ޕެންޝަން ސްކީމުގެ ތެރެއިން ޙައްޖަށްދާން ފައިސާ ދައްކާ ފަރާތްތަކަށް ޙައްޖު ކިޔުގައި ޖެހެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވައިފިއެވެ.
2019 ވަނަ އަހަރު ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން 80 އިންސައްތަ ދޫކުރެވޭގޮތަށް ވަނިކޮށް، މިއަހަރު އެ ޤާނޫނަށް ގަނައި އިސްލާޙްގައި ޙައްޖަށް ދިޔުމަށްޓަކައި ޕެންޝަން ސްކީމްގެ ތެރެއިން ލުއިތައް ދިނުމަށް ނިންމަވާފައިވެއެވެ.
އެއާއެކު ސަރުކާރުގެ ކުންފުނީގެ ހަވާލުގައި ޙައްޖަށް ދިޔުމަށްޓަކައި ދައްކަންޖެހޭ އަގުގެ %20 ޙައްޖަށް ދިޔުމަށް އެދޭފަރާތުން އެ ކުންފުންޏަށް ދައްކާފައިވާނަމަ، ޙައްޖަށް ދިޔުމަށްޓަކައި ދައްކަންޖެހޭ އަގުގެ ތެރެއިން ބާކީ %80 ފައިސާރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ހަމަޖެއްސެއެވެ.
މިއާއެކު ރާއްޖެއިން ޙައްޖަށް މީހުންގެންދިޔުމަށް ކަނޑައާޅާފައިވާ ކިޔުގެ ތަރުތީބުން އެމީހަކަށްވެސް ޖާގަ ރިޒާވްކޮށް ޙައްޖު ކިޔުއަށް އުނދަގުލަކާ އެރޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
ނަމަވެސް މި ގޮތަށް ކިޔުއަށް އެރޭ ބައެއް ޝަރުތުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ، މިގޮތަށް ޙައްޖު ކިޔުއަށް އެރޭނީ ކުރިންވެސް އޮންނަ ގޮތަށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކަށާއި، ޕެންޝަން ލިބޭ ޢުމުރު ހަމަވާއިރު މަހަކު 2000 ރުފިޔާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ދެވޭ މިންވަރަށް އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުގައި ޖަމާވެފައި ހުރި ފަރާތަކަށެވެ. އަދި މިގޮތަށް ފައިސާ ދޫކުރުމަށްޓަކައި ޕެންޝަން ސްކީމްގައި ހުރި ފައިސާ ހިސާބުކުރަންވާނީ ގެދޮރު ގަތުމަށްޓަކައި ޑައުންޕޭމަންޓް ދެއްކުމަށް ޕެންޝަން ސްކީމުން ފައިސާ ބޭނުންކޮށްފައިވާނަމަ، އެފައިސާ އުނިކޮށްފައެވެ.
މީގެ އިތުރުން ޙައްޖަށް ދިޔުމުގެ ޖާގަ ރިޒާވްކޮށްފައިވާ ސްކީމްގެ ބައިވެރިޔެއްގެ ފައިސާ ސަރުކާރުގެ ފަރާތުން މީހުން ޙައްޖަށް ގެންދިޔުމުގެ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ކުންފުންޏަށް ދޫކުރުމުގެ މުއްދަތުތަކާއި އެ ފައިސާ ދޫކުރުމާބެހޭ އުޞޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާނެއެވެ. އަދި މިސްކީމްގެ ބައިވެރިޔެއްގެ ޕެންޝަން އުމުރު ހަމަވާ ފަހުންވެސ،ް އެފަރާތުން ހުށަހަޅައިފިނަމަ ޙައްޖަށް ދިޔުމަށްޓަކައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރެވޭނެއެވެ.ޙައްޖަށް ދިޔުމުގެ ޖާގަ ރިޒާވްކުރުމަށްޓަކައ،ި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ފައިސާ ހަމަޖެއްސުމާއި އެ ފައިސާ ދޫކުރުމާ ގުޅޭގޮތުން ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ކުންފުންޏާއެކު ޕެންޝަން އޮފީހުން އެއްބަސްވުމެއްގައި ސޮއިކުރަންޖެހެއެވެ.
ޙައްޖުގެ އުޅަކަން އާދުކުރުމަށް ޖާގަ ރިޒާވް ކުރެވޭނެ ގޮތް ހެދުމާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ސްކީމްގައި ބައިވެރިވެވޭނެ ގޮތް ހަދައި ފަންޑު އިންވެސްޓުކުރުމާ ހިންގުން ވަނީ ކުރިއަށްވުރެ ހަރުދަނާކޮށްފައެވެ. މި ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދުތަކާއި އިދާރީ އިންތިޒާމްތައް 3 މަސްދުވަހުގެ ތެރޭޣައި ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

