ކުޑައިރުގެ ހަނދާން އާ ކުރަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ވޯޓާއި އަދި އިތުރު ވޯޓްތަކެއްވެސް މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ކަން ކުރެއްވި އަދި މިހާރު އެ ދާއިރާގެ މެމްބަރުކަމަށް ކުރިމަތިލައްވާފައިވާ އަބްދުﷲ ރިފާއު (ބޮޗޭ) އަށް ހޯއްދަވާ ދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ސިލްސިލާކޮށް މިހާރު ކުރިއަށް ގެންދަވާ ޕީޕީއެމް/ ޕީއެންސީގެ މަޖިލިސް އިންތިހާބު ކެމްޕެއިން ޖަލްސާގައި މާފަންނު ދެކުނު ދާއިރާއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ބޮޗޭ އަކީ ވަރަށް ކުޑައިރުއްސުރެ ގުޅުން އޮންނަ ފަރާތެއް ކަމަށާއި، އުޅެ ބޮޑުވި ދާއިރާއިން ވެސް ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އަދި އަވައްޓެރިއެއްގެ ހައިސިއްޔަތުން ވެސް އެ ގުޅުން އިތުރަށް އޮންނަ ކަމަށެވެ. އަދި ސުކޫލު ދައުރުން ފެށިގެންވެސް އަބަދުވެސް ގުޅުން އޮންނަ ކަމަށްވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ވިދާޅުވީ އޭގެ ފަހުން މިހާރުވެސް ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި ބޮޗޭ ދަނީ މަސައްކަތ ކުރައްވަމުން ކަމަށާއި، ހައުސިން މިނިސްްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރުވެސް ވަރަށް ގާތް ގުޅުމެއް އުފެދުނު ކަމަށެވެ. އޭގެ ފަހުން މޭޔަރު އިންތިހާބުގައިވެސް އުފެދިފައިވަނީ ގާތްކަން ކަމެއް ކަމަށެވެ.
ރައީސް ފާހަގ ކުރެއްވީ ބޮޗޭ އަކީ ވަރަށްވެސް ހިންގުތެރި ބޭފުޅެއް ކަމަށާއި، އެ ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި އިރުވެސް ވަރަށް ބޮޑަށް ތަރައްގީއަށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
އެހެންކަމުން މާފަންނު ދެކުނު ދާއިރާއިން ފެނިފައިވާ ތަރައްގީ އަކީ ބޮޗޭގެ ހިތްވަރު ކަމަށް ވެސް ވިދާޅުވިއެވެ.
“ހަނގީގަތުގައި މެމްބަރެއްގެ ގައިގައި ހުންނަ ގާބިލުކަން ބޮޗޭގެ ގައިގައި އެބަހުރި” ރައީސް
ރައީސް ވިދާޅުވީ ލާމަސީލު މެމެބްރެއް މަޖިލީހަށް ހޮވަން ބޭނުންނަމަ ބޮޗޭ ހޮއްވައިދެއްވަން ޖެހޭ ކަމަށެވެ. މި ކަމަކީ މާފަންނު ދެކުނު ދާއިރާގެ ރައްޔިތުންގެ ކިބައިން ރައީސް އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

