ރާއްޖޭގެ ކަންކޮޅުތަކުގައި ފެނަކައިގެ ބްރާންޗުތައް އޮތް ދަށް ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ، ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު”ގެ މިއަދުގެ ސެގްމެންޓްގައި ވ. ރަކީދޫ ގުލްޒާރުހިޔާ މޫނިސާ ދާއޫދު، ރަށްރަށުން ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވުމާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ގެ ޖަވާބުގައި ވިދާޅުވީ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ރާއްޖޭގެ އެކި ކަންކޮޅުގައި ފެނަކައިގެ ބްރާންޗުތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަމަށެވެ. ކުންފުނި އެތައް ސަތޭކަ މިލިއަން ރުފިޔާއިން އެތައް ފަރާތްތަސް ދަރާފައި އޮތް ކަމަށެވެ. ޖެންސެޓްތަކާއި އެކި ކަހަލަ އާލާތްތައް ހުރީ އެއްްގޮތަކަށް ވެސް މެއިންޓެއިން ނުކޮށް ކަމަށެވެ.
“ޖެންސެޓްތަކާ އެކި ކަހަލަ އާލަތްތައް ހުރީ އެއްގޮތަކަށް ވެސް މެއިންޓެއިން ނުކޮށް. އެއްގޮތަށް ވެސް ނުބަލަހަށްޓާ. އޭގެ ސަބަބުން އެތަށް ރަށެއްގައި މި ވަނީ އެތަކެތި ބަދަލު ކުރަން ޖެހިފަ. އެއީ ހާލަތަކީ. ހަމައެކަނި ވިސްނުމުގައެއްނޫން އެކަން އޮތީ، އަޅުގަނޑުމެން ޓްރާންސެޝަލް މަރުހަލާގައި އެއްކުރި މައުލޫމާތުން އެކަން އިނގިފައިވާތީ އެ ހިސާބުން ފެށިގެން ފަށާފައި ވަނީ. މިހާރު ވެސް ބައެއް ރަށްތަކަށް ވަނީ ހައްލު ގެނެސްފައި” ރައީސް ވިދާޅުވިއެވެ.
ރައިސް ވިދާޅުވީ މި ސަރުކާރުން އެކި ރަށްރަށުގައި ބަދަލުކުރަން ޖެހިފައި ހުރި އެކިއެކި ޖެނެރޭޓަރުތަކާއި އާ ޖެނެސެޓް ގެނައުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ކުންފުނި މިހާރު އޮތް ހާލަތުން ނަގައި ކޮޅަށް ޖެހުމާއިއެކުގައި އެ މަސައްކަތަކާ އެކުގައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި ފެނިގެންދާނީ ފެނައިކައިގެ ހާލަތު ރަނގަޅު ކުރެވިގެންދާތަން ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ މައްސަލައަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

