ތަރައްޤީ މިއޮތީ ވިލިނގިއްޔާ އަރާ ހަމަވެފަ ކަމަށާއި، ޔަމްޒީދު އަކީ މަޖިލިހުގަ އެކަން ކޮށްދޭން މަސައްކަތް ކުރާނެ ސަރުކާރު ކެނޑިޑޭޓް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މަޖިލިސް އިންތިހާބާއި ގުޅިގެން ކުރިއަށްގެންދާ ކެމްޕޭނު ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ވިގިގިލި ދާއިރާއަށް ކުރިމަތި ލައްވާފައިވާ ސަރުކާރު ކެންޑިޑޭޓް ޔަޒްމީދު މަޖިލީސް ގޮނޑިއަށް ހޮއްވަވައި ދެއްވުމަކީ ވިލިގިލީ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ކަންކަން ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
އެހެންކަމުން މިއީ ވިލިގިލީ ރައްޔިތުންގެ އަތް ބުޑުގައި އޮތް ކަމެއް ކަމަށާއި، އެކަން ނުކުރައވަފިނަމަ ހިތާމަހުރި ގޮތެއްގައި މިދިޔަ ފަސްއަހަރު ދިޔަ ގޮތަށް ނަމެއްގަ ގޮނޑީގަ އިންނަ މެމްބަރަކަށް ވާން ފުރުސަތު ހުޅުވި ގޮސްދާނެ ކަމަށެވެ.
“އެއާޕޯޓް ހޮސްޕިޓަލް މިހެން ގޮސް އެތައް ކަމެއް ވިލިގިއްޔަށް ކުރަން ނިންމާފައިވާފަހުރީ. މިކަން ކުރުމަށް ބަޖެޓާއި، ބިލް ފާސް ކުރުމާއި އެތައް ކަމެއް ބޭނުންވާނެ. ޔަޒްމީދު ހޮވުމަކީ އެންމެ ބުއްދުވެރި ގޮތް” ރައީސް
ރައީސް ވިދާޅުވީ ބައިބައިވުމާއި، ހިޔާލު ތަފާތުވުމުގެ ތެރެއިން ކަންކަންވާން ނޭދޭ ކަމަށާއި، ބޭނުންވަނީ ވިލިގިއްޔަށް ތަރައްގީ ގެންނަން ކަމަށެވެ. މިކަން އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށާއި، އެހެންކަމުން މި ފުރުސަތު ނަގާ ނުލުމަށް ވެސް ރައީސް ވަނީ ވިލިގިލީ ރައްޔިތުންގެ ކިބައިން އެދިފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވިލިގިލިން ދެއްކެވި ނަމޫނާ މި މަޖިލިސް އިނތިހާބުގައިވެސް ދެއްކެވުމަށް އެދޭ ކަމަށާއި ބައިބައިވުމާއި، ދުރުވެ އެންމެން އެކައްޗެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށެވެ. ޒާތީ ތައައްސުބުން ދުރުވެ ތިބެ މި އިންތިހާބުން ޔަޒްމީދު ހޮއްވަވައި ދެއްވުމަށް ރައީސް ވަނީ އެދި ލައްވާފައެވެ.

