އއ ރަސްދޫ މިސްކިތެއްގެ ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލިސް ކޮމިޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދެވެ. ޖީހާން ވަނީ މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވައިފިކަން މީޑިޔާތަކަށް ޔަގީންކޮށްދެއްވާފައެވެ.
ފުލުހުން ކުރި މަސައްކަތުން އެކަން ކުރި ކަމަށް ތުހުމަތު ކުރެވެނީ ކުޑަ ދެ ކުދިން ކަމަށާއި އެއީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިން ކަމަށާއި އެ ކުދިން ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ކުރި މެސެޖެއްގައި ވަނީ ބުނެފައެވެ. އަދި ފުލުހުން ވަނީ ރޭގައި އާންމުވި އެ ވީޑިޔޯ އެކަކު އަނެކަކަށް ހިއްސާނުކުރުމަށާއި ސޯޝަލްމީޑިޔާގައި ވެސް ހިއްސާނުކުރުމަށް އިލްތިމާސްކޮށްފައެވެ. ސަބަބަކީ ވީޑިޔޯއިން ފެންނަނީ ބަލަން އުނދަގޫ އަދި އެ ކުޑަކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ކަހަލަ މަންޒަރުތަކަކަށް ވާތީ ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ،
ރޭގެ ތަރާވީސްގަޑީގައި ރަސްދޫ މިސްކިތެއްގެ ވުޟޫކުރާ ބައިގައި އަނިޔާކޮށްފައިވާ ކުޑަކުއްޖާއަކީ ޗުއްޓީއެއް ހޭދަކޮށްލުމަށް އެރަށަށް އައި ކުއްޖެކެވެ. އާއިލާއާއެކުގައި ރަސްދޫއަށް އައިސް އުޅުނު ކުއްޖާއަކީ އއ. މަތިވެރީގައި ދިރިއުޅޭ ކުއްޖެކެވެ. ފުލުހުން ބުނީ އެ ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

