އުޅަނދުފަހަރު ތަކުން، މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ދައްކަންޖެހޭ ސްޓީވެޑޯރިން ފީ މި އޭޕްރީލް މަހުން ފެށިގެން ޑޮލަރުން ދައްކަންޖެހޭ ގޮތަށް ބަދަލުކޮށްފިއެވެ.
ސްޓީވެޑޯރިން ފީ އަކީ ބަނދަރުތަކުން، އުޅަނދުފަހަރަށް މުދާ އެރުވުމަށް ނުވަތަ ބޭލުމަށް، އެ އުޅަނދެއްގެ އެޖެންޓެއްގެ އަތުން ނަގާ ފީއެކެވެ.
2011 ވަނަ އަހަރާ ހަމައަށް އެމްޕީއެލްއަށް ސްޓީވެޑޯރިން ފީ ދައްކަމުން ގެންދިޔައީ ޑޮލަރުން ކަމަށްވި ނަމަވެސް އެ ކުންފުނިން ވަނީ މި ފީ ދިވެހި ރުފިޔާއިން ދެއްކޭގޮތައް ބަދަލު ގެނެސްފައެވެ. އަދި އަނެއްކާވެސް، އަލުން ޑޮލަރުން މި ފީ ނަގާގޮތަށް ބަދަލު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެންނެވެ.
އެމްޕީއެލްއިން ބުނީ ސްޓީވެޑޯރިން ފީ އަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އަތުން ނަގާ އެއްޗެއް ނޫން ކަމަށާއި އެއީ މުދާ ހިފައިގެން ރާއްޖެއިން ބޭރުން އަންނަ އުޅަނދު ފަހަރުތަކުގެ އެޖެންޓުން އަތުން ނަގާ ފީއެއް ކަމަށެވެ. އަދި މިގޮތަށް ޑޮލަރުން ފައިސާ ނަގަން ފެށުމުން އެތައް ގޮތަކުން ފައިދާ ވާނެކަމަށް އެމްޕީއެލް އިން މައުލޫމާތު ދީފައިވެއެވެ. އެކުންފުންޏަށް ވާ ފައިދާގެ އިތުރުން ހާއްސަކޮށް މިއީ ދިވެހި ރާއްޖޭގެ ބާޒާރުގައި ދިމާވެފައިވާ ޑޮލަރުގެ ތާށި ކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެ ކަމެއް ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. އެހެނީ މި ފައިސާ އެމްޕީއެލްއަށް ލިބުމުން އެ ފައިސާ ދައުރުވާނީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ކަމަށް ވާތީއެވެ.
އެމްޕީއެލް އިން އަންދާޒާ ކުރާ ގޮތުގައި މި ގެނެވުނު ބަދަލުގެ ސަބަބުން އެމްޕީއެލްގެ ޑޮލަރުގެ އާމްދަނީ ގާތްގަނޑަކަށް 25 މިލިއަން ޑޮލަރަށް އަރާނެވެ.
ސްޓީވެޑޯރިން ފީގެ ގޮތުގައި އެމްޕީއެލް އިން ނަގަނީ ކޮންމެ 20 ފޫޓުގެ ކޮންޓެއިނަރަކުން 198 ޑޮލަރުގެ މަގުންނެވެ.

