ކުށުގެ ވެށީގައި 200 އެއްހާ ކުޑަކުދިން އެބަތިބި ކަމަށާއި އެ ކުދިން ރިހެބިލިޓޭޝަން ކުރުމަށް ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރު އަންނަ ހަފްތާގައި ހުޅުވައި ރިހެބިލިޓޭޝަން ފަށާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ ގާނޫނުގައިވާ ގޮތުގެ މަތިން ކުޑަކުއްޖަކު “އެޓް ރިސްކަށް” އައުމާއި ގުޅިގެން އެކަން އެނގުމާއެކު އެ ކުއްޖާ ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރަކަށް ގެންދަންޖެހޭ ކަމަށެވެ. އެތަނުގައި ވަކި ވަރެއް ވަންދެން ރިހެބިލިޓޭޝަން ކުރުމަށް ފަހު ހާފްވޭ ހައުސްއަކަށް ގެންދަން ޖެހޭ ކަމަށެވެ. ނަމަވެސް ދ. ކުޑަހުވަދޫގައި ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރު އަދި ހއ. ހޯރަފުށީގައި ހާފްވޭ ހައުސްގެ މަސައްކަތް ނިމިފައިނުވާ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އެ ކުދިން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް ފެށުމަށް އަންނަ ހަފްތާގައި ދ. ކުޑަހުވަދޫގައި ތަރައްގީކުރަމުންދާ ޖުވެނައިލް ރެޒިޑެންޝަން ޓްރީޓްމެންޓް ސެންޓަރު ހުޅުވާނެ ކަމަށާއި އަދި މިހާރު އެޓް ރިސްކުގައި ތިބި ކުދިންގެ ތެރެއިން އިސްކަން ދޭންވީ ކުދިން ދެނެގަނެވި އެ ސެންޓަރަށް ނެގޭހާ ގިނައަކުން ކުދިން ނަގައި ރިހިބިލިޓޭޝަން ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
“މުޅި ރާއްޖޭގައި އެޓް ރިސްކުގައި އަޅުގަނޑުމެން އެޓެންޓު ކުރަން ޖެހިފައިތިބި ކަމަށް އަޅުގަނޑުމެންގެ ރެކޯޑްސްތަކުން އެބަ ދައްކާ ގާތްގަނޑަކަށް 200 އެއްހާ ކުދިން. އެހެންވީމަ މި ދެންނެވި ފެސިލިޓީއަށް އަދި ހުރީ މިކަން ކުރެވޭ ގޮތަކަށް ނޫން.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެޓްރިކްސްގައި ތިބި ކުދިން ރިހިބިލިޓޭޓް ކުރުމަށް ލޯންގް ޓާމް ކެއާ ފެސިލިޓީއެއް އެޅުމަށް ވެސް ގާނޫނުން ލާޒިމް ކުރާ ކަމަށެވެ. އެ ކެއާ ފެސިލިޓީއަކީ އެޓް ރިސްކުގައި ތިބޭ ކުދިން މުޖްތަމައުގައި ތިބެގެން ފަރުވާ ނުދެވިދާނެ ކަމަށް ގަބޫލްކުރެވި ދިގު މުއްދަތަށް މުޖްތަމައިން އެކަހެރިކޮށް ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ ފެސިލިޓީއެއްގައި ބަހަށްޓަގައިގެން ފަރުވާ ދެވޭނެ ކަމަށް ގަބޫލްކުރެވޭ ހާލަތުގައި އެގޮތަށް ކަން ކުރުމަށް އޮންނަން ޖެހޭ ފެސިލިޓީއެއް ކަމަށެވެ.
“އަންނަ ހަފްތާއިން ފެށިގެން އަޅުގަނޑުމެންނަށް މިފަދަ އެއް ސެންޓަރު ރަނިން އަށް ގެނެވޭނެ. ކުދިން މިގޮތަށް މަރުކަރު ކޮށްގެން ފަރުވާދެވޭނެ. މިއަދުން ފެށިގެން ވެސް މިދެންނެވި ގޮތަށް އެ ކުއްޖާއާއި ދޭތެރޭ، އެ ދެ ކުދިންނާ ދޭތެރޭގައި ވެސް އަޅުގަނޑުމެންނަށް ގާނޫނު ލާޒިމްކުރާ ނެގެންހުރި އެކްޝަންތައް މި ނަގަންފަށަނީ.”
ބަންޑާރަ ނައިބު (އޭޖީ) އަހުމަދު އުޝާމް ވިދާޅުވީ، މިހާރު ގާނޫނު އޮތް ގޮތުން ކޯޓުގެ އަމުރުގެ ދަށުން ކުދިން ޑިޓެންޝަން ސެންޓަރަށް ނެގިދާނެ ކަމަށެވެ. ނަމަވެސް، އެކަން އެގޮތަށް ނުކުރެވި ހަތަރު އަހަރު ފަހަނައަޅައި ދިޔައީ ގާނޫނުގައި ބަޔާންކޮށްފައިވާ ޑިޓެންޝަން ސެންޓަރު ނެތުމުން ކަމަށެވެ. އަދި އަންނަ ހަފްތާގައި ޑިޓެންޝަން ސެންޓަރު ހުޅުވުމުން، އެކުދިންނަށް ފިޔަވަޅު އެޅިގެންދާނެކަން ފާހަގަކުރެއްވިއެވެ.

