ފުޓްބޯޅަ ތާރީހުގައި މިހާތަނަށް އެންމެ ގިނައިން ހެޓްރިކް ހެދި ކުޅުންތެރިންގެ ލިސްޓުގެ 3 ވަނައިގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް ( ދަގަނޑޭ) ހިމެނިއްޖެއެވެ.
ދަގަނޑޭ މިލިސްޓުން 3 ވަނަ ގައި އޮތް އިރު ވަނީ ޖުމްލަ 35 ހެޓްރިކް ހަދާފައެވެ. މި ލިސްޓުގެ އެއްވަނައިގައި 64 ހެޓްރިކާއި އެކު އޮތީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. 57 ހެޓްރިކާއި އެކު އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ 2 ވަނައިގައި އޮތްއިރު ދަގަނޑޭ ގެ ފަހަތުން ހަތަރު ވަނައިގައި އޮތީ ރޮބަޓް ލެވަންޑޮވްސްކީ އެވެ. ފަސް ވަނައިގައި އޮތީ 30 ހެޓްރިކާއި އެކު އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް އެވެ.

މި ޝަރަފާއި އެކު ދަގަނޑޭ ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ރޮނާލްޑޯ އަދި މެސީ ފަދަ ލެޖެންޑުންނާއި އެކު ފުޓްބޯޅައިގެ ފަހުރުވެރި ލިސްޓެއްގައި ހިމެނުމުން އެއީ ގައުމަށްވެސް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
ދެކުނު އޭޝިޔާގެ ސަރަހައްދީ ފުޓްބޯޅައިގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ ދަގަނޑޭ އަކީ މިހާތަނަށް ދިވެހި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

