މި ރޯދަ މަހުގެ ފެނާއި ކަރަންޓު ބިލް އާންމު މަހަކާ އެއްވަރަށް ބިލްކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއިން ކުންފުނިތަކަށް އަންގައިފިއެވެ.
އެ އޮތޯރިޓީީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރޯދަ މަހުގެ ޑޮމެސްޓިކް ކަރަންޓް ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަންޖެހޭތީ، އެ ކަމަށް ރައްޔިތުންނަށް ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި، އާންމު މަހެއްގައި ހުންނަވަރަށް މި މަހުގެ ކަރަންޓާއި ފެން ބިލު ހުންނާނެ ގޮތަށް ކަންކަން ހަމަޖައްސަވައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.
އެ ވައުދުފުޅާ އެއްގޮތަށް، މި އަހަރުގެ މާރިޗް މަހުގެ ކަރަންޓާއި ފެނުގެ ހިދުމަތަށް ބިލުކުރައްވާއިރު ކޮންމެ ޑޮމެސްޓިކް ކަރަންޓު އަދި ފެން މީޓަރަކުން އާންމު މަހަކާ އެއްވަރަށް ބިލްކުރެއްވުމަށް ވަނީ ނިންމާފައި ކަމަށް އެ އޮތޯރިޓީއިން ބުނެއެވެ. އެގޮތުން އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖް މިންވަރު ބަލާފައިވާނީ ފާއިތުވި 2023 އަހަރުގެ ރޯދަ މަސް ފަދަ ޑިމާންޑް މަތި މަސްތައް އުނިކުރުމަށް ފަހުގައި ކަމަށް ބުނެފައިވެއެވެ.
އެގޮތުން ޑޮމެސްޓިކް ކަސްޓަމަރަށް ބިލްކުރާވާއިރު މި އަހަރުގެ މާރިޗް މަހުގެ ބިލަށް އަރާ އަދަދާއި ރޯދަ މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވަރެޖު އަދަދު ބިލުން ފެންނަގޮތަށް ހިމަނުއްވަން ވާނީ ހުރިހާ އާންމު ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް މިއޮތޯރިޓީން އަންގާފައި ކަމަށް ބަޔާނުގައިވެއެވެ.

