ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހޮވުމަކީ މަޖިލީހަށް ހޮވޭ އަންހެނުންނަށް އޮތް ނުރައްކަލެއް ކަމަށް ޕީޕީއެމް/ ޕީއެންސީގެ ޗީފް ސްޕޯކްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވެފައިވަނީ ޕީއެންސީން މަޖިލިސް އިންތިހާބުގެ ކެމްޕެއިނާއި ގުޅިގެން ސިލްސިލާކޮށް މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހީނާ ފާހަގަ ކުރެއްވީ އަލީ ވަހީދަކީ ޖިނާއީ ކުށެއް ކޮށްފައިވާ ފަރާތެއް ކަމަށާއި، އަދި އެތައް އަންހެނުނެއްވެސް މި ކަމުގައި އެނާ އާއި ދެކޮޅަށް ބަޔާންވެސް ދީފައިވާ ކަމަށެވެ.
މަޖިލީސް އިންތިހާބުގައި އަލީ ވާދަ ކުރަނީ ކުޅުދުއްފުށި ސިޓީ ދެކުނު ދާއިރާ އަށެވެ. އަލީ ވިދާޅުވީ އެ ސިޓީއަށް ހައްގު އިންގިލާބީ ބަދަލެއް ހޯދައި ދެވޭނީ އޭނާ އަށް ކަމަށެވެ. އަދި އެދާއިރާ އަށް ކުރިމަތިލުމުގެ ވިސްނުމަކީ ސިޔާސީ ބާރުވެރި ފުދުންތެރި ބޮޑު ތިލަދުއްމައްޗަކަށް އަމާޒު ހިފުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މިދިޔަ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި ހުންނަވި އަލީ ވަހީދު، ރަސްމީ މަސައްކަތް ކަމަށް ބުނެ އެކި ދަތުރުތަކުގައި އަންހެން ކުދިން ރަށުން ބޭރަށް ގެންގޮސް، އެކުދިންނާއެކު ޖިންސީ ގުޅުން ހިންގަން މަސައްކަތްކުރި ވާހަކަތައްވެސް އެ އަންހެން ކުދިން ވަނީ ކިޔައިދީ ބަޔާންތައްވެސް ނެރެފައެވެ. އަދި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހަމަޔަށްވެސް އެ މައްސަލަ ފޮނުވާފައެވެ. އެ އަޑުތައް އައްސަވާ ރައީސް ސޯލިހު ކީރިތި ކުރެއްވުނު ކަމަށްވެސް ހީނާ ވަނީ ފާހަގަ ކުރައްްވާފައެވެ.
އަލީ ވަހީދަށް އުފުލި ދައުވާތައް
- ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
- ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ
ހީނާ ވިދާޅުވީ އަލީ ވަހީދަށް މިވަރުގެ ތުހުމަތު ތަކެއް ކުރައްވަމުން ގެންދަވާއިރު އެމްޑީޕީން ބަހެއް ނުބުނެ އޮންނަން ސަބަބުވެސް އެނގެން ޖެހޭ ކަމަށެވެ. މިކަމުގައި ބަހެއް ނުބުނެ އޮތް އޮތުން އެއީ އެފަދަ ކަންކަމަށް ހިތްވަރުދިނުން ކަމަށް ވެސް ގަބޫލު ކުރެވޭ ކަމަށް ހީނާ ވިދާޅުވިއެވެ.

