ބޭނުން ކުރެވޭނީ ނިކަމެތި އާއިލާތަކަށް އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަމަށް ފަހިޕޭއިން މައުލޫމާތު ދީފައިވެއެވެ.
މި އިފްތާރު ޕެކޭޖް ތައް ހަދިޔާ ކުރެވޭނީ ފަހިޕޭގެ އެޕްލިކޭޝަން މެދުވެރިކޮށްގެންނެވެ.

ފަހިޕޭން ދެމުން އަންނަ ހިދުމަތްތައް
ރީލޯޑް ރާސްޓަސް އަދި ގިނަ ބިލްޕޭމަންޓްތަކުގެ އިތުރުން ބައެއް އަތޮޅުތަކުގެ ފެރީޓިކެޓް ޕޭމަންޓް ހެދޭނެ ގޮތްވެސް ފަހިޕޭންއިން މި ވަނީ ތަޢާރަފް ކޮށްފައެވެ ކަސްޓަމަރުންގެ ހިދުމަތުގައި 7/24 ފަހިޕޭގެ ޓީމް ވާނެއެވެ.
އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން 2021 އަހަރުން ފެށިގެން ކޮންމެ އަހަރަކު ފަހިޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ތަޢާރަފް ކޮށްފައި ވެއެވެ. މި ކަމަށް އާއްމުންގެ ވަރަށް ތަރުހީބެއް ލިބެމުން ދާކަން ފަހިޕޭއިން ވަނީ ފާހަނގަ ކޮށްފައެވެ.
ފަހިޕޭގެ އަމާޒަކީ އާއްމުންނަށް ފަސޭހަ މިފަދަ ފަހި ގޮތްތަކެއް ތަޢާރަފްކުރުން ކަމަށް ވެއެވެ.
އާއްމު ދިރިއުޅުގައި ބޭނުން ކުރަމުން އަންނަ ގިނަ ހިދުމަތް ތަކެއް އެއް އެޕްލިކޭޝަނަކުން ލިބޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ ފަހިޕޭގެ އެންމެ ބޮޑު އެއް އަމާޒެވެ.

