ޤުރުއާން ހިތުދަސްކުރާން ބޭނުމިއްޔާ އިޚްލާޞްތެރިވާށެވެ. ނިޔަތް ތެދުކޮށް ސީދާކުރާށެވެ. ދުނިޔެވީ އެދުމެއް ނެތި ޤުރުއާން ހިތުދަސްކުރާން މަސައްކަތްކުރާ މީހާއަށް މާތް ﷲ ތައުފީޤުދެއްވައި، އެ ކަން ފަސޭހަކޮށްދެއްވާނޭ ކަން ކަށަވަރެވެ. ޤުރުއާން ހިތުދަސްކޮށްފައިވާ މީހަކަށް ލިބޭ އުޚުރަވީ ސަވާބާ މެދު ވިސްނައި އެ ކަން ހަނދާނުގައި ބަހައްޓަންޏާ، އިޚްލާޞްތެރިވާން ފަސޭހަވާނެއެވެ.
ޤުރުއާން ހިތުދަސްކުރާން ބޭނުމިއްޔާ ތަޤްވާވެރިކަން އިތުރުކޮށް، ފާފަތަކާ ދުރުވާށެވެ. ފާފަކުރާވަރަކަށް ތިމާގެ ހިތުގައި ކަޅު ލައްތަކެއްޖެހި، ހިތުގެ އަލިކަން ފަނޑުވަމުންދާނެއެވެ. މި ލައްތަކާއި ދަމިލަތައް ފިލުވޭނީ އިސްތިޣްފާރުކޮށްގެންނާއި، ޒިކުރުކޮށްގެންނާއި، ހެޔޮ ޢަމަލުތައް ކޮށްގެންނެވެ. ޤުރުއާން ހިތުދަސްކުރާން އުޅޭ އެހެން މީހުންނާ އެކު ގިނަ ވަގުތުތައް ހޭދަކުރާށެވެ. މުރާލި އެކުވެރިންނާ އެކު އުޅެންޏާ، ތިބާ ވެސް މުރާލިވާނެއެވެ. ކޮންމެ ދުވަހަކު ވެސް ހިތުދަސްކުރާނޭ ވަކި މިންވަރެއް ކަނޑައެޅުމަކީ ހިތުދަސްކުރުމުގެ ދަތުރުގެ އެންމެ މުހިންމު އެއް ބަޔެވެ. މި ގޮތަށް ދަސްކުރާން ކަނޑައަޅާ ބައިގެ އާޔަތްތަކުގެ މާނަ ފަހުމުވޭތޯ މަސައްކަތްކުރުމަކީ ވެސް ހިތުދަސްކުރުން ފަސޭހަކުރުމަށް ޓަކައި ކުރެވިދާނޭ ކަމެކެވެ
ދަސްކުރާ ބައިތައް މެދުކެނޑުމެއްނެތި ތަކުރާރުކޮށް ކިޔަމުން ގެންދާށެވެ. އަވަސް އަރައިގަނެގެން، ކުރީގައި ދަސްކޮށްފައިވާ ބައިތައް މުރާޖަޢާކުރުން ދޫކޮށްނުލާށެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރައްވައިފައިވެއެވެ. (إِنَّمَا مَثَلُ صَاحِبِ القُرْآنِ، كَمَثَلِ صَاحِبِ الإِبِلِ المُعَقَّلَةِ، إِنْ عَاهَدَ عَلَيْهَا أَمْسَكَهَا، وَإِنْ أَطْلَقَهَا ذَهَبَتْ) [رواه مسلم] މާނައީ: “ހަމަކަށަވަރުން ޤުރުއާނުގެ އަހުލުވެރިޔާގެ މިސާލަކީ ޖަމަލު ގެންގުޅޭ މީހާގެ މިސާލެވެ. އޭގެ ކަރުގައި އޮންނަ ވާ ރަނގަޅަށް އައްސާފައި ބާއްވަންޏާ، އެ ޖަމަލު ފިލައިގެން ނުދާނެއެވެ. އެ ކަމަކު އެ ވާ މޮހިއްޖެއްޔާ ސާހިބު މީހާ ދޫކޮށް އެ ޖަމަލު ފިލައިގެން ހިނގައިދާނެއެވެ.”
ހިތުދަސްކުރާ ސޫރަތްތައް ހިތުގައި ހަރުލެއްވުމަށް ޓަކައި އެ ސޫރަތްތައް ގިނަގިނައިން ކިޔަވާށެވެ. ތިބާ ދަސްކޮށްފައިވާ ބައިތައް، އެކަނި އިނދެ މުރާޖަޢާ ކުރުމަށްވުރެ، އެހެން މީހަކަށް ކިޔައިދީ އޭނާ ލައްވާ އަޑުއެހުމުގެ ފައިދާ އެތައް ގުނައެއް ބޮޑެވެ. އެއަށްވުރެ މޮޅު ގޮތެއް ބޭނުމިއްޔާ، ރަނގަޅަށް ފަރިތަކުރުމަށް ފަހު ހިތުދަސްކޮށްފައިވާ ސޫރަތްތައް ނަމާދުގައި ކިޔަވާށެވެ.
އިސްވެ ލިޔެވުނު ހުރިހާ އުކުޅުތަކަށްވުރެ، މޮޅު އަދި ފައިދާ ބޮޑު އުކުޅެއް އެބަ އޮތެވެ. އެއީ ހިތުދަސްކުރާ ސޫރަތްތައް ދަމުނަމާދުގައި ކިޔެވުމެވެ. ހިތުދަސްކޮށްފައިވާ ސޫރަތްތައް ތިބާގެ ހިތުގައި ހަރުލައްވާން ބޭނުމިއްޔާ އެ ކަމަށް އޮތް އެންމެ މޮޅު މުޖައްރަބު އުކުޅަކީ ދަމުނަމާދުގައި އެ ސޫރަތްތައް ކިޔެވުމެވެ. އިންސާނާގެ ހިތާއި ދުލުގެ ގުޅުން އެންމެ ވަރުގަދަވާ ވަގުތަކީ ދަމުނަމާދުގެ ވަގުތެވެ. އެ ވަގުތު ކިޔަވާ އެއްޗެހި ވަރަށް ފަސޭހައިން ފަހުމުވެ، ހިތުގައި ހަރުލާނެއެވެ. މި ޙަޤީޤަތް ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުގައި ބަޔާންވެގެންވެއެވެ. ﴿إِنَّ نَاشِئَةَ اللَّيْلِ هِيَ أَشَدُّ وَطْئًا وَأَقْوَمُ قِيلًا﴾ (المزمل: ٦) މާނައީ: “ހަމަކަށަވަރުން، ނިދުމަށް ފަހު، ރޭ އަޅުކަން ކުރުމަށް ތެދުވުން ބުރަކަން ބޮޑެވެ. އަދި ބަސްތައް (އެބަހީ: ނަމާދުގެ ތެރޭގައި ކިޔަވާ ކިޔެވުންތައް) ސީދާ ކަން ބޮޑެވެ.”
މައުލޫމާތު: الشَّيْخ مُحَمَّدُ مَعُوْن شَرِيْف / ދީނުގެމަގު

