މިއީ މަޖިލިސް މެމްބަރެއްނޫނެވެ. އަދި މިހާރު ކުރިއަށްދާ މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާ ދާއިރާއެއްގެ ކެންޑިޑޭޓެއްވެސް ނޫނެވެ. އަދި މިހާރު ޕީއެސްއެމުން ކުރިއަށްދާ މަޖިލިސް ބަހުސްގައި ބައިވެރިވި ފަރާތެއްވެސް ނޫނެވެ. އެހެނަސް އެނާ ވަނީ ތަފާތު ދައްކާފައެވެ. މަޖިލިސް ޕްރެކްޓިސް ޕާލިމެންޓުން ފެނުނީ ތާފާތު މޮޅު ކޮށް ޑިބޭޓްދީ ރައްދު ދެއްވުމުގައި ފިސާރި ވަރުގަދަކަމެވެ. ވަރަށްވެސް ފުރިހަމައެވެ. ހުނަރު އެބަހުރިއެވެ. ކަނބަލަކަށް ވިޔަސް ކުރެވޭނެ ކަން ދައްކައިފިއެވެ. ގާބިލް ކަމާއި ކެރުންތެރިކަން އެބަހުއްޓެވެ. ފިސާރި މޮޅެވެ.
މިއީ ގއ. ކަނޑުހުޅުދޫ ވީނަސް މުސްލިމާ ހަސަން އެވެ. މުސްލިމާ އަކީ ސިޔާސީ މައިދާނުން ކުރިއަށް ނުކުންނަން ބޭނުންވި އަންހެނެކެވެ. ކުރިއަށް އެޅުނު ފިޔަވަޅާއިއެކު ނަން ނަގާލަން މަޖުބޫރުވި މި ވާހަކައަށް ޖެހިލަމާ ހިނގާށެވެ. 2021 ވަނަ އަހަރު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބު އޭނާ އަށްވީ ތަޖުރިބާއަކަށެވެ. މިއަދު އެ ވާހަކަ ދައްކަން ބޭނުން ނުވިޔަސް ކުރިއަށްދާން ބޭނުންވެއެވެ. އެއީ އޭނާ ދެކޭ ގޮތުގައި ތަޖުރިބާއެކެވެ.
އޭނާ ފާހަގަ ކުރާ ގޮތުގައި ގައުމެއް ހިނގާނީ އަންހެނުންގެ ބާރުވެރިކަމާއި، ބާރުދެވޭނެ ނިޒާމެއްގެ ތެރެއިންނެވެ. އަންހެނުންގެ ދައުރު ތައްމިނަށް ހުޅުވިގެނެވެ. މި ގައުމުގައި އެފަދަ އަންހެނުން ތިބިނަމަވެސް ސިޔާސީ މައިދާނަށް ނުކުންނަން ބޭނުންވާ އަންހެނުން ވަރަށް މަދެވެ. ސަބަބުތައްވެސް ބައިވަރުއެވެ.
ކުރެވޭނެ، ކުރާނަން،ވާނެ، މިހެންބުނެ ތެދުވާ އަންހެނުން ކޮއްޕާލާ ވައްޓާލުމަކީ މިހާރު އާންމު ކަމެކެވެ. ކީއްވެ؟ ކޮބާ މައްސަލައަކީ؟ ސަބަބު ނޭނގޭ ސުވާލުތަކެވެ. ނަމަވެސް އެއިން ކޮންމެ އަންހެނަކު ފަހަތަށްޖެހޭ ކޮންމެ އިރެއްގައި ގައުމު ހުންގާނުން ނަޓެއް ދޫވެއެވެ. އެ ނަޓް ހަރުނުކުރެވި ދޫވާ ދޫވުމަކީ ގައުމަށްލިބޭ ވަރަށް ބޮޑު ގެއްލުމެއްކަން ޔަގީނެވެ.
ކަންމިހެން އޮތަސް ކަން ހިނގަނީ މި ބުނާ ބީދައިންނެވެ. ކުރިއަށްދާން ބޭނުންވާ ކޮންމެ ދާއިރާއަކުން ކުރިއަށް ދެވޭނެ ކަމަށް މައިންފައިންނާއި ޓީޗަރުން ތައުލީމީ މަރުހަލާ ތެރެއިން ބުނި ނަމަވެސް ސިޔާސީ މައިދާނުން ކުރީ ސަފަށް ނުކުންނަން ބޭނުންވާ އަންހެނުން ތިބީ ދާނެ ކޮޅެއް ނޭނގިފައެވެ.
ޓަކި ޖަހާނީ ކޮން ދޮރެއްގައި ކަމެއް ނޭނގިފައެވެ. ޝައުގުވެރިކަމާއި ހުނަރު ލިބިފައިވާ އެތައް އަންހެނުން މި ރާއްޖޭގެއެކި އެކި ކަންކޮޅެއްގައި އެބަތިބެވެ. 29 މާރޗްގައި މަޖިލިސް ޓީވީން ދެއްކި "މަޖިލީހުގެ މޮޑެލް ވުމެން ޕާލިމެންޓް ސެޝަން" އިން އެކަން ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ. ރާއްޖޭގެއެކި ކަންކޮޅުތަކުން އަންހެނުން ބައިވެރިވެ ކުރިއަށްދިޔަ މި ސެޝަންގައި ގާބިލްކަން ދެއްކި އަންހެނުން ފެނިގެންދިޔައެވެ.
މަޖިލިސް ޓިވީން ހުކުރު ދުވަހު ކުރިއަށްދިޔައީ މޮޑެލް ވުމެން ޕާލިމެންޓް ސެޝަންގެ ބައިވެރިންގެ ޑިބޭޓްއަކީ ހުނަރު ފެނުނު ހަރަކާތެވެ. ފުރަތަމަވެސް ލޮލުގައި އަޅަގަތީ ހުށައެޅިގެންދިޔަ ގަރާރަށް ބަހުސް އަށް ހުޅުވާލުމުން މޮޑެލް ޕާލިމެންޓްގެ ގެމަނަފުށި ދާއިރާގެ މެމްބަރުގެ ހުށައެޅުމެވެ.
މި އަހަރުގެ މޮޑެލް ޕާލިމެންޓް މި ޑިބޭޓަށް ބަލާލުން ފެނިގެން ދިޔައީ ބައިވެރިންގެ ހުށައެޅުމާއި ކުޅަދާނަކަމެވެ. ހާއްސަކޮށް ގެނަފުށި ދާއިރާގެ އަޑެވެ.
"މިހާ ހިސާބުން މި ފުރުސަތު މި ދެނީ ގެމަނަފުށި ދާއިރާގެ އިއްޒަތްތެރި މެމްބަރު މުސްލިމާ ހަސަންއަށް" މޮޑެލް ޕާލިމެންޓްގެ ރައީސް ނާފިޔާ ވިދާޅުވިއެވެ.
"އިއްޒަތްތެރި ރައީސް ދުވާފަރު ދާއިރާގެ މެމްބަރު އަޒީޒާ ފާރޫގް ހުށަހަޅުއްވާފައިވާ ގެވެށި އަނިޔާ ހުއްޓުމުގެ ގާނޫނަށް އަޅުގަނޑު ތާއިދު ނުކުރަމެވެ". މުސްލިމާ ހަސަން ވިދާޅުވިއެވެ.
މޮޑެލް ޕާލިމެންޓްގެ މި މެމްބަރު ވާހަކައިން ފުރަތަމަވެސް ގަރާރާއި ދެ ކޮޅު ހެދިއެވެ. ވިދާޅުވީ ރާއްޖޭގެ ދަރަނި ހުރީ 120 ބިލިއަނުން މަތީގައި ކަމަށާއި، ގައުމުގެ ދަރަނި އިތުރުވެ އަރަނި ނުކުރެވޭއިރު، ގެވެށި އަނިޔާ ހުއްޓުމުގެ ނަމުގައި ދައުލަތުގެ ވަޒީފާތަކުގައި ތިއްބަވާ ފަރާތްތަކަށް އިތުރު ޕްރޮގްރާމްތައް ހިނގުމުގެ ބަދަލުގައި މިހާރު ގާނޫނުގައި ތަންފީޒު ނުކުރެވި ހުރި މާއްދާތައް ތަންފީޒު ކުރުން މާ ރަނގަޅު ވާނެ ކަމަށެވެ. ގާނޫނު ފޮތެއްގައި ލިޔެވިފައި އޮތަސް އެއިން ކުރެވޭ ކަމެއް ނެތް ކަމަށާއި، އެކަމަށް އޮތް ހައްލަކީ ގާނޫނުތަކުގެ ހުރިވަކިވަކި މާއްދާތައް ތަންފީޒު ކޮށް ކުރިއަށް ދިއުން ކަމަށެވެ.
މުޅި ގަރާރާއި ގުޅޭ ގޮތުން ހުރިހާ ދާއިރާއަކުވެސް ބަހުސްގައި ބައިވެރިއެވެ. ނަމަވެސް އަސްލު މަޖިލީހުގެ ހަމަޔާއި އުސޫލާއި، ވައްޓަފާޅިއަށް ވާހަކަ ދެއްކި ހަމައެކަނި މެމްބަރަކީ މުސްލިމާ ހަސަންކަން ފާހަގަ ކުރެވުނެވެ. މަޖިލިސް ޕްރެކްޓިސް ޕާލިމެންޓް ނިއްމާލި ރަސްމިއްޔާތަކީ މުޅި މެމްބަރުންގެ އަސްލު އުއްމީދީ ވަގުތައް ވެގެންދިޔައެވެ. ރައްޔިތުންގެ މަޖިލީގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރުގެ އީވާ އަބްދުﷲ ގެ ބަސްކޮޅެއް އިއްވިއެވެ. އީވާ ވިދާޅުވީ އަންހެނަކަށް ވިޔަސް ގައުމުގެ އިގްތިސާދާއި ގައުމާއި ގުޅުންހުރި މުހިންމު ވާހަކަތައް ހުށައަޅަން ޖެހޭނެ ކަމަށެވެ. "ގަދަފަދަ އަންހެން ވާހަކަ" މިއީ މަޖިލީހަށް ހޮވޭ އަންހެނުން ވިޔަސް ހުށައަޅަންޖެހޭ ވާހަކަތަކެއް ކަމެވެ. މުސްލިމާ އިއްވީ ގައުމުގެ ހާލަތެވެ. ގައުމުގެ އަޑެވެ. ދަރަނި، އަރަނި ނުކުރެވި ކުރިއަށް ނުދެވޭނެ ކަން، މިހާރު ހުރި ގާނޫންތައް ރަނގަޅު ގޮތުގައި ތަންފީޒު ކުރަން ޖެހޭ ކަމެވެ.
ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން އަކީ އަންހެނުން ސިޔާސީ ގޮތުން ބާރުވެރި ކުރުވަމަށާއި، ރައްޔިތުންގެ މަޖިލީހަށް ކެރިގެންކުރިމަތިލެވޭނެ ގޮތާއި، މަޖިލީހުގައި ބިލް ހުށަހެއެޅުމާއި ބިލާގުޅޭގޮތުން ބަހުސްކޮށް އަދި މެމްބަރުން އުސޫލުގެ ތެރެއިން ކަންހިނގާނެ ގޮތް ކިޔައިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްއެކެވެ.
ކޮންމެ އަހަރަކު ޔޫއެންޑީޕީއާއި، އޮސްޓްރެލިއާ ހައިކޮމިޝަން ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި މި އަހަރު މިނިސްޓްރީ އޮފް ސޯޝަލް ހައުސިން ޑިވޮލޮޕްމެންޓުން ވެސް ވަނީ ބައިވެރިވެ ޕްރޮގްރާމް އިތުރަށް ހަރުދާނާ ކޮށްފައެވެ. އެކި ދާއިރާތަކުން ސެޝަން ތައް ނަގާފައިވާއިރު، ދިވެހި ބަހުގެ ހަމަތަކާއި ގަވާއިދުތަކާއި، ވާހަކަ ދެއްކުމުގެ ހުނަރު، ޕަބްލިކް ސްޕީކިން ވެސް ކިޔާދެއްވާފައި ވެއެވެ. އަދި ތާރީހާއި ގުޅުން ހުރި ކަންކަންވެސް ވަނީ އުނގަންނައިދީފައެވެ.
ކައުންސިލްތައް ހިނގާ ގޮތާއި ލާމާރުކަޒު ކުރުމާއި، ލާމަރުކަޒީ ބާރުވެރިކަމަށްވެސް ސެޝަންއެއް ކުރިއަށް ދިޔައެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމާއި، ޑިމޮރެސީގެ ހަމަތަކާއި އުސޫލުތައްވެސް ކިޔައިދީފައި ވެއެވެ. މީގެ އިތުރުން ލީޑާރ ޝިޕާއި ގަވާރނަންސްއާއި، އިގްތިސާދީ ބާރުވެރިކުރުމާއި ކޮރަޕްޝަން ހުއްޓުވުމައްޓަކާއި ކުރެވޭނެ ކަންކަންވެސް ކިޔައިދެއްވާފައި ވެއެވެ.
މި ޕްރޮގުރާމް މިހާރު ކުރިއަށް ގެންދާތާ މި ވަނީ 4 އަހަރު ވެފައެވެ. މިއަރުވެސް ފެބްރުއެރީ މަހުގެ 14 އިން 18 އަށް ކުރިއަށް ގެންދުވުނު މި ހަރަކާތުގައި 38 ބައިވެރިއަކުވަނީ ބައިވެރިވެފައެވެ.

