އަޅުގަނޑު ވެސް އެ އަތޮޅަކަށް ނިސްބަތްވާ ހުވަދު އަތޮޅުގެ އެކި ރަށް ތަކަށް ދަތުރު ކޮށް ނޫސްވެރިކަމުގެ ދާއިރާ އާއި ގުޅުން ހުރި ކަންކަން ކުރުމަކީ ވަރަށް ގިނައިން ކުރާ ކަމެކެވެ. ތަފާތު އެކި ކަންކަމާ މީހުން ކުރާ މަސައްކަތް ތަކުގެ މައުލޫމާތު ހޯދައި ލިޔެ ނޫހުގައި ޝާއިޢު ކުރުމަކީ ފާއިތުވި 25 އަހަރު، އަޅުގަނޑު ވަރަށް ގަޔާވެގެން ކުރާ ކަމެކެވެ.
އަތޮޅު ރަށްތަކަށް އެކި ބޭނުން ތަކުގައި ކުރި ދަތުރު ތަކުގައި މީގެ ދެތިން އަހަރު ކުރިން ގދ ފިޔޯރީއަށް ދިޔަ ދަތުރެއްގައި އެރަށުން ވަރަށް ތަފާތު ކަމެއް ފާހަގަ ކުރެވުނެވެ. އެ ރަށުގައި ދިރިއުޅޭ މީހެއްގެ ގޯތިތެރޭގައި ހުރި ގަހެއްގައި ވަރަށް ގިނަ ވަޅިތަކެއް ޖަހާފައި ހުއްޓާ ފެނުނެވެ. އަޅުގަނޑަށް އެގަހާއި މެދު ޝައުގުވެރިކަން އުފެދުނެވެ. އަދި އެގަހުގެ މައުލޫމާތު އޮޅުން ފިލުވުމުން، މީހަކު ބުނީ
"އެއީ އެގޭ ހާރިސް ކުރާ ކަމެކޭ، އޭނާ އަކީ ވަރަށް މޮޅަށް ވެލްޑިން މަސައްކަތް ކޮށް ގަރާޖެއް ވެސް ހިނގާ މީހެކޭ. އެމީހާ ބުނީ އޭނަ ކޮންމެވެސް ކަމެއް ކުރަން އާ ވަޅި ގަނެގެން ކުރާ ކަމެކޭ ވެސް." އެ މީހާ ބުންޏެވެ.
"އޭނާ ކުރާ ކަމެއް ކުރުމަށް ފަހު ވަޅި ތައް ފެންނަނީ އެ ގަހަށް ޖަހާފައި ހުންނަ ތަން. ދުވަހެއް ދުވަހަކަށް ވަޅިތައް ގިނަ ވޭ" އެމީހާ އިތުރަށް ކިޔައި ދިނެވެ.
އެ ދަތުރުގެ ގޮތުން އިތުރަށް މަޑު ނުކޮށް އަޅުގަނޑު އެނބުރި ތިނަދޫ އަށް އައީއެވެ. ފިޔޯރީ ވަޅިގަހާ ބެހޭ އިތުރު ގިނަ މަޢުލޫމާތެއް އެ ދުވަހު ނު ހޯދިޔަސް އަބަދުވެސް އެ ގަހުގެ ވާހަކަ ދެކެވެއެވެ. އޭގެ ދެތިން އަހަރު ފަހުން އެއްކަލަ" ވަޅި ގަސް" އިތުރު އެތައް ސަތޭކަ ވަޅިއެއް އިތުރުވެ، ގަސް ވެސް އިތުރަށް ބޮޑުވެފައިވާ މަންޒަރު ފެންނަ ވީޑިއޯ ކޯލެއް ފޭސްބުކް އިން ފެނުމުން އަނެއްކާވެސް އެ ގަހުގެ ޙަޤީޤަތް ހޯދުމަށް މަސައްކަތް ފަށައި އެންމެ ފަހުން ފިޔޯރީ ވަޅިގަހުގެ ސިއްރު ހާރިސް އަޅުގަނޑަށް ކިޔައި ދިނެއެވެ.
ގަހަށް ވަޅިތައް ޖަހަން ފެށުނު ގޮތާއި ހާރިސް ގެ ދިރިއުޅުން
ޤުދުރަތީ ރީތިކަމާއި ދިވެހިވަންތަ ސަޤާފަތް ފެންނަ، އެކުވެރި ހިތްހެޔޮ ރައްޔިތުން ތަކެއް ދިރިއުޅޭ ހިތްގައިމު ރަށެއްގެ ގޮތުގައި ފާހަގަ ކޮއްލެވޭ ގދ ފިޔޯރީ ، ނޫރާނީވިލާ، ހާރިސް އަހުމަދު އަކީ އުމުރުން 25 އަހަރުގައި ޒަވާޖީ ޙަޔާތެއް ފަށައި އަމިއްލަ މިންނެތް މަސައްކަތުން ދިރިއުޅުން ތަރުތީބު ކުރަމުން އަންނަ ވަރަށް ހީވާގި، މުރާލި މީހެކެވެ. އުމުރުން އެންމެ 19 ފަހަރުގައި ސީމޭން ކޯސް ފުރިހަމަކޮށް ދުނިޔޭގެ މާ ކަނޑުގެ ބިޔަ ރާޅު ތަކާ ކުރިމަތިލައި ބޭރުގެ ބޯޓު ފަހަރުގައި މަސައްކަތް ކުރަން ފަށައި ދިރިއުޅުގެ ފުރަތަމަ އާމްދަނީ އެއްކުރަން ފެށި މީހެކެވެ.
"ދަތުރު ކުރަން އުޅެފަ ރަށަށް އައިސް މާގިނަ އަހަރު ތަކެއް ހުހަށް ނުހުރެ މީހަކާ އިނީ. އަދި އޭރު ހުރި އާމްދަނީ އިން ދިރިއުޅުމަށް މަސައްކަތް ފެށީ. މިހާތަނަށް މި ކުރަނީ މުޅިން ވެސް އަމިއްލަ މަސައްކަތް" 52 އަހަރުގެ ހާސިރު ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެމުން އޭނާގެ ދިރިއުޅުމުގެ ސުރުޚީ އަޅާލިއެވެ.
ރަށުގެ ރައްޔިތުންނާ ވަރަށް ގުޅޭ މިޒާޖެއްގެ ވެރި ހާރިސް ގެ މައިގަނޑު މަސައްކަތަކީ ގަރާޖެއް ހިންގުމެވެ. ވެހިކަލް މަރާމާތު ކުރުމާއި ވެލްޑިން ކޮށް ތަފާތު އެއްޗެހި ހެދުމެވެ.
"ތި ވަޅި ގަސް ފެނުމުގެ ސިއްރަކީ ވެލްޑިން މަސައްކަތް. އެއީ ޔޫޓިއުބުން ފެނުން ވީޑިއޯ އަކުން ފެށުނު ކަމެއް." ހާރިސް ބުންޏެވެ.
މީގެ 5 އަހަރު ކުރިން އޭނާ އަށް ފެނުނު ޔޫޓިއުބް ވީޑިއޯ އިން ފެންނަނީ ވިނަ ކޮށާ މަށަންދައްޗެއް ތައްޔާރު ކުރާ ތަނެވެ. އޭގެ ތެރޭގައި ތޫނު ވަޅި ތިލައެއް ހަރުކުރާ ތަނެވެ. މި ވީޑިއޯ ފެނުމުން އެއީ ދިވެހިންނަށް ވަރަށް ކަމުދާނެ އަދި ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެ ކަމަށް ވިސްނައި ފިހާރައަކުން ވަޅިއެއް ގަނެގެން އައިސް އޭގެ އެއްޗެއް ހެދިއެވެ. އަދި އެ އުފެއްދުން ވީ ވަރަށް ކާމިޔާބު އެއްޗަކަށެވެ. ހާރިސްގެ "ވަޅި ދަންތާ" އަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނެވެ. ނަތީޖާ އަކަށް ވެގެން ދިޔައީ މުޅި ފިޔޯރީ ގެ ހުރިހާ ގެއެއްގައި އޭގެ އެއްޗެއް ބޭނުން ކުރަން ފެށުމެވެ. މިއަދު ހުވަދު އަތޮޅުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުގެ މީހުން ވަނީ އެ ޚާއްސަ އާލަތް ބޭނުން ކުރަން ފަށާފައެވެ.

ހާރިސް ގެ އަމިއްލަ ގަރާޖު ގައި ސައިކަލް މަރާމާތު ކުރުމުގެ މަސައްކަތުގައި
"ވާޅު ދަންތާ އޭގެ ނަމަކަށް މިރަށު މީހުން ކިޔާ އުޅެނީ. މާލެ ބަހުން ނަމަ ވަޅި މަށަންދަތި. މީގެ ބޭނުން ކޮށްގެން ބިންމަތީގައި ހުންނަ ވިނަ އެއްކޮށް ސާފު ކުރެވޭނެ. އިށީނދެ އިނދެގެން އެ ކުރާ މަސައްކަތަށް ޙައްލު މިއީ" ފިޔޯރީ އިން ވާހަކަ ދެއްކި އަންހެނަކު ކިޔައި ދިނެވެ.

ހާރިސް ގެ އަމިއްލަ ގަރާޖުގައި އިނދެ ވަޅި ދައްޗެއް ތައްޔާރު ކުރަނީ
ހާރިސް ބުނީ ދަތި ހެދުމަށް ބޭނުންވާ ވަޅި ތިލައިގެ ބޭނުންވާ ބައި ބުރިކޮށްލުމަށް ފަހު ވަޅީގެ މުށް ހުންނަ ބައި ޖަހަނީ ގަރާޖު ކުރިމަތީގައި ހުންނަ މިދިލި ގަހަށް ކަމަށެވެ. އެހެން އެކަން ކުރަން ފެށީ ކުނީގެ ގޮތުގައި އުކާ ނުލުމާއި ވަކި ޑިޒައިނަކަށް ޖަހައިލީމާ ވަރަށް ރީތި ވީމަ ކަމުގައި އޭނާ ބުންނެވެ.
"މީގެ 5 އަހަރު ކުރިން ފެށިގެން ބޭނުން ކުރި ހުރިހާ ވަޅިއެއް ބެހެއްޓީ. ނަމަވެސް ބަންގުލަދޭޝް މީއަކު ކައިރީގައި ގަރާޖު ސާފު ކޮށްލާން ބުނީމާ ވަރަށް ގިނަ ވަޅި އުކާލި. އެހެން ނޫން ނަމަ 5000 ވަޅި ހުންނާނެ" މިހާތަނަށް 5 ހާސް ވަރަކަށް ވަޅި ދަތި އަމިއްލައަށް ހަދައި ވިއްކާފައިވާ ހާރިސް ވަޅި ގަސް ފެންނަން ފެށި ގޮތް ކިޔައިދެމުން ބުންޏެވެ.

ހާރިސް ތައްޔާރު ކުރާ ވިނަ ކޮށާ ވަޅި ދަތި، އަދި ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުރި އޭނާގެ އަމިއްލަ އުފެއްދުން ހުވަދޫ މީޑިއާ އަށް ދައްކާލަނީ
ހާސިރު ގެ ވަޅިގަސް މިހާރު އެހެރަ ފެންނަނީ ވަރަށް ގިނަ ބަޔަކު އެގަސް ބަލަން ޝައުގުވެރިކަން ދޭ ގޮތަކަށެވެ. މިހާރުވެސް އެގަހުގައި 400 ވަރަކަށް ވަޅި ފެންނަން އެބަހުއްޓެވެ. އެ ގަސް މީހުންނަށް ސިފަ ވަނީ އެކަމުގައި ބޮޑު ސިއްރެއް ވާ ގަހެއްގެ ގޮތުގައެވެ. ނަމަވެސް ޙަޤީޤަތަކީ މާ ބޮޑު ސިއްރެއް ނެތެވެ. އެއީ ހާރިސް ގެ ހުނަރުވެރިކަމެވެ. އަދި އޭނާގެ މަސައްކަތުގެ ކާމިޔާބީގެ ނިޝާނެއް ވެސް މެއެވެ.
ހާރިސަށް ޤައުމީ އިނާމު ޙައްޤު ވާ ފަދަ ވާހަކައެއް!
ދިވެހި ރާއްޖޭގެ ރައްޔިތުންނަކީ އިސްލާމީ ރިވެތި އުސޫލުގެ މަތީގައި ދިރިއުޅުމުގެ އާދަކާދަ ޒަމާނުއްސުރެ ގެންގުޅޭ ބައެކެވެ. އޭގެތެރޭގައި ފިރިހެނުން ގެންގުޅޭ ބޯކޮށުމުގެ ސަޤާފަތަކީ ދިވެހިންގެ ތެރޭގައި އޮތް ހާއްސަ ސާޤާފަތުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެހެންކަމުން ބޯކޮށުމުގެ މި ސަގާފަތް ބޮޑެތިމީހުންނާއި، ކުޑަކުދިން ހިމޭނޭހެންމިއީ ކުރަމުން އަންނަކަމެކެވެ.
ދެ ޖިންސުގެ މީހުންވެސް ޒީނަތްތެރިވުމަށް ބޯކޮށާއި، އުޅެއެވެ. ހާއްސަކޮށް ފިރިހެނުންނެވެ. ފިރިހެނުން ބޯކޮށައި، ތުބުޅި ބޭލުމަކީ ސާފްތާހިރު ވުމުގެ ގޮތުންވެސް ކުރާ ވަރަށް ހާއްސަ ކަމެއް މެއެވެ. ޚާއްސަކޮށް ކޮންމެ ހުކުރު ދުވަހެއްގެ ހުކުރަށް ދިޔުމުގެ ކުރިން ކޮންމެ ރަށެއްގައި ވެސް މި ދެންނެވި ސަޤާފަތުގެ ތެރެއިން ބޯކޮށާ އުޅެއެވެ. އެންމެ އިހުޒަމާނަށް ބަލާއިރު ބޯކޮށުމުގެ މަސައްކަތް ކުރަނީ އެ ރަށެއްގައި އުޅޭ ކޮންމެވެސް މީހެކެވެ. ވިޔަފާރި އުސޫލެއްގައި ނޫނެވެ. ތިމާގެ ނުވަތަ ގާތް ކަމުގައެވެ. އެކަމުގައި ބޮޑަށް ފެންނަނީ އުމުރުން ދުވަސްވީ ކޮންމެވެސް މީހެކެވެ.
ޒަމާން ބަދަލުވެ ތަހުޒީބުގެ އެކި އޮއެވަރުގައި ޖެހި އަންނަމުންދާ ބަދަލުގައި ބޯކޮށުމުގެ ވިޔަފާރިއަކީ މުޅިންހެން ދިވެހިންގެ އަތްމަތިން ދޫވެ ބިދޭސީން އަތްމަތީގައި ހިނގާ ކަމެކެވެ. ބޮޑު ވިޔަފާރިއެކެވެ. ފިރިހެނުންނަށް ޚާއްސަ އެއްވެސް ބޯކޮށާ ސެލޫނެއްގައި ކަތުރު ހިފައިގެން ހުރި ދިވެއްސަކު މިހާރު ރާއްޖޭގައި ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.
ކަންމިހެން އޮތްއިރު، ދިވެހި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ކުދި ބޮޑު ފިރިހެނުންގެ ކަނދުރާތައް ވަނީ ބިދޭސީންގެ އަތްމަތީގައެވެ. ކަތުރާއި ރޭޒަރާއި ކުރަފަތް ވަޅިވެސް ވަނީ އެވެރިންގެ އަތުގައެވެ. ކިތަންމެ ބޮޑަކަށް ދިވެހި ރާއްޖޭގައި ބިދޭސީން ވަކި ހިއްޕަމުން ދިޔަޔަސް ދިވެހި ރާއްޖޭގައި އަބަދުވެސް ދިވެހިންގެ ސަޤާފަތާ އާދަކާދަ އަދި ތަރިކަ ދެމެހެއްޓުމަށް މަސައްކަތް ކުރާ ދިވެހި ވަންތަ ޝަޚުސުންގެ ގޮތުގައި ތިބޭ މީހުން މަދުން ނަމަވެސް އެބަތިއްބެވެ. ފިޔޯރީ ހާރިސް އަކީ މިދެންނެވި ފަދަ އެއް ޝަޚުސެވެ.
ބޯކޮށުމުގައި ސެލޫން ތަކާއި އެކި ގިންތީގެ ވިޔަފާރި ހިންގުމަށް މުޅި ރާއްޖޭގައި ހުސް ބިދޭސީން ހަރަކާތްތެރި ވިޔަސް ފިޔޯރީ ގައި މި މަސައްކަތް ކުރަނީ އަދިވެސް ދިވެއްސެކެވެ. އެންމެ މީހެކެވެ. އެރަށުގައި ހުރީ އެންމެ ސެލޫނެކެވެ. އެހެން ރަށްރަށާއި މުޅިން ޚިލާފަށް އެ ރަށުގައި "ބިދޭސީން" ތިބީ ދިވެއްސެއްގެ ކަތުރާއި ރޭޒަރު ގެ އިންތިޒާރުގައި ކިޔު ހަދައިގެންނެވެ.
ހާރިސް އަށް ބޯކޮށުމުގެ ފަންނު އަށަގަތީ އުމުރުން ވަރަށް ކުޑައިރު އެވެ. އެއީ އޭނާ އަށް ގާތްގަޑަކަށް 14 15 އަހަރުގައެވެ.އެއީ އޭނާގެ ގާތް ރައްޓެހިންގެ ބޯ ކޮށުމުގެ ތެރެއިން ކަމަށްވެސް ހާރިސް ކިޔައިދިނެވެ.
"ގާތް ރައްޓެހިންގެ ބޯކޮށުމުން ލިބުނު ހުނަރެއް މިއީ. ބޯޓު ދަތުރު ކުރި އިރު ބޯޓުގައި ވެސް މީހުންގެ ބޯ ކޮށައި ދެން. އެއިރު އަޅުގަނޑަށް 20 ވެސް ނުވާނެ"
ހާރިސް ބޯ ކޮށާ ތަނެއް ހަދައި ރަސްމީ ކޮށް އެ މަސައްކަތް ފެށީ ޒަވާޖީހަޔާތެއް ފެށި ފަހުން ކަމަށާއި، މިހާރު އެ މަސައްކަތް ހުއްޓުމެއްނެތި ކުރާތާ 25 ވަރަކަށް އަހަރު ވެދާނެ ކަމަށް ހާރިސް ބުނެއެވެ. އަދި މި މަސައްކަތް ކުރުމުގައި ޢަމަލީ ގޮތުން މުޅިންވެސް މަސައްކަތް ކުރަނީ އޭނާ އަމިއްލައަށްކަމަށް ވާއިރު ހުކުރު ދުވަހަކީ ސެލޫންގައި ބޯކޮށައި ދިނުމާއި ތުނބުޅިބާލާ ދިނުމުގެ ޚާއްޞަ ދުވަހެއް ކަމަށްވެސް ކިޔައިދިނެވެ.
3 ކުދިންނާ އެކު ލޯބިވާ އަނބިމީހާ ފުރިހަމަ އެހީތެރިކަން ލިބިގެން ކުރަމުންދާ މި މަސައްކަތް ގޮތުގައި އަބަދުވެސް ކުރުމަކީ ހާރިސް ޢަޒުމެވެ.
ހާރިސްގެ މި މަސައްކަތް ހުވަދޫ މީޑިއާ ޓީމުން ބަލައިގަންނަނީ ޤައުމީ އިނާމު ޙައްޤު މިންވަރެއްގައެވެ.

