ގާނޫނު މިހާރު އޮތް ގޮތުން ކުޑަކުދިން ކުށަށް ޒިންމާ ނުކުރެވޭ ކަމަށާއި، އެ އުމުރުގެ ކުދިންވެސް ޖިނާއީ ކުށެއް ކޮށްފިނަމަ ޒިންމާކުރެވޭނެ ގޮތަށް ގާނޫނަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މިހެން ވިދާޅުވީ ކުޑަކުދިން ގަނާއިން ރައްކާތެރި ކުރުވުމަށް މަސައްކަތްކުރާ ޓާސްކްފޯސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެނެވެ.
އިހުސާން ފާހަގަކުރެއްވީ ރާއްޖޭގެ އެކި ހިސާބުތަކުގައި 200 އެއްހާ ކުދިން އެކި މައްސަލަތަކުގައި އެބަތިބި ކަމަށެވެ. އެއީ 12 އަހަރުން މަތީގެ ކުދިން ކަމަށާއި، އަދި މިހާރު ގާނޫނު އޮތްގޮތުން ކިތަންމެ ބޮޑު ކުށެއް ކުރިނަމަވެސް އެ ކުދިން ކުށުގެ ޒިންމާ ނަގަން ނުޖެހޭ ކަމަށެވެ. ނަމަވެސް މި އުމުރުގައިވެސް މައްސަލަތަކަށް އަރައިގަތުން އާންމުވެ ދާތީ މި ކަމަށް ހައްލު ގެންނަން ޖެހޭ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް އަމަލުކުރާ ގޮތަށް މި ގާނޫނަށް ބަދަލު ގެންނަން މިހާރު ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އިހުސާން ވަނީ ފާހަގަ ކުރައްވާފައެވެ.
“މިހާރު އޮންނަ ގޮތުން ކުދިން ކުށެއް ކުރިނަމަވެސް އެކުދިން ކުށަށް ޒިންމާ ކުރެވޭނެ ގޮތަކަށް ނޫން ގާނޫނު ބައްޓަން ކުރެވިފައި އޮތީ. އަދިގެ ސަރުކާރުގެ ވިސްނުންފުޅަކީ މި އުމުރުފުރާ 12 އަހަރަށް ކުޑަކުރުން” އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ އިގިރޭސިވިލާތުގައި 10 އަހަރު ކުޑަކުދިން ކަމުގައިވީ ނަމަވެސް އަދަބު ދެވޭ ކަމަށާއި، އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި 11 އަހަރު އަދި ދުނިޔޭގެ ގިނަ ގައުމުތަކުގައި 12، 13، 14 އަހަރުގައި ވެސް ކުށަށް ޒިންމާ ކުރެވޭ ގޮތް ގާނޫން އޮންނަ ކަމަށެވެ.
އިހުސާން ވިދާޅުވީ ކުޑަކުދިންނާއި ބެހޭ ގާނޫނުގައި ވަރަށް ގިނަ އިސްލާހުތައް މިހާރުވެސް އެބަހުރި ކަމަށާއި، މިއީ މީގެ ކުރިން ކުރެވިފައިނުވާ ކަންތައް ކަމަށެވެ.
އެހެންކަމުން މިކަންތައް އިސްލާހު ކުރަން ސަރުކާރުން ފަށާފައިވާ ކަމަށެވެ. ސަރުކާރު ހޮވުނު ފަހުންވެސް މި ފާއިތުވު 4 މަހުގައިވެސް މި ގާނޫނާއި ގުޅުން ހުރި މައްސަލަތައް ދެނެގަނެ މަސައްކަތްތައް ކުރެވިފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

