ބަންކަރިންގެ ހިދުމަތަށް ހާއްސަ މެޕުގައި ދިވެހިރާއްޖެ ހިމެނިއްޖެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަންކަރިންގެ ހިދުމަތަށް ހާއްސަ ކުރެވިފައިވާ މެޕުގައި ރާއްޖެ ހިމެނިފައިވާ ކަމަށެވެ.
އެގޮތުން މިނިސްޓަރު ވަނީ ދުނިޔެއަށް މަޝްހޫރު ވައިޓަލް ބަންކާސް މެޕުގައި ރާއްޖެ ހިމެނިފައިވާ ތަން ހާމަވާ ފޮޓޯއެއް ހިއްސާ ކުރައްވާފަ އެވެ.
އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި، އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯއިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ”ވިޓޯލް” އާއެކު މިދިޔަ މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މިކަމާ ބެހޭ ގޮތުން އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހީމް ވިދާޅުވެފައި ވަނީ މި ޕްރޮޖެކްޓުގެ ސަބަބުން އިގުތިސާދީ ގޮތުން އެތަކެއް ފައިދާތަކެއް ލިބޭނެ ކަމަށެވެ. އަދި މިއީ ގައުމަށް ލިބޭ ބޭރު ފައިސާ އިތުރުވެ، ރާއްޖޭގެ ފޮރިން ކަރަންސީ ރިޒާވް އިތުރުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ ބަންކަރިން ޕްރޮޖެކްޓުގެ ސަބަބުން ވަޒީފާގެ ފުރުސަތުތަތައް ވެސް ފަހިވާނެ ކަމަށެވެ.
ބަންކަރިންގެ ހިދުމަތަކީ ބޮޑެތި ބޯޓުތަކަށް ތެޔޮ އަޅައިދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމެވެ.

