ަސިޔާސީ ވީތީ އެެއްވެސްމީހަކު ހައްޔަރުނުކުރައްވާނެ ކަމަށާއި ފުލުހުންގެ ސީޕީކަމުގައިވިޔަސް ނުވަތަ އެހެން ވެސް ޕޮލިހަކަށް ގުޅައިގެން ސިޔާސީ ފައިދާ ހޯދުމަށް ކަންކަންކުރުމަކީ އެމަނިކުފާނު ޓޮލަރޭޓް ކުރައްވާނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިހަވަންދޫ ދާއިރާގެ މެންބަރުގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ގައުމުގެ ހަމަޖެހުން ނުހަނު ބޮޑަށް އެމަނިކުފާނަށް މުހިންމުކަމުގައި ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ވޭތުވެދިޔަ ޒަމާންތަކުގައި ވެރިކަންތައް ބަދަލުވެގެން އަބަދުވެސް ކޮންމެވެސް ކަހަލަ ރިޔާސީ ކޮމިޝަނެއް ހަދައިގެން ނޫނީ އެކަހަލަ ކަމެއްގެ ތެރެއިން ކުރީގެ ސިޔާސީ ވެރިން ހިފާ ހައްޔަރުކުރުމާއި، ސިޔާސީ ވީތީ ހިފާ ހައްޔަރުކުރުމާއި އަބަދުވެސް އެކަހަަލަ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން އެފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
“އަޅުގަނޑަށް ވަރަށް މުހިންމު ގައުމުގެ ހަމަޖެހުން ގާއިމު ވެގެން ދިއުން އަޅުގަނޑު ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް ގެންނަން ވައުދުވީ އިހުލާސްތެރި ކަމާއެކީގައި، އަޅުގަނޑު އަބަދުވެސް ބުނަން އަޅުގަނޑު ރައްޔިތުން ގާތު ވާހަކަ ދައްކަނީ އެކަން ކުރުމުގެ އިހުލާސްތެރި ނިޔަތުުގައޭ. މިސަރުކާރަކުން މިއަދާ ހަމައަށް އަދި ކުރިއަށް އޮތްތާނގައިވެސް ނުފެންނާނެ ބަދަލުހިފުމުގެ ރޫހެއް، މިދިޔަ ކުރީ ޒަމާންތަކުގައި ވެރިކަންތައް ބަދަލުވެގެން އަބަދުވެސް ކޮންމެވެސް ކަހަލަ ރިޔާސީ ކޮމިޝަނެއް ހަދައިގެން ނޫނީ އެކަހަލަ ކަމެއްގެ ތެރެއިން ކުރީގެ ސިޔާސީ ވެރިން ހިފާ ހައްޔަރުކުރުމާއި، ސިޔާސީ ވީތީ ހިފާ ހައްޔަރުކުރުމާއި އަބަދުވެސް އެކަހަަލަ ބިރުވެރިކަމެއްގެ ތެރޭގައި ނޫންތޯ ދުވަސްތައް ދިޔައީ މިހާރަކު ނުފެންނާނެ އެކަމެއް. ސިޔާސީ މީހަކަށް ވީތީ މިސަރުކާރަކުން އެއްވެސް މީހަކު ހައްޔަރެއް ނުުކުރާނެ، އެހެންނަމަވެސް ގާނޫނީ ވެރިކަމެއް ކުރުމަކީ އަޅުގަނޑުގެ މައްޗަށްވެސް ލާޒިމުކަމެއް ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތަން ﷲ ގަންދީ ހުވާ ކޮށްގެން މިހިރީ، އެހެންވީމާ ގާނޫނީ ވެރިކަމެއް ކުރުމުގައި ގާނޫނީ ކުށެއް ކޮށްފިނަމަ އެކަމެއް ބެލުމަކީ އަޅުގަނޑު ކުރަން ޖެހޭ ކަމެއް، އެ ވާހަކައެއް ނޫން މިދަންނަވަނީ، ސިޔާސީ ވެގެން އެމީހަކު ގެންގޮސް ހިފާ ހައްޔަރުކޮށް ސުވާލެއް ނުކުރާނަން،” ރައީސް ނުހަނު ޔަގީންކަމާއެކުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ޕޮލިސްސާވިސް އާއި އެމްއެންޑީއެފް އާ ބައްދަލުކުރެެއްވި ކަމަށާއި، ފުލުހުންނަށް އެމަނިކުފާނު ގައުމަށް ހަމަޖެހުން ގެންނަވަން ބޭނުންފުޅުކަން ހާމަކުރެއްވިކަމަށާއި މީގެ ކުރީގައި ފުލުހުންގެ މައްޗަށް ހިނގަމުން ދިޔަ ސިޔާސީ ނުފޫޒެއް މިސަރުކާރުން ނުހިނގާނެ ކަމަށާއި އެފަދަ ފުރުސަތެެއް ނުދެއްވާނެ ކަމަށެވެ. އެމަނިކުފާނާ ހަމައިންވިޔަސް ވަޒީރުންގެ ލެވެލްގައިވިޔަސް އަދި އެއަށްވުރެ ދަށް ފަންތިން ކަމުގައި ވިޔަސް ސިޔާސީ ފައިދާ ހޯދުމަށް ވަކި ފުލުހުންނަށް ސީޕީއަށް ނޫނީ އެެހެންވެސް ފަރާތަކަށް ގުޅައިގެން ކަންކަން ކުރުމަކީ އެމަނިކުފާނު ޓޮލަރޭޓް ނުކުރައްވާނެ ކަމެއްކަމަށާއި ފުލުހުންނަށް އެމަނިކުފާނު ވާނީ އެޔަގީންކަމާއި އެ އިތުބާރާއި އެހިތްހަމަޖެހުން ދެއްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
“މީގެ ކުރީގައި ފުލުހުންގެ މައްޗަށް ހިނގަމުން ދިޔަ ސިޔާސީ ނުފޫޒެއް މިސަރުކާރުން ނުހިނގާނެ އެފަދަ ފުރުސަތެެއް ނުދޭނަން. އަޅުގަނޑާ ހަމައިންވިޔަސް ވަޒީރުންގެ ލެވެލްގައިވިޔަސް އަދި އެއަށްވުރެ ދަށް ފަންތިން ކަމުގައި ވިޔަސް ސިޔާސީ ފައިދާ ހޯދުމަށް ފުލުހުންނަށް ސީޕީއަށް ނޫނީ އެެހެންވެސް ފަރާތަކަށް ގުޅައިގެން ކަންކަން ކުރުމަކީ އަޅުގަނޑު ޓޮލަރޭޓް ނުކުރާނެ ކަމެއް، އަޅުގަނޑު ފުލުހުންނަށް ވާނީ އެޔަގީންކަމާއި އެހިތްހަމަޖެހުން ދީފައި،” ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑުގެ ހުރިހާވެސް އަމާޒެއް ހުރީ ނަތީޖާ ނެރުމަށް، ރައްޔިތުންނަށް އަޅުގަނޑު ވައުދުވީ ރައްޔިތުން އެދިވަޑައިގެންފައިވާ ކަންކަމުގައި ނަތީޖާ ނެރެދޭނެކަމަށް. ކަންކަމުގައި ނަތީޖާ ނެރެވޭނީ އެކަމަށް ބޭނުންވާ ކަންކަން މަގުފަހިވެގެން، އެންމެ ބޮޑު މަގުފަހިކަމެއް ކުރެވެން އޮންނާނީ ރައްޔިތުންގެ މަޖިލިސް ތެރެއިން. ސަބަބަކީ އިހަވަންދޫ ދާއިރާގެ ތަރައްގީއަށް ވެފަ ހުރި ހުރިހާ ވައުދެއް މަޖިލިސް ތެރެއިން ބަޖެޓު ފާސްކޮށްގެން ވާން އޮންނާނީ، އަދިވެސް ވަރަށް ގިނަ ކަންކަން މަޖިލިިސް ތެރެއިން ފަހިވެގެން ފުރިހަމަ ވެގެން ނޫނީ ދާއިރާތަކަކަށް ނުކޮށްދެވޭނެ. އެހެންވީމާ، ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައިދިނުމުގެ ނަތީޖާ ނެރުމުގައި، މި ނަތީޖާ ނެރުމަށް އެހީތެރިކަން ދެއްވާނެ ބޭފުޅުން މަޖިލިހަށް ހޮވުމަކީ ވަރަށް މުހިންމު ކަމަކަށް ވާނެ،” ރައީސް ވިދާޅުވިއެވެ.
މަޖިލިހަށް މިސަރުކާރުގެ މެންބަރުން ގެންނަން ބޭނުންފުޅުވާ ސަބަބަކީ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީ މި ތިން ކަންތައް ކުރުމުގައިވެސް ސީރިއަސް މަސައްކަތްތަކެއް ކުރުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ، އަދި މަޖިލިހަށް އެ މެންބަރުން ހޮއްވެވީމަ ކުރައްވާނީ އެންމެ ވަގުތެއްވެސް ބޭކާރުނުކޮށް މަސައްކަތް ކަމަށާއި މިހާތަނަށް މިސަރުކާރުންވެސް ކަންތައް ކުރަމުން އައި ގޮތަށް ވަގުތު ނަގާނުލައި ގައުމަށްޓަކައި ރައްޔިތުންނަށްޓަކައި ވަގުތުނަގާނުލައި މަސައްކަތް ކުރައްވައި ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ތަރައްޤީއޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި، އެ ތަރައްޤީ ގެނައުމުގައި ރައްޔިތުން އެދޭގޮތަށް ނަތީޖާ ނެރެދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވާކަމަށެވެ. އަދި ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި ރައްޔިތުން ޖަހާ ފާހަގައަކީ މި ޤައުމަށް ހަމަޖެހުމާއި ތަރައްޤީއާއި ރައްކާތެރިކަން ގެނައުމަށް ޖަހާ ފާހަގައަކަށް ހެއްދެވުމަށް އެމަނިކުފާނު ގޮވާލެއްވެވިއެވެ.

