ރޯދަމަހު މިސްކިތްތަކުން ފަންކާ ނަގަމުން ދިޔަ މީހާ ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެކި މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނަކެވެ.
މި މީހާ ހައްޔަރު ކޮށްފައިވަނީ އޭޕްރީލް 1 ވަނަ ދުވަހު ކަމަށް ފުލުހުންވަނީ ބުނެފައެވެ.
މިމީހާ ހައްޔަރު ކޮށްފައިވަނީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފަންކާއެއް ހިފައިގެން ދަނިކޮށް ކުށުގެ ވެށިން ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި މި މައްސަލައިގެ ތަހުގީގު ގައި ފުލުހުން ކުރަމުންދިޔަ މަސައްކަތުން، ވަގަށް ނަގާފައިވާ ފަންކާތަކެއް ވިއްކާލާފައިވަނިކޮށް މިހާރުވަނީ ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެފައެވެ.
މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާއިރު، މީގެ ދެ ދުވަސް ކުރިން މާލެ ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކުން ފަންކާ ނަގާ މައްސަލައެއްގައި ފުލުހަށް މައްސަލަވެސް ހުށައަޅާފައެވެ. އަދި ވީޑިއޯ ފުޓޭޖެއްވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ތިން ރޭ މަތިން ތަޤުވާ މިސްކިތުން އެމީހާ ވަނީ 7 ފަންކާ ވަގަށް ނަގާފައެވެ.
“ވަގަށް ނަގާފައިވާ 6 ފަންކާއެއް އެކި ދުވަސްމަތިން ހޯދިފަވޭ” ފުލުހުން
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭޕްރީލް 1 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ މިސްކިތްތަކުން ފެން މޯޓަރު ވަގަށް ނަގާފައިވާ މައްސަލާގައިވެސް ތުހުމަތުކުރެވޭ މީހާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަތައް ފުލުހުން ދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.

