މަޝްހޫރު ޓިކްޓޮކް ތަރި މަރިޔަމް ސަމާ ޝަރީފް އޭނާގެ ޓިކްޓޮކްގައި ކެމްޕެއިން ކުރުމަށް ހާއްސަކޮށްފައިވާ "ހިތުންހިތަށް" މެދުވެރިކޮށް ފަލަސްތީނަށް އެއްލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިދީފިއެވެ.
ރޭ ޓިކްޓޮކްގައި ސަމާ ކުރިއަށް ގެންދިޔަ ލައިވްގައި ފަންޑްރައިޒު ކުރީ ފަލަސްތީނުގެ ރައްޔިތުންނަށް އިފްތާރުޕެކް ހަދިޔާކުރުމުގެ ގޮތުންނެވެ.
އެގޮތުން ސަމާ ޓިކްޓޮކްގައި އެކި ފަރާތްތަކަށް ކުރިޔަށްގެންދާ "ހިތުންހިތަށް" ކެމްޕެއިންގެ ތެރެއިން ފަލަސްތީނަށްޓަކައި ރޭގައި ހޯދައިދީފައި މިވަނީ ދިވެހި ރުފިޔާއިން 100,660 ރުފިޔާ އަދި 380 ޑޮލަރެވެ. ސަމާ ވަނީ މިފައިސާ ފަލަސްތީނަށް އެހީވުމުގެ މަސައްކަތް ކުރަމުން އަންނަ ދިވެހިޖަމިއްޔާ އެއިޑް ކެމްޕެއިން އޭއައިސީ އެކައުންޓަށް ޖަމާކޮށްފައެވެ.
އޭއައިސީން ބުނެފައިވަނީ އިފްތާރު ކޮންމެ ޕެކެއްގެ އަގަކީ -/70 ހަތްދިހަ ރުފިޔާ ކަމުގައެވެ.

އެހެންކަމުން ސަމާގެ ހިތުންހިތަށް ގައި ރޭ އެކަނިވެސް މިވަނީ 1500 އަށްވުރެ ގިނަ މީހުންނަށް ރޯދަވީއްލުން ފޯރުކޮށްދީިފައެވެ. މިއީ ދަރުމަ ހުރި މަސައްކަތެކެވެ. އެހެނީ މުސްލިމް އަޚަކަށް ނުވަތަ އުޚުތަކަށް ރޯދަ ވީއްލުން، ކިތަންމެ ކުޑަމިންވަރަކުން ކަމުގައިވިޔަސް ދިނުމަކީ ބޮޑުވެގެންވާދަރުމަ ހުރި ކަމެއްކަމަށް ވާތީއެވެ. މީގެ ކުރިން ވެސް ފަލަސްތީނަށްޓަކައި ފަންޑްރައިޒް ހަރަކާތްތަކެއް ސަމާ ގެންދިޔައެވެ. އެގޮތުން ސަމާ ވަނީ މިދިޔަ ޑިސެމްބަރުމަހުވެސް ފަލަސްތީނަށް އެހީވުމަށް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިދީފައެވެ.
ސަމާއަކީ ޓިކްޓޮކް ލައިވްތަކުގައި ގިނަ ވަގުތުހޭދަކުރާއިރު އެ ވަގުތުތަކުގެ ބޭނުން ނުހަނު ފުރިހަމަ ގޮތުގައި ހިފާ ފަރާތެކެވެ. ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ޓިކްޓޮކް ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުން ކުރުމަކީ ބޮޑު ގޮންޖެހުމެއް ކާމިޔާބު ކުރުން ކަމަށްވާއިރު ސަމާ ދަނީއޭނާ އާ ދިމާވާ މިފަދަ އެތައް ގޮން ޖެހުންތަކާ ކުރިމަތިލައި އެކަންކަމުން ކާމިޔާބުވަމުންނެވެ.
ދާދިފަހުން ސަމާ ވަނީ އޭނާގެ ޓިކްޓޮކްގައި ޓިކްޓޮކް ގޭމުތަކުންނާއި އަދިވެސް އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާ އެކައުންޓަށް ޖަމާ ކުރެވޭނެ ގޮތްވެސް ހާމަކޮށްދީފައެވެ. ސަމާއަކީ ގިނަ ފަރާތްތަކެއްގެ ލޯބިލިބެމުންދާ އަދި އެތައް ބަޔަކަށް އެހީތެރިވެ، ފައިސާގެ އެހީ ހޯދައިދިނުމަށް މަގުފަހި ކޮށްދެމުން އަންނަ ފަރާތެކެވެ.
އެގޮތުން ދާދި ފަހުން ކިޑްނީފެއިލްވެ، ޓްރާންސްޕްލާންޓަށް ފުރަން ޖެހިފައިވާ ފަރާތަކަށް ސަމާ ގަޑިއެއްގެ އިރުތެރޭ ހޯދައިދިން އެއްލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީއާއެކު އެފަރާތުން މިހާރު ވަނީ ފަރުވާއަށް ފުރައިގެންވެސް ގޮސްފައެވެ.
މިފަދަ ކިތަންމެ ކަމަކުން ސަމާއަކީ ފާހަގަކޮށްލެވޭ އަންހެނެކެވެ.

