ދިވެހި ރަައްޔިތުންނަށް އަނެއްކާވެސް އިތުރުލުޔެއް ލިބޭނެހެން، މާލެ ސަރަހައްދުގައި ކުނި އުކައި ދިނުމުގެ ވިޔަފާރުކުރާ އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ އިތުރަށް ކުޑަކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު މިކަން ހާމަކުރައްވާފައި ވަނީ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން މަޖިލިސް އިންތިހާބުގައި ދާންދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިނު ޖަލްސާގައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.
އެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މިހާރު ވެމްކޯއިން ނަގަމުން އަންނަނީ ޓަނަކަށް 750 ރުފިޔާ ނަމަވެސް، އާންމު ރައްޔިތުން ކިތަންމެ ކުޑަ ޕިކަޕެއްގައި އެކަން ކުރި ނަމަވެސް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން ސަރުކާރުން ވެމްކޯއާ ގުޅިގެން ނިންމާފައިވަނީ މި ފީ 500 ރުފިޔާއަށް ކުޑަކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ކަމަށެވެ. އަދި މިރޭ މިކަން އިއުލާނު ކުރެއްވި ނަމަވެސް، ރަސްމީކޮށް މިކަމުގެ ތަފްސީލްތަކާއެކު ވެމްކޯއިން އާންމު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ވެމްކޯއިން މީގެ ކުރިން ޓަނަކަށް ނަގަމުން ގެންދިޔައީ 1،060ރ. އެވެ. އެ އަދަދު 750ރ. އަށް ކުޑަ ކޮށްފައިވަނީ މިދިޔަ މާޗް މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.
މާލެ ސަރަހައްދުން ކުނި ނެގުމުގައި ހުރި އެތައް ގިނަ ގޮންޖެހުންތަކަކާއި ދަތިތަކާއި އަދި ފީ ބޮޑުވުމާ ގުޅިގެން، ރޯދަ މަހާ ދިމާކޮށް ކުނީގެ މައްސަލަ މާލޭގައި ވަރަށް ބޮޑުވެގެން ދިޔަ އެވެ. މާލެތެރެ ކުނި އަޅައި ގޮނޑުވެ، ސިޓީ ކައުންސިލުން ގެންދަނީ ކޮންމެ ދުވަހަކު ވެސް އެތައް ޓަނެއްގެ ކުނި މާލޭ މަގުމަތިން ނަގަމުންނެވެ.

