އއ. ތޮއްޑުއަށް ވީހާވެސް އަވަހަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް އިޔާސް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ތޮއްޑޫ ވެގެންދަނީ މީހުން ދިރިއުޅޭ ރަށްތަކަށް ސީޕްލޭން ދަތުރު ފަށާ ދެވަނަ ރަށަށް ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް އިޔާސް ވިދާޅުވީ ތޮއްޑުއަށް ސީޕްލޭން ދަތުރުތައް ފެށުމަށް އެކަމަށް ބޭނުންވާ ސަރވޭގެ މަސައްކަތްތައް އައިލެންޑް އޭވިއޭޝަންއިން މިހާރު ވަނީ ފަށާފައި ކަމަށާއި އެގޮތުން ކުންފުނީގެ ޓީމެއް ތޮއްޑުއަށް ދަތުރުކޮށް، ސަރވޭއަށް ބޭނުންވާ މަޢުލޫމާތު ނެގުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށެވެ. މެނޭޖިން ޑިރެކްޓަރ އިބްރާޙިމް އިޔާސް ވިދާޅުވީ، މި ސަރވޭގައި، ޚިދުމަތް ދިނުމުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭ ސަރވޭއާއި ސީޕްލޭން ކައިރިކުރާ ޕްލެޓްފޯމް ހެދުމުގެ މަސައްކަތް ގެންދާނެގޮތުގެ ސަރވޭ ކުރިއަށްގެންދިޔަކަމަށާއި އެގޮތުން ބޯޓު ކައިރިކުރާ ފަޅުގެ މޫސުމާއި ރައްކާތެރިކަން އޮތް މިންވަރާ ތިމާވެއްޓަށް އަސަރުކުރާ މިންވަރު އަދި ރިސްކް އެސެސްމަންޓްތައް ހަދާނެ ކަމަށެވެ.
ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން، މީހުން ދިރިއުޅޭ ރަށްތަކަށް ސީޕްލޭން ދަތުރުތައް ފަށަނުން ކުރިޔަށް ގެންދާ މި މަޝްރޫޢު އާ ގުޅިގެން ތޮއްޑޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ، ވައިގެ ދަތުރުފަތުރުން ގުޅާލުމަކީ ރަށަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމެއްކަމަށާއި ޚާއްސަކޮށް ސީ ޕްލޭން ދަތުރުތައް ފަތުރުވެރިންގެ މެދުގައި މަޤުބޫލުވެފައި އޮންނަނީ އެކްސްކަރޝަންއެއްގެ ގޮތުގައިކަމުން، ތޮއްޑޫއަށް ފަތުރުވެރިންގެ ޝައުގުވެރިކަން މިހާރަށްވުރެ އިތުރުވާނެކަމަށެވެ.
ތޮއްޑޫ މުހައްމަދު އަށް ސީޒަންގައި އެވަރެޖްކޮށް ތޮއްޑުއަށް ދުވާލަކު 150 އެއްހާ ފަތުރުވެރިން ޒިޔާތްކުރެއެވެ. އެ ރަށުގައި 60 ގެސްޓްހައުސް ހިންގަމުންދެއެވެ.
މީހުން ދިރިއުޅޭ ރަށްތަކަށް މޯލްޑިވިއަންއިން ސީޕްލޭން ދަތުރުތައް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ. އެގޮތުން ފުރަތަމަ ޚިދުމަތް ފަށާފައިވަނީ ބ. ފުޅަދޫއަށެވެ.

