އިސްލާމް ދީނުގައި އަންގަވާގޮތަށް އީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައިދު އެދިވަޑައިގެންފިއެވެ.
ޝަހީމް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝަހީމް ވިދާޅުވީ އިސްލާމީ ސަޤާފަތާއި ދީނާއި އެއްގޮތަށް އީދު ފާހަގަކުރުމަކީ ބާރު އަޅާ ކަމެއް ކަމަށާއި، އެހެންކަމުން އެގޮތަށް އެކަން ކުރުމަށެވެ.
ޝަހީމް ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެ ތަޞައްވުރަކަށްވާތީވެ ހުރިހައި ރަށެއްގައި އިސްލާމީ ސަޤާފަތާއެއްގޮތައް އީދު ފާހަގަކުރުމަށްޓަކައި ޢިލްމުވެރިންނާއި މިސްކިތްތަކުގެ އިމާމުން ވެސް ރައްޔިތުންނަށް އެހީތެރިވެ އިރުޝާދު ދެއްވުމަށް އިލްތިމާސްކުރާ ކަމަށްވެސް ވިދާޅުވެފައެވެ.
އީދު ދުވަހުގައި އާންމު ގޮތެއްގައި ފެންޖެހުމާއި ކުލަ ޖެހުމަކީ ދިވެހިން ކުރަމުން އަންނަ ކަމެކެވެ. މިގޮތަށް ކުލައާއި ފެންޖެހުމުގައި އިސްލާމްދީނުން ބޭރުވާ އަމަލުތައް ވަނީ ފެނިފައެވެ. އެހެންކަމުން މީގެ ކުރިންވެސް މިކަންކަން ހުއްޓުވުމަށް ދީނީ ބޭފުޅުން އިލްތިމާސް ކުރައްވާފައެވެ.
ނަމަވެސް ކޮންމެ އީދެއްގައިވެސް ރާއްޖޭގައި ގިނަ ރަށްތަކުގައި ކުލަޖަހުން އާންމު ކޮށް އޮވެއެވެ.

