ރާއްޖޭގެ އުތުރުގެ ރަށެއްގައި 12 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް އެކަކަށްވުރެ ގިނަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ހުވަދޫމީޑިއާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުގައި 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، ހާދިސާގެ ޝިކާރައަކަށްވި ކުޑަކުއްޖާ ވަނީ މެޑިކަލްޗެކްއަޕް ހެދުމަށް އެރަށް ކައިރީގައިވާ އެހެން ރަށަކަށް ގެންދެވިފައެވެ.
މިކަން އެނގުނީ އާއިލާގެ ފަރާތުން ކަމެއް ވާކަމުގެ ޝައްކެއް ވެގެން ކުއްޖާއާ ސުވާލު ކުރުމުންނެެވެ. ކުއްޖާ ކިޔައިދެމުން ބުނީ އޭނާއަށް އެފަދައިން ގޯނާ ކުރީ ހަތަރު މީހުން އެކުގައި ކަމަށްވެސް ކުއްޖާގެ އާއިލާއަށް މިކުއްޖާ ވަނީ ކިޔައިދީފައެވެ.
ހުވަދޫމީޑިޔާއަށް އެރަށުގެ މީހެއްގެ ފަރާތުން މިއީ ހިނގައިގެން އުޅޭ ހާދިސާއެއް ކަން ކަށަވަރު ވެފައިވާތީ، އެރަށު ކައުންސިލްގެ ރައީސަށް ގުޅައިގެން ސުވާލު ކުރުމުން ކައުންސިލް ރައީސް ވިދާޅުވީ ރަށުގައި އެފަދަ މައްސަލައެއް ޖެހިގެން އުޅޭ ކަމަށެވެ. ސަބަބަކީ ފުލުހުންނާއި ޖެންޑަރ މިނިސްޓްރީގެ ޓީމެއް ރަށަށް އައިސް އުޅޭތީ ކަމަށާއި އެހެންނަަމަވެސް އެކަމުގެ އެއްވެސް ތަފުސީލެއް، މާބޮޑު މައުލޫމާތެއް ލިބިފައި ނުވާކަމަށް ކައުންސިލްރައީސް ވިދާޅުވިއެވެ.
އަންހެންކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ ހަތަރު މީހަކަށެވެ. އޭގެ ތެރެއިން 3 ކުދިންނަކީ 18 އަަހަރުނުފުރޭ ކުދިންކަމަށްވާއިރު އެއް ކުއްޖަކީ އެރަށު ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ކުއްޖެއް ކަމަށް ވަނީ އެނގިފައެވެ.
މި މައްސަލަ ފެންމަތިވުމާއެކު ފުލުހުންނާއި ޖެންޑާގެ ޓީމެއް ވަނީ އެރަށަށް ގޮސް މައްސަލަ ތަހުގީގު ކުރަން ފެށްޓުމާއެކު އެންމެ ފުރަތަމަވެސް ކުއްޖާގެ މެޑިކަލް ހެދުމަށް އެ އަތޮޅު ވެރިކަން ކުރާ ރަށަށް ގެންދެވުނެވެ. އެހެންނަމަވެސް އެކުއްޖާގެ މެޑިކަލް ނަހައްދާ އަނބުރާ ރަށަށް ގެނެސްފައިވާ ކަމަށާއި އެކުއްޖާއާ އެކީ މެޑިކަލް ހައްދަން ދިޔަ އެކުއްޖާގެ ބޮޑުދައިތައަކީ މިކުއްޖާއަށް ޖިންސީގޯނާ ކުރުމުގައި ބައިވެރިވި އެކަކުގެ “އެކްސް” އެކެވެ. އެހެންކަމުން މެޑިކަލް ނަހައްދާ ކުއްޖާ އަނބުރާ ރަށަށް ގެނެވުނީ ކުއްޖާގެ ބޮޑުދައިތަގެ ރޭވުމަކުންކަމަށް ވެދާނެ ކަމަށްވެސް އެރަށުން މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.
މި ކުޑަ އަންހެންކުއްޖާގެ މަންމައާއި ބައްޕަ ވަކިވެ، މަންމަ އެހެން މީހަކާ އިނދެގެން ދިޔުމުން ކުއްޖާ ބަލައިބޮޑުކުރީ ބައްޕައެވެ.
ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގައި ހިމެނޭ ރަށެއްގައު ކުޑަ ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުުހުން ބުނީ ކުޑަކުދިންގެ މައްސަަލަތަކަކީ ސީރިއަސް ޚައްސާސީ މައްސަލަތަކަކަށް ވާތީވެ، ކުއްޖާގެ އައިޑެންޓިޓީ ރައްކާަތެރިކުރުމުގެ ގޮތުން، ކުއްޖާގެ ނަމާއި އަތޮޅާއި ރަށްފަދަ މައުލޫމާތު އެ ސާވިސް އިން ހާމަ ނުކުރާ ކަމަށެވެ.

