މިއީ ނަތީޖާ ނެރޭ ސަރުކާރެއް ކަމަށާއި، މަޖިލިސްގެ މެޖޯރިޓީ ހޯދަން ބޭނުން ވަނީ ހަލުއި ސްޕީޑްގައި ޤައުމު ތަރައްޤީ ކުރަން ކަމަށް ޕީޕީއެމް/ ޕީއެންސީގެ ތަރުޖާމް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހީނާ ވިދާޅުވީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކާއި، މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވައުދު ފުއްދުވުމަޓަކާއި ވެސް މަޖިސްލިސް އިންތިހާބު ބޭނުންވާ ކަމަށާއި، މި ކަންކަން ފުރިހަމަކުރެވޭނީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮވެގެން ކަމަށެވެ.
“ސަރުކާރުގެ ކެންޑިޑޭޓުން މަޖިލީހަށް ހޮވުމަކީ ކޮންމެހެން ބޭނުން ކަމެއް” ހީނާ
ހީނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވިފަހުން މި ވީ މަދު ދުވަސްތަކުގައި ވަރަށް ގިނަ ކަންތައް ކުރައްވާފައިވާ ކަމަށާއި، ޕީއައިއެސްޕީގެ ޕްރޮޖެކްޓްތަކަށް 1.1 ބިލިއަން ރުފިޔާ މިހާރު ވަނީ ހޭދަ ކުރައްވާފައި ކަމަށެވެ. އަދި ލޯން ރީ ޕޭމެންޓަށް 871 މިލިއަން ރުފިޔާ ދައްކަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރަށް ފާހަގަ ކުރެއްވީ ރައީސް ވެރިކަމަށް ވަޑައިގެންފައިވާއިރު، ލޯނުގެ ގޮތުގައި ދައްކަންޖެހުނު އަދަދުވެސް ބޮޑު ކަމަށާއި، އެކަންކަމުން އަރައިގަތުމަށް ވެސް ރައީސް މުއިއްޒު ހުރީ ތައްޔާރަށް ކަމަށެވެ.

